އުރީދޫ

ސްމޯލް މާކެޓް ޓެލްކޯ އޮފް ދަ އިޔާގެ ޝަރަފު އުރީދޫ މޯލްޑިވްސް

ސެއިންޓް ރެޖިސް ސިންގަޕޫރުގައި މިމަހުގެ 28 ވަނަ ދުވަހު ބޭއްވި ޓްވިމްބްޓް އެވޯޑްސްގެ "ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ" ގެ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

"ސްމޯލް މާކެޓް ޓެލްކޯ އޮފް ދަ އިޔާ" އަށް ނޮމިނޭޓްވި ތިން ކުންފުންޏަކީ އުރީދޫ މޯލްޑިވްސް، ދިރާގު، އަދި ބްރޫނާއީގެ ޑީއެސްޓީ އެވެ.

އުރީދޫ މޯލްޑިވްސް އަށް މި އެވޯޑް ލިބުމާއި ގުޅިގެން އެ ކުންފުނީގެ ސީއީއޯ ހާލިދު އަލް ހަމާދީ ވަނީ މިއީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ވިދާޅުވެފަ އެވެ.

"މިއީ މިކާމިޔާބީ އަށް މަގުފަހިކޮށްދިން އަޅުގަނޑުމެންގެ ޓީމްގެ ހިތްވަރާއި ބުރަ މަސައްކަތުގެ ހެއްކެއް. މިކާމިޔާބީގެ ފަހަތުގައި ތިބި ހުރިހާ ފަރާތްތަކަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. މި ކާމިޔާބީ ފާހަގަކުރަމުންދާއިރު، ކުރިއަށް އޮތްތަނުގައިވެސް އީޖާދީ، ފެންވަރު ރަގަޅު ޚިދުމަތް ދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

މި އެވޯޑްސްގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބޮޑެތި ޓެލްކޯ އަދި ޓެކް ކުންފުނިތަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ބާރްތީ އެއާޓެލް، ސިންގްޓެލް، ސްޓާހަބް، ރަކުޓެން މޮބައިލް ޖަޕާން، ރިލަޔަންސް ޖިއޯ، އިންޑޯސެޓް އުރީދޫ ހަޗިސަން، ޗައިނާ މޮބައިލް ފަދަ ކުންފުނިތައް ހިމެނެ އެވެ.

ޓެލެކޮމް އިނޮވޭޓަރުންނަށް ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްއިން ވަނީ 23 ކެޓަގަރީއަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ޓެލްކޯ އޮފް ދަ އިޔާ، ޓެލްކޯ ޓު ޓެކްކޯ އޮފް ދަ އިޔާ ފަދަ ދާއިރާތަކުން ފާހަގަކޮށްލެވޭ ކުންފުނިތަކަށް ޝަރަފުވެރި އެވޯޑް ހަވާލުކޮށްފަ އެވެ.

މި އެވޯޑުގެ ސްޓްރެޓީޖިކް ޕާޓްނަރަކީ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމުގައި މަޝްހޫރު ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އެފް5 އެވެ. މި ޕްރޮގްރާމުގެ މީޑިއާ ޕާޓްނަރަކީ ޑީއެންއޭ އެވެ.

އެވޯޑް ހަފްލާގައި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދި ކުންފުނިތަކުގެ ތެރޭގައި އެސްކޭޓީ، ރިލަޔަންސް ޖިއޯ، ޕީސީސީޑަބްލިއު، ޓެލްސްޓްރާ، އޮޕްޓަސް، ބާރްތީ އެއާޓެލް، އުރީދޫ މޯލްޑިވްސް ހިމެނެ އެވެ. މިކުންފުނިތަކަށް މި ލިބުނު ކާމިޔާބީއަކީ މުވާސަލާތީ ދާއިރާގައި މިކުންފުނިތަކުން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތަކީ މިރީޖަންގައި ތައުރީފު ހައްގު ހުދުމަތެއް ކަން ޔަގީންވާ ކާމިޔާބީއެކެވެ.