އުރީދޫ މޯލްޑިވްސްއިން ޓިކްޓޮކްއާއެކު ސްޓްރެޓީޖިކް ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.
މި ޕާޓްނާޝިޕް އިއުލާނުކުރީ ރޭ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ޕާޓްނާޝިޕްއާއެކު ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އުރީދޫން ބުނެ އެވެ.
އުރީދޫ މޯލްޑިވްސްއަކީ ކަސްޓަމަރުންނަށް އާކަންކަން އަދި އީޖާދީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއް ކުންފުންޏެވެ. އުރީދޫ ނެޓްވާކުގައި ޓިކްޓޮކް ބޭނުންކުރާ މީހުންނަށް ހަލުވި ސްޕީޑުގައި ޓިކްޓޮކް ބޭނުންކުރުމާއި ސްޓްރީމް ކުރުމާއި ޝެއާކޮށް އަދި ކޮންޓެންޓް އުފެއްދުމުގައި އިތުރު ފަސޭހަތައް ވެގެންދާނެ އެވެ.
ހަމަމިއާއެކު އުރީދޫއިން ޓިކްޓޮކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕެކްތަކެއްވެސް މި އިވެންޓްގައި ވަނީ ލޯންޗްކޮށްފަ އެވެ. ރާއްޖޭގައި މިހާރު އުފެދިފައިވާ އަދި އުފެދެމުންދާ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް މި ޕެކްތަކުގެ ސަބަބުން އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް-ހަމާދީ ވިދާޅުވި ގޮތުގައި އުރީދޫއާއި ޓިކްޓޮކްގެ މި ޕާޓްނާޝިޕަކީ އުރީދޫ ކަސްޓަމަރުންނަށްޓަކައި ފޯރުކޮށްދެމުންދާ އީޖާދީ ހިދުމަތްތަކާއި ޒަމާނީ ސޮލިއުޝަންތަކަށް އިތުރުކުރެވޭ ބޮޅެކެވެ.
ޓިކްޓޮކާއެކު އުރީދޫގެ ކަސްޓަމަރުންނަށް ކޮންޓެންޓް އުފެއްދުމަށާއި އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކޮށް އާކަންތައްތައް ހޯދުމުގައި އުރީދޫ ނެޓްވާކް މެދުވެރިކޮށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.