ސޯވިއެޓް ޔޫނިއަން އުވިދިއުމާ ގުޅިގެން 1991 ގައި ބެލަރޫސް އިން ނިއުކްލިއާ ހަތިޔާރާ ދުރުވެގަތީ ހުޅަނގުން ފުރުސަތު ދިނުމުން ކަމަށާއި އެމެރިކާގެ ރައްކާތެރިކަމާއި އެހީތެރިކަމުން އޭރު ބެލަރޫސް އަށް ފައިދާކުރި ކަމަށް ބެލަރޫސްގެ ސެކިއުރިޓީ ކައުންސިލްގެ ސްޓޭޓް ސެކްރެޓަރީ އެލެގްޒެންދަރު ވޮލްފޯވިޗް ވިދާޅުވެއްޖެ އެވެ.
އެލެގްޒެންދަރު ވޮލްފޯވިޗް ވިދާޅުވި ގޮތުގައި ރަޝިއާއާ ގުޅިގެން ބެލަރޫސްގައި މިހާރު ނިއުކްލިއާ ހަތިޔާރު ބަހައްޓަނީ ހުޅަނގުން ކުރިން ދިން ފުރުސަތު އަނބުރާ ގެންގޮސް ބެލަރޫސްއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން -- ގައުމީ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.
އެމެރިކާއާ ގުޅިގެން ޔޫރަޕިއަން ޔޫނިއަނުން ބެލަރޫސް އަށް ކެހިދީފި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެއްބާރުލުމާއި އަހުދާއި ވައުދު އުވާލައިފި ކަމަށްވެސް ވިދާޅުވި އެވެ.
ބެލަރޫސްގައި ރަޝިއާގެ ނިއުކްލިއާ ހަތިޔާރު -- ބޭނުންޖެހިއްޖެ ހާލަތެއްގައި ބޭނުންކުރެވޭ ގޮތަށް ބަހައްޓަމުން ގެންދާތީ އެމެރިކާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. އަދި ބެލަރޫސް އަށް އިގުތިސާދީ ގޮތުން ދަތިކުރަން ބައިވެރިންނަށް ވަނީ ގޮވާލާފަ އެވެ.
ބެލަރޫސްގެ ވެރިކަން 1994 ގައި ބަދަލުވެ ރައީސްކަމަށް އެލްގްޒެންދަރު ލޫކަޝެންކޯ ވަޑައިގަތުން އެމެރިކާ އަށާއި ހުޅަނަގަށް ކެތްކުރެވޭ ކަމަކަށް ނުވި އެވެ. ސަބަބަކީ ލޫކަޝެންކޯ އަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ވަރަށް ގާތް އެހާމެ އަރިސް ބޭފުޅަަކަށް ވުމެވެ.
ލޫކަޝެންކޯގެ ނަޒަރިއްޔާ އަކީ ޕޫޓިންގެ ވިދާޅުވުމެއް އޮއްވައި އެހެން ގޮތެއް އިޚުތިޔާރު ނުކުރެއްވުމެވެ. މިހެންކަމުން ހުޅަނގަށް ވުރެ ބެލަރޫސް މާބޮޑަށް ވެސް އޮންނަނީ ރަޝިއާއަށް ބުރަވެފަ އެވެ.
ރަޝިއާގެ ބޭނުންތަކަށް ބެލަރޫސްގެ ފަސްގަނޑު ދިނުމަކީ ވެސް ހުޅަނގުން ހީކަރުވާ ކަމެކެވެ. މިހާރު ހިނގަމުންދާ ޔުކްރޭން ހަނގުރާމާގައި ވެސް ބެލަރޫސް އޮތީ ރަޝިއާ ކޮޅުގަ އެވެ.
އަނެއްކޮޅުން، ރަޝިއާ ބޭނުންޖެހިދާނެ ކަމަށް ބެލަރޫސްގައި ހަތިޔާރު ގުދަންކުރުމާއި މިސައިލުން ދިފާއުވާ ނިޒާމު ބެހެއްޓުމުގައި ވެސް ރަޝިއާއަށް އެއްވެސް ހުރަހެއް ނެތެވެ. ޕޫޓިން އެ ވަގުތަކު އެދިވަޑައިގަންނަވާ ގޮތަށް ލޫކަޝެންކޯ މަސްލަހަތު ތަނަވަސްކޮށްދެ އެވެ.