ދުނިޔެ

ޑޮލަރާއި ޔޫރޯ ފަހަތުން ދުވާނެ ބަޔަކު ދެން ނުވާނެ: ލުކަޝެންކޯ

ޑޮލަރާއި ޔޫރޯއާ ނުލައި ގައުމުގެ އިގުތިސާދު ކޮޅަށް ޖަހައި ދެމެހެއްޓުމަށް ބޭނުން ނުވާ އެކަކުވެސް ނޫޅޭ ކަމަށް ބެލަރޫސްގެ ރައީސް އެލެގްޒެންދަރު ލުކަޝެންކޯ ވިދާޅުވެއްޖެ އެވެ.

ލުކަޝެންކޯ ވިދާޅުވި ގޮތުގައި ބެލަރުސް އާއި ރަޝިއާގެ ވިސްނުމަކީ ވީއެންމެ އަވަހަށް އެމެރިކާ ޑޮލަރާއި ޔޫރަޕްގެ ފައިސާ -- ޔޫރޯ ދޫކޮށްލައި އަމިއްލަ ފައިސާއަކަށް އިގުތިސާދު ރުޖޫއަކުރުން ކަމަށެވެ.

ބެލަރުސްގެ ރައީސް ވިދާޅުވި ގޮތުގައި ޑޮލަރާއި ޔޫރޯގެ އަގުވެއްޓެން މެދުވެރިވި މައިގަނޑު ސަބަބަކީ ރަޝިއާއާ ދެކޮޅަށް ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކެވެ. އަދި ހުޅަނގުގެ ގައުމުތަކުގައި ރަޝިއާއަށް ލިބެން ހުރި ފައިސާ ހިފަހައްޓާފައި ހުރުމަކީ ވެސް ޑޮލަރަށާއި ޔޫރޯއަށް އޮތް ބޭނުން ކެނޑެން މެދުވެރިވި ސަބަބެކެވެ.

ރަޝިއާ އާއި ބެލަރުސް އަކީ ދުނިޔެއަށް ބޭނުންވާ ތަކެތި އުފައްދާ ދެ ގައުމު ކަމަށް ލުކަޝެންކޯ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިއާއާ ބެލަރުސްއާ އެކު ވިޔަފާރިކުރާ ގައުމުތަކަށް ޑޮލަރާއި ޔޫރޯ ނޫން ފައިސާއަކުން އަގުދައްކަން ޝަރުތުކުރާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑޮލަރުގެ އަގުވެއްޓުމަކީ އެމެރިކާގެ އިގުތިސާދާށް އެނގުންވާނެ ކަމެކެވެ.

އެމެރިކާއާ އެކު ގާތް ގުޅުމެއް ބާއްވަން އެދޭ ކޮންމެ ގައުމަކުން، އެ ބައެއްގެ އިގުތިސާދުގައި ޑޮލަރު އަނބުރަން ޖެހުން އޮންނަނީ އެމެރިކާއިން ޝަރުތުކޮށްފަ އެވެ.

ބްރެޒިލް، ރަޝިއާ، އިންޑިއާ ޗައިނާ އަދި ސައުތު އެފްރިކާ އިސްނަގައިގެން އުފައްދާފައި އޮތް ބްރިކްސް ޖަމާއަތުގެ މައިގަނޑު ބޭނުމަކީ ވެސް ޑޮލަރަށް އޮތް ބޭނުންތެރިކަން ނައްތާލުމެވެ. އަދި އިގުތިސާދީ ބޭނުންތަކުގައި ބްރިކްސްއަށް ކަމުކިޔާ ގައުމުތަކުން -- ބްރިކްސްއިން ފާސްކުރާ ފައިސާއަކުން އަގުދެއްކުން ލާޒިމުކަމެއް ގޮތުގައި ހަދާނެ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ރައީސްގެ މަގާމަށް ވަޑައިގެންފާނެ ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑޮނަލްޑް ޓްރަމްޕަށް އެމެރިކާގެ ރައީސްގެ މަގާމު ލިބިވަޑައިގެންފިނަމަ، ޑޮލަރުން ވިޔަފާރި ނުކުރާ ގައުމުތަކަށް ދަތިކުރާނެ އެވެ. އަދި އިގުތިސާދީ ލުއިތަކުން އެ ގައުމުތައް ބާކީކުރާނެ އެވެ.