ދުނިޔެ

ހުޅަނގުން ހަމަލާއެއް ދީފިނަމަ ނިއުކްލިއާ ބޭނުންކުރާނެ: ރަޝިއާ

ހުޅަނގުން ހަމަލާއެއް ދީފިނަމަ އަދި އެ ހަމަލާއަކީ ނުރައްކާތެރި ހަމަލާއަކަށް ވެއްޖެނަމަ ބަދަލުގައި ނިއުކްލިއާ ބޭނުންކޮށްގެން އެ ބަޔަކަށް ހަމަލާ ދޭނެ ކަމަށް ރަޝިއާގެ ޝެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން ދިމިތުރީ މެދުވެދޭވް ވިދާޅުވެއްޖެ އެވެ.

މެދުވެދޭވް ވިދާޅުވީ ޔުކްރޭން ހަނގުރާމަ ހުއްޓުވަން މަސައްކަތްކުރުމުގެ ބަދަލުގައި ހުޅަނގުގެ ގައުމުތައް ޝައުގުވެރިވަނީ ޔުކްރޭން ލައްވައި ރަޝިއާއާ ހަނގުރާމަކުރުވަން ކަމަށެވެ. ރަޝިއާ އަކީ ނިއުކްލިއާ ބާރަކަށް ވެފައި ރަޝިއާގެ މިނިވަންކަމާ މެދު ބިރުހީވެއްޖެ ހިނދެއްގައި ނިއުކްލިއާ ހަތިޔާރު ބޭރުންކުރުމަކީ ލިބިގެންވާ ހައްގެއް ކަމަށްވެސް ވިދާޅުވި އެވެ.

މެދުވެދޭފް ވިދާޅުވި ގޮތުގައި ރަޝިއާ ސިފައިންގެ ތެރޭގައި ނިއުކްލިއާ ހަތިޔާރުތަކަށް ގާބިލު އަދި އެ ބޭނުންކުރަން ދަސްކޮށްގެން ތިބި ބަޔަކު ތިބެ އެވެ. އެ މީހުން ދެން ތިބޭނީ ހަތިޔާރު ބޭނުންކުރަން ތައްޔާރަށް ކަމަށްވެސް ވިދާޅުވި އެވެ.

ރަޝިއާގެ ރައީސް ކަމާއި ބޮޑުވަޒީރު ކަންވެސް ކުރައްވާފައިވާ މެދުވެދޭވް ވިދާޅުވީ ރަޝިއާގެ ސަލާމަތާ ބެހޭ ކައުންސިލުން މި މޭރުމުން ވާހަކަދައްކަން ޖެހުނީ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ޔުކްރޭނަށް ސިފައިން ފޮނުވަން ޖެހިދާނެ ކަމަށް ބުނުމާ ގުޅިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ނޭޓޯ ސިފައިން ރަޝިއާއަށް ނާރާނެ ކަމަށް އަދި އެ މީހުން ލައްވައި ރަޝިއާއަށް ހަމަލާނުދޭނެ ކަމަށް ވިސްނުމަކީ ރަޝިއާގެ ވިސްނުމެއް ނޫން ކަމަށެވެ.

ހުޅަނގަށް އެނގެން ޖެހޭ ހަގީގަތަކީ ދިމިތުރީ މެދުވެދޭފް ވިދާޅުވި ގޮތުގައި ޔުކްރޭން ސިފައިންނާ ބައިވެރިވެގެން ނަމަވެސް ރަޝިއާއަށް ހަމަލާދިނުމުގައި ހުޅަނގުގެ ގައުމެއް ބައިވެރިވެއްޖެނަމަ އެ ބަޔަކާ ދެކޮޅަށް ރަޝިއާއިން ބަދަލުހިފާނެ ކަމެވެ.

ރަޝިއާއިން ބަދަލުހިފާނީ ނަމެއްގައި ނޫން ކަމަށާއި އައްސިފިލައިގެ ނުދާ ވަރުގެ ހަމަލާތަކެއް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެދުވެދޭވް ވިދާޅުވީ ޔުކްރޭންގެ ތެރެއިން ރާޝިއާއަށް ފޯރާ ހަމަލާތައް ދިރާސާކުރުމަށްފަހު ބަދަލުހިފުމުގެ ހަމަލާތައް ދޭނީ ހަމައެކަނި ޔުކްރޭނަށް ނޫން ކަމަށެވެ.

ރަޝިއާ އިން ދޭ ހަމަލާތަކުގެ ބާރުގަދަވާނެ ކަމަށާއި ބޭނުންކުރާނީ އާދައިގެ ހަތިޔާރު ނޫން ކަމަށްވެސް ދިމިތުރީ މެދުވެދޭފް ވިދާޅުވި އެވެ.