ދުނިޔެ

ޗައިނާގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާނަން: ޓައިވާން

ޓައިވާންގެ އަސްކަރިއްޔާ އޮތީ ޗައިނާގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެ ތައްޔާރަށް ކަމަށް ޓައިވާންގެ ދިފާއީ ވަޒީރުގެ ނައިބު ޕޮ ހޮންގް ވެއީ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން މި ވިދާޅުވި މި މަހު 20 ގައި ޓައިވާންގެ އާ ރައީސް ހުވައިކުރެއްވުމުގެ ރަސްމިއްޔާތާ ދިމާކޮށް ޗައިނާގެ އަސްކަރީ ނުފޫޒެއް ޓައިވާނަށް ފޯރުން އެކަށީގެންވާ ކަމަށް ބުނާ ރިޕޯޓްތަކަކާ ގުޅިގެންނެވެ.

ޓައިވާންގެ ރައީސްކަމާ މި ފަހަރު ހަވާލުވެ ވަޑައިގަންނަވާ ލައި ޗިން ޓޭ އަކީ ވެސް، އެ މަގާމުގައި މިހާރު ހުންނެވި ސައި އިންވެންގް ފަދައިން ޗައިނާއާ ދެކޮޅު ވިސްނުން ގެންގުޅުއްވާ ލީޑަރެކެވެ.

ޗައިނާ ގަބޫލުކުރާ ގޮތުގައި ޓައިވާން އަކީ އެ ގައުމުގެ ބައެކެވެ. ވަކި ވެރިކަމަކުން ޓައިވާން ކޮންޓްރޯލްކުރި ނަމަވެސް، އޮންނަން ވާނީ ޗައިނާގެ މައި ސަރުކާރުގެ ދަށުގަ އެވެ.

ޗައިނާގެ މައި ސަރުކާރުން ޓައިވާން ވަކިވާން ކުރާ ކޮންމެ ކަމަކަށް ހުރަސްއަޅާނެ ކަމަށް ޗައިނާ ބުނެ އެވެ. އަސްކަރީ ބާރު ބޭނުންކޮށްގެން ޓައިވާނަށް ފިޔަވަޅުއަޅަން ޖެހުނު ނަމަވެސް، އެކަމެއް ކުރާނެ ކަމަށް ޗައިނާ އޮތީ ބުނެފަ އެވެ.

ނަމަވެސް، ޓައިވާންގެ ރައްޔިތުންނާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވެސް ޗައިނާއިން އޮތީ ބުނެފަ އެވެ. ރައްޔިތުންނަށް އަނިޔާވެދާނެ އެއްވެސް ކަމެއްގައި ޗައިނާ ބައިވެރި ނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޓައިވާންގެ ސަރުކާރާ މި ފަހަރު ހަވާލުވެ ވަޑައިގަންނަވާ ލައި ޗިން ޓޭ ކެމްޕޭން އެއްވުންތަކުގައި ވިދާޅުވެފައިވާ ގޮތުން ޓައިވާންގެ ހުރިހާ ކަމެއް ނިންމާނީ ޓައިވާންގެ ރައްޔިތުންނެވެ. ޗައިނާއަކުން ނޫނެވެ.

ޓައިވާންގެ މިފަދަ ބުނުންތަކަށް އެންމެ ބޮޑަށް ހިތްވަރުދޭ ގައުމަކީ އެމެރިކާ އެވެ. އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ޓައިވާންއަށް އަސްކަރީ އާލަތްތައް ފޯރުކޮށްދީ ބާރުގަދަ އަސްކަރިއްޔާއެއް ޓައިވާންގައި ގާއިމުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

އަސްކަރީ ގޮތުން ޓައިވާން އެހީތެރިވުމުގައި އެމެރިކާގެ އޮތް ބޭނުމަކީ ޗައިނާ ކޮންޓްރޯލްކޮށްފައި ބޭއްވުމެވެ. ޗައިނާއަށް ހަމަލާދެވޭ ވަރުގެ ބާރުގަދަ ހަތިޔާރު ޓައިވާނަށް ޖަމާކުރުމުގެ ބޭނުމަކީ ވެސް މިއީ އެވެ.