ފިނިޕޭޖް

"ހަތަރު ހަޅަ" އިން ރަވީ ކަނޑަށް: ޖެހުނީ ކޮން ކަހަލަ ވިލާގަނޑެއްގައި؟

މީގެ ދެ ތިން އަހަރު ކުރިން ޕްރޮޑިއުސަރު މުހައްމަދު ފުއާދު (ފޯޑް) އިއުލާނުކޮށް މަސައްކަތްފެށި އެންތޮލޮޖީ ފިލްމު "ހަތަރު ހަޅަ" އަކީ ވަރަށް ގިނަ ބައެއްގެ އުއްމީދުތަކާ ގުޅުނު އަދި އެ ފިލްމަކަށް އިންތިޒާރުކުރާހިތްވާ ކަހަލަ ސިފަތަކެއް ވެސް އޭގައި ޖެހުނު ޕްރޮޖެކްޓެކެވެ. ނަމަވެސް މި ފިލްމު ބޮޑު ސްކްރީނަށް ގެނައުމުގެ ދަތުރަށް ފިލްމީ ދާއިރާގެ ނިކަން މަޝްހޫރު ހަތަރު ޑައިރެކްޓަރުންނާ އެކު ފޯޑް ނުކުތް ހިސާބުން އޭނާގެ މި ފިލްމެއް އެ ވަނީ ނިކަން ގަދަ ވިލާގަނޑެއްގައި ޖެހި ވިއްސިވިހާލިވެފަ އެވެ.

ފިލްމު އަދިވެސް ނުނިމެ އެވެ. ބެލުންތެރިންނާ ހަމަ އަށް ފިލްމު ގެނެވޭނެ ދުވަހެއް ނޭނގެ އެވެ. އަދި މިއަށް ވުރެ ބޮޑު މައްސަލައަކަށް ވެފައި ވަނީ މި ޕްރޮޖެކްޓްގައި މަސައްކަތްކުރި އުއްމީދީ ޑައިރެކްޓަރު ރަވީ ފާރޫގް މި އޮޑިއަކުން "ކަނޑަށް" ވެއްޓިފައިވުމެވެ. ފިލްމު ނިންމަން އެއްބަސްވި ތާރީޚަށް ފިލްމު ނުނިމިގެން ރަވީ އަތުން ފިލްމުގެ އެ ސެގްމަންޓް އަތުލީ ކަމަށް ޕްރޮޑިއުސަރު ބުނާއިރު ރަވީ ދައްކާ ވާހަކައިގައި ނިކަން ސީރިއަސް މައްސަލައެއް ވެސް އެބައުޅެވެ.

އެކަމަކު އޭގެ ކުރިން މި "ހަތަރު ހަޅަ" އަކާ ބެހޭ ގޮތުން ވާނުވާ އެނގޭވަރު ކޮށްލަމާ ހިނގާށެވެ.

މިއީ ކޮން ކަހަލަ ފިލްމެއް؟

ފިލްމަކީ އެންތޮލޮޖީ އެވެ. ނުވަތަ އޭގައި ތަފާތު ހަތަރު ވާހަކައެއް ކިޔައިދޭ ފިލްމެކެވެ. މި ހަތަރު ވާހަކަ ފިލްމަށް ޑައިރެކްޓްކޮށްފައި ވަނީ ވެސް ހަތަރު ޑައިރެކްޓަރުންނެވެ. އެއީ ރަވީ އާއި އަބްދުލް ފައްތާހު އަދި ފޯޑްގެ ކޮއްކޮގެ މޫމިން ފުއާދު އަދި އަލީ ޝިފާއު އެވެ.

ފިލްމުގެ ހަތަރު ސެގްމަންޓަކީ:

  • ބައިވެރިޔާ (ޑައިރެކްޓަރު މޫމިން)
  • ގާތިލް (ޑައިރެކްޓަރު ރަވީ)
  • ދަރިފިރި (ޑައިރެކްޓަރު ފައްތާހު)
  • ފޮށި (ޑައިރެކްޓަރު ޝިފާއު)

މި ހަތަރު ސެގްމަންޓާ އެކު ފިލްމުގެ ބަޖެޓަކީ ދެ ލައްކައެއްހާ ރުފިޔާ އެވެ. އެޑްވާންސްކޮށް 50 ޕަސެންޓް ބަޖެޓް ފޯރުކޮށްދީގެން ފެށި މި ޕްރޮޖެކްޓްގައި މިހާތަނަށް އެއްކޮށް ނިމިފައިވާ ސެގްމެންޓަކީ "ފޮށި" އެކަންޏެވެ. ފިލްމުގެ އެހެން މަސައްކަތްތައް ކުރިއަށް ގޮސްފައި ހުރި ހިސާބަށް ބަލާއިރު ޕްރޮޑިއުސަރު ބުނަނީ ފިލްމުގެ 75 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

މިއީ 45 ދުވަސް ތެރޭގައި މަސައްކަތް ނިންމަން ހިފި ފިލްމެކެވެ.

ފިލްމު ނުނިމިގެން ޕްރޮޑިއުސަރު ބުނަނީ ކީކޭ؟

ޕްރޮޑިއުސަރު ފޯޑް ބުނާ ގޮތުން ނަމަ މިހާތަނަށް ފިލްމަށް ދިމާވި މައްސަލައެއް ދިމާވެ އޭގެ ދުވެލި ހުއްޓުމަށް މެދުވެފައިވާ މައިގަނޑު ސަބަބަކީ ދެ ސެގްމެންޓަކާ ހަވާލުވި ދެ ޑައިރެކްޓަރަކަށް ޑެޑްލައިނަށް މަސައްކަތް ނުނިންމިގެންނެވެ. އެއީ ފައްތާހު އާއި ރަވީ އެވެ.

އެކަމަކު މީގެ ތެރެއިން ބޮޑަށް ކުށްވެރިވަނީ ރަވީ އެވެ. ރަވީ އަތުން ފޯޑް ވަނީ ފަހުން ފިލްމު ވެސް އަތުލައިފަ އެވެ.

"ރަވީގެ ފިލްމު އޭނާ އަތުން ނަގައި އަޅުގަނޑުގެ ބާރުގެ ދަށަށް ގެންދިޔައީ ފިލްމު ނިންމަން ބުނި ތާރީޚަށް އޭތި ނުނިންމިގެން. އޭގައި މިހާރު ބާކީ ހުރީ ޑަބިންގެ މަސައްކަތް އެކަނި. އެ މަސައްކަތަށް ބޭނުންވާ ބަތަލާ (މަރިޔަމް މަޖުދާ) މަޖޫ މިވަގުތު ރާއްޖޭގައި ނޫޅޭތީ އެ މަސައްކަތް ނުކުރެވިގެން އުޅެނީ،" ފިލްމާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓް ދެމުން ފޯޑް ބުންޏެވެ.

"ރަވީ އަތުން ނަގައިގެން ގޮސް އޭގެ އެޑިޓިން ވެސް އެއްކޮށް ނިންމާފައި ހުންނާނީ މިހާރު. ނެގިިއިރު ނިމިފައި އޮތީ ޝޫޓިން އެކަނި. މަންޒަރުތައް އެއްކޮށް ޝޫޓްކޮށް ނިމިފައި އޮތީ."

"ވީގޮތަކީ، މިސާލަކަށް ފައްތާހު ވެއްޖެއްޔާ އޭނައާ ފޯނުން ވެސް ވާހަކަ ދައްކާލެވޭ. ފިލްމަށް ވާގޮތް ބެލުމަށާއި ލަސްވާ ނަމަ ލަސްވަނީ ކީއްވެގެންތޯ ބެލުމަށް ވެސް. ފައްތާހު އެޓްލީސްޓް ފޯނުނަގާ އެވަރުކޮށްލަދޭ. އެކަމަކު ރަވީ އަށް ވާގޮތަކީ ރަވީއަކާ ފޯނުން ވާހަކައެއް ނުދެއްކޭ. މެސެޖުކުރީމަ މެސެޖަކަށް ޖަވާބެއް ދެނީ ވެސް ނުން."

"ވަރަށް ގިނަ ފަހަރުމަތިން ރަވީ ކައިރީގައި މިއަށް ގޮތެއް ނިންމަދޭށޭ ބުނެގެން ވެސް ޖަވާބެއް ނުލިބިފައި އޮތީ. މިވެނި ހިސާބަކަށް ފިލްމާ މެދު ނޫޅެފިއްޔާ ފިލްމު ނަގާނަމޭ ވެސް ބުނެފައި އޮންނާނީ ރަވީ ގާތު."

ފޯޑް ބުނީ ރަވީ އަތުން ފިލްމު އަތުލީ އެހެން ގޮތެއް ނެތިގެން ކަމަށާއި އޭނާ އަށް އެކަށީގެންވާ ވަރަށް ވަގުތު ވެސް ދެވުނު ކަމަށެވެ.

"ވަގުތު ދެވުނު މާ ގިނައިން ވެސް. މާ ބޮޑަށް ވެސް ދެވުނު ވަގުތު. އޭތި އެޓިޑް ކުރަމުން ދިޔަ ޑާކްރެއިން އެންޓަޓެއިންމަންޓް ސްޓޫޑިއޯ އަށް ވެސް ރަވީ ނުވަދޭ. ޝޫޓްކޮށްފަ އޮތްގޮތަށް އޮވެ އިތުރު ކުރިއެރުމެއް އެއަށް ނާންނާތީ (ރަވީ އަތުން) ފިލްމު އަތުލީ،" ފޯޑް ކިޔައިދިނެވެ.

"ފައްތާހު ބުނީ ފިލްމު ލަސްވީ އޭނާ އޭރު ގެންގުޅުނު ލެޕްޓޮޕެއް ގެއްލިގެންނޭ. އެހެންވީމަ ފިލްމު ޖެހޭނީ އަލުން އޭގެ ރޯ ފައިލްސްތައް ނަގައިގެން ހަދާށޭ. ފައްތާހުގެ ފިލްމުގައި މިހާރު އޮތީ ބެކްމިއުޒިކްގެ މަސައްކަތް އެކަނި."

ރަވީ ބުނަނީ ފިލްމު އަތުލީ ޒާތީވެގެން ކަމަށް!

ރަވީ ބުނަނީ މިހެންނެވެ. އެއަށް ފަހު އޭނާގެ އަތުގައި ހުރީ ހުސް ސުވާލެވެ.

"ރަވީގެ އަތުން އަތުލައިގެން ފިލްމު ރިލީޒްކުރެވިއްޖެތޯއޭ؟ ބާކީ ދެން ތިބި ޑައިރެކްޓަރުންގެ ފިލްމުތައް ކޮބައި ހެއްޔޭ؟ ކޮބައިހޭ ފައްތާހުގެ ފިލްމު؟ ކޮބައިހޭ ޗިއްޕެ ފިލްމު؟ ކޮބައިގޭ މޫމިންގެ ފިލްމު؟ ކީއްވެހޭ އެމީހުން ނައަތުލަންވީ. ވެދާނެ ފޯޑަށް ތަންކޮޅެއް ޕާސަނަލްކޮށް ނެގުނީމަ ކަމަށްވެސް،" ރަވީގެ ސުވާލުތަކަކަށް މިހައި ހިސާބުން ނިމުމެއް އައީކީއެއް ނޫނެވެ.

"ފިލްމު އަޅުގަނޑުގެ އަތުން ނެގީ ނުނިމި ލަސްވެގެންނޭ ބުނިއިރު މިހާރު އެ ފިލްމު ވުޖޫދަށް ވެސް ނުކުންނަން ވެއްޖެ ނޫން ހެއްޔޭ އަޅުގަނޑުގެ ވާހަކަ އަކީ. މިހާރު ޖެހޭނެއޭ އެ ފިލްމު ނުކުންނަން. ދެކޮޅު އަހަރު ވެއްޖެ އެ ފިލްމު އަޅުގަނޑު އަތުން ނެގިތާ ވެސް. ކޮބައިހޭ ފިލްމު މިހާރު؟"

ރަވީ ބުނީ "ހަތަރު ހަޅަ" އަކީ ލޯބިން ފެށި މަސައްކަތެއް ނަމަވެސް އެންމެފަހުން މި މައްސަލަގަނޑެއް ދިމާވެގެން އޭނާ އަތުން ފިލްމު ނަގައިގެން ވަކި ބަޔަކު ބޭނުންވާ ގޮތަށް އޭގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީ ފިލްމުގެ އެއްވެސް ކްރެޑިޓެއް ވެސް މިހާރު ބޭނުން ނުވާ ކަމަށެވެ.

"ބޭނުމެއް ނޫން އެ ފިލްމަކީ ރަވީ ހެދި ފިލްމެކޭ ބުނާކަށް ދެން. ބޭނުމެއް ނޫން ކްރެޑިޓެއް ވެސް. މިހާރު އެމީހުން އެއާ ކުޅުނީމަ އަޅުގަނޑުގެ ވިޝުއަލް ނެރޭޝަންއާ ތަފާތުވާނެ. އެ ބަދަލުތަކާ އެކު ކްރެޑިޓް ބޭނުމެއް ނޫން،" ރަވީ ބުންޏެވެ.

އޭނާ ބުނީ ފިލްމުގެ މަސައްކަތް ލަސްވަނީ އޭނާއާ ހެދިއޭ ބުނާއިރު އެއީ އިންސާފުވެރި ވާހަކައެއް ނޫން ކަމަށާއި ފިލްމުގައި މަސައްކަތްކުރާ އެހެން ޑައިރެކްޓަރުންނަށް ވެސް ކަނޑައެޅި މުއްދަތުގައި ފިލްމު ނިންމިފައި ނުވާ ކަމަށެވެ.

އެކަމަކު ޕްރޮޑިއުސަރު ފޯޑް ބުނެފައި ވަނީ ރަވީކޮށްފައިވާ މަސައްކަތަށް ލިބެން ޖެހޭ ކްރެޑިޓް އޭނާ އަށް ދޭނެ ކަމަށެވެ.