ޓޫރިޒަމް

އިންޑިޔާގެ އޮބެރޯއީ ގްރޫޕުން ރާއްޖޭގައި ރިސޯޓެއް ހަދަން ސޮއިކޮށްފި

Mar 3, 2016
  • އޮބްރޯއިން އަޅަނީ ލަގްޒަރީ ރިސޯޓެއް
  • މި ގްރޫޕުގެ ރިސޯޓެއް އަދި ރާއްޖެއަކު ނެތް
  • ލީލާ ގްރޫޕުން ވެސް އިންވެސްޓް ކުރާނެ

އިންޑިޔާގެ އެންމެ ބޮޑު ހޮޓެލް ޗެއިން ކަމަށްވާ އޮބެރޯއީ ގްރޫޕުން ރާއްޖޭގައި ރިސޯޓެއް ހަދަން މެމޮރެންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) އެއްގައި ދިވެހި ސަރުކާރާއެކު ސޮއިކޮށްފި އެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުގައިވާ ގޮތުން ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އޮބެރޯއީ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޗެއާމަން ކޭއެން ބާލަސުބްރަމާނިއަމް އެވެ. ނަމަވެސް މި ރިސޯޓު ތަރައްގީ ކުރަނީ ކޮން ރަށެއްގައި ކަމެއް ބުނެފައެއް ނުވެ އެވެ.

އޮބެރޯއީ ގްރޫޕުގެ ޗެއާމަން ޗެއާމަން ކޭއެން ބަލަސުބްރަމާނިއަމް ވިދާޅުވެފައިވާ ގޮތުން ދިވެހި ސަރުކާރާ ދެމެދު ވެވުނު އެމްއޯޔޫގެ ދަށުން އެންމެ މަތީ ފަންތީގެ ރިސޯޓެއް ތަރައްގީ ކުރާނެ އެވެ.

ދާދި ފަހުން އިންޑިޔާގެ ޓޫރިޒަމް އިސް ފަރާތްތަކާ ބައްދަލު ކުރެއްވުމަށް އެ ގައުމަށް ކުރެއްވި ޒިޔާރަތަށް ފަހު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވާ ގޮތުގައި އިންޑިޔާގެ އޮބެރޯއީ އާއި ލީލާ ކުންފުނިން ރާއްޖޭގައި މުޅިން އަލަށް އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށެވެ.

އޮބެރޯއީއަކީ ރާއްޖޭގެ ޓޫރިޒަމްގައި އަލަށް އިންވެސްޓްކުރާ ކުންފުންޏެވެ. އިންޑިޔާގެ ބައެއް ކުންފުނިތަކުން ރާއްޖޭގައި މިހާރުވެސް އިންވެސްޓް ކޮށްފައިވެ އެވެ. މީގެ ތެރޭގައި މަޝްހޫރު ތާޖު ކުންފުނި ހިމެނެ އެވެ.