ދުނިޔެ

"މިންސްކް އެއްބަސްވުން ތަންފީޒު ކުރުމުގެ ވިސްނުމެއް ނުގެންގުޅެން"

މިންސްކް އެއްބަސްވުމަކީ ތަންފީޒު ކުރެވޭނެ މުއާހަދާއެއް ނޫން ކަމަށް -- ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް އާއި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަށް -- ދެންނެވި ކަމަށް ޔުކްރޭންގެ ރައީސް ލޮވޮދިމީރު ޒެލެންސްކީ ވިދާޅުވެއެޖެ އެވެ.

ޒެލެންސްކީ އަދި ވިދާޅުވީ މިންސްކް އެއްބަސްވުމަށް އަމަލު ނުކުރައްވާނެ ކަމަށްވެސް އެ ބޭފުޅުންނަށް ދެންނެވި ކަމަށެވެ.

ބެލަރޫސްގެ ވެރިރަށް މިންސްކްގައި ސެޕްޓެމްބަރު 5، 2014 ގައި އެކުލަވާލި "މިންސްކް ޕްރޮޓޮކޯލް"ގެ މަގުސަދަކަށް ވެފައި އޮތީ ޔުކްރޭންގައި -- ދޮންބާސްގެ ދެކޮޅުގައި އޮންނަ ދޮނެސްކާއި ލުހާންސްކްގައި ސުލްހަ ގާއިމުކުރުމެވެ.

މަތީގައި އޮތް ތާރީޚުގައި އެކުލަވާލި އެއްބަސްވުމަށް އަމަލުކުރެވޭ ގޮތް ނުވުމުން -- މާއްދާތައް މުތޯލިޔާކޮށް ފެބްރުއަރީ 12، 2015 ގައި އަލުން ސޮއިކުރި އެވެ.

އެއްބަސްވުން ގާއިމުކުރެވުނީ ދޮނެސްކް ޕީޕަލްސް ރިޕަބްލިކް އާއި ލުހާންސްކް ޕީޕަލްސް ރިޕަބްލިކްގެ ލީޑަރުންގެ މެދުގައި -- ރަޝިއާ އާއި ޖަރުމަން އަދި ފްރާންސް ހެކިކޮށެވެ.

ޖަރުމަނުގެ މަޖައްލާއަކަށް ބުރާސްފަތި ދުވަހު ޒެލެންސްކީ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިންސްކް އެއްބަސްވުން ތަންފީޒު ކުރެއްވުމުގެ ވިސްނުން ދުވަހަކު ވެސް ނުގެންގުޅުއްވާ ކަމަށެވެ.

އެހެން ނަަމަވެސް، ރަޝިއާއަށް ގަބޫލުކުރެވިފައި އޮތީ މިންސްކް އެއްބަސްވުމަކީ، ހަމަ ހަގީގަތުގައި ވެސް ދޮންބާސްއަށް ސުލްހަ ގެނައުމަށް ބަޔަކު ކުރި މަސައްކަތެއް ކަމަށެވެ.

ޖަރުމަނުގެ ކުރީގެ ޗާންސެލަރު އެންޖެލާ މާކެލް އާއި ފްރާންސްގެ ކުރީގެ ރައީސް ފްރާންސްވާ އޮލެންދާ ވެސް ވަނީ -- މިންސްކް އެއްބަސްވުމަކީ ޔުކްރޭނަށް ސުލްހަ ގެނައުމަށް އެކުލަވާލި އެއްބަސްވުމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މިންސްކް އެއްބަސްވުމުގެ ބޭނުމެއް ކަމަށް އެ ބޭފުޅުން ވިދާޅުވީ މި އެއްބަސްވުމަކީ ޔުކްރޭނަށް އަސްކަރީ ގާބިލުކަން ހޯދައި ދިނުމަށް ހުޅަނގުން ކުޅުނު ކުޅިގަނޑެއް ކަމަށެވެ.

އެންޖެލާ މާކެލް ވިދާޅުވި ގޮތުގައި މިންސްކް އެއްބަސްވުން އެކުލަވާލަމުން ދިއައިރުވެސް ވިސްނުމަކަށް ވެފައި އޮތީ އަސްކަރީ ގޮތުން ޔުކްރޭން ބާރުގަދަކުރުން ކަމަށެވެ.