- ފިލްމީ ދާއިރާ އިން ގެއްލި ދާނެ
- ސައީދަކީ ހަމަ އެންމެ ލޯބި މީހާ
- އަވަހަށް ދަރިން ހޯދުމުގެ ވިސްނުމެއް ނެތް
މިއީ ނިމިގެން ދިޔަ ގައުމީ ފިލްމު އެވޯޑްސްގައި އެންމެ ގިނަ ބަޔަކު ސިއްސުވާލި އެއް މޫނެވެ. އޭނާ އެވޯޑް ހަފުލާ ފަތަހަކުރީ ހަމައެކަނި އަގުބޮޑުކޮށް ޖަރީކޮށްލާފައި އޮތް ތަފާތު ހެދުމަކާ އެކު ސްޓޭޖަށް އަރައިގެނެއް ނޫނެވެ. ފިލްމީ ދާއިރާގެ ހެވީވެއިޓުންނާ ވާދަކޮށް އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ފިލްމު "ލޫދިފާ" އިން ގެންދިއުމަކީ އަޒޫގެ މި ވާހަކައެއް އަރައިގެން ގޮސް ސީލިންގުގައި ޖެހޭ އެންމެ މުހިންމު ސަބަބެވެ.
އަނެއްކޮޅުން މިފަހުން އަލަތު ކައިވެނީގެ ގޮށްޖަހައި ހަޔާތުގެ ބައިވެރިޔަކަށް މަޝްހޫރު އެކްޓަރު އަހުމަދު ސައީދު ހަދާފައިވުމަކީ ވެސް މިފަހުން އާންމުންގެ ސަމާލުކަން އަޒޫ އަށް ލިބިގެންގޮސްފައިވާ ސަބަބެކެވެ. އެހެންވީމަ މި އިންޓަވިއުއެއްގައި ގައުމީ ފިލްމު އެވޯޑްސްގެ ކާމިޔާބީ އާއި އަޒޫގެ އަލަތު ފިރިމީހާގެ ވާހަކަ ވެސް އަންނަން ޖެހޭނެ އެވެ.
އެކަމަކު އެންމެ ފުރަތަމަ މި ބަތަލާގެ ތައާރަފަކުން ފަށައިގަންނަމާ ހިނގާށެވެ. "ލޫދިފާ" ގައި އޭނާ ކުޅުނު "އަރީކާ" ގެ ރޯލަކީ މުޅި ފިލްމީ ހަޔާތުގައި ވެސް މިހާތަނަށް ދެއްކުނު އެންމެ ވަރުގަދަ ޕާފޯމަންސެވެ. އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑަށް ދެން ވާދަކުރި އައިޝަތު ރިޝްމީ އާއި ޝީލާ ނަޖީބު އަދި ކުޑަ ހައްޖަ ފަދަ އެހެން ތަރިން ވެސް އެހާ ފަސޭހައިން އަމާން ދިނީ މިހެންވެ ކަމަށް ވެދާނެ އެވެ.
އަޒޫގެ ފުރަތަމަ އޮން ސްކްރީން ފެނިލުމަކީ މަޝްހޫރު ޓީވީ ސިލްސިލާ "ދިރިއުޅުމަކީ މިއީބާ" ގެ އެޕިސޯޑެކެވެ. އަޒޫގެ ޓެލެންޓް ވަރަށް ކުޑައިރުގައި ދެނެގަނެ، ބެލުންތެރިންނާ ހަމަ އަށް ގެނެސްދިނީ އެ ސިލްސިލާގެ ލެޖެންޑް ޔޫސުފް ރަފީއު ޔޫސޭ އެވެ.
އެއަށް ފަހު މަދުމަދުން ފިލްމީ ދާއިރާގެ އެކި މަސައްކަތްތަކުގައި އުޅެން ފަށައިގެން އެންމެފަހުން ބެލުންތެރިންނަށް އަބަދު ފެންނަ މޫނަކަށް އޭނާ ބަދަލުވީ އެވެ. މިއަދު އަޒޫ އަކީ ދިވެހި ސިނަމާގެ އެންމެ އުއްމީދީ އެއް ބަތަލާކަން ޔަގީނެވެ.
ތިރީގައި މި އޮތީ އަވަސް ވީކެންޑް އިންޓަވިއު އަށް އަޒޫ ދިން ހާއްސަ އިންޓަވިއުއެވެ. އޭނާ މީޑިއާ އަށް ފިލައިގެން އުޅޭތާ މިހާރު ގާތްގަނޑަކަށް ދެ އަހަރުވީ އެވެ. އެހެންވީމަ އެ ސުވާލުން ފަށައިގަންނަމާ ހިނގާށެވެ.
ބުނީމެއް ނޫން މިހާރު އިންޓަވިއު ނުދޭތާ އަހަރުވެއްޖެއޭ. ކީއްވެގެންތަ މީޑިއާއާ މިހާ ދުރުވެލައިގެން ތި އުޅެނީ އަދި އެންމެފަހުން އެ ނިންމުން ބަދަލުކޮށް އިންޓަވިއުއަކަށް މި އެއްބަސްވީ؟
"ގާތްގަނޑަކަށް މިހާރު ދެ އަހަރުވަރު ވެދާނެ އިންޓަވިއުއެއް ނުދޭތާ މިގޮތަށް. މީޑިއާއާ އަސްލު ދުރަށް ޖެހިލީ ޓީޗިން (ކޯސް) ހަދަންވެގެން. ދެންވީގޮތަކީ ކޯސް ނިންމާލާފަ ވެސް ފިލްމީ ދާއިރާއާ ދުރަށް ދާން އަސްލު. ފިލްމީ ދާއިރާ މަތިން ފޫހިވެފައި އޭރު ހުރީ ވެސް. އެގޮތުން މީޑިއާއާ ދުރަށް ވެސް ޖެހިލީ"
"އެއްގޮތަކުން މާ ބޮލަށް ފަސޭހަ މީޑިއާއާ ދުރުގައި އުޅުނީމަ. އެއީ ފާޑުފާޑުގެ ސުވާލެއް ނާންނާނެތާ ދުރުގައި އުޅުނީމަ."
ގައުމީ ފިލްމު އެވޯޑްސްގައި އަޒޫ މި ވަނީ ލޫދިފާ އިން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑަށް ނޮމިނޭޓްވެ އެވޯޑް ލިބިފައި. ކޮން ކަހަލަ އިހްސާސެއްކުރެވެނީ އަދި މިއީ ކިހާވަރެއްގެ ކާމިޔާބީއެއް؟
"ގައުމީ އެވޯޑްސް އަށް ނޮމިނޭޓްވުން އެއީ ވަރަށް ބޮޑު ބޮޑު ހެޕިނެސްއެއް. ކޮންމެ މީހަކު ވެސް އުފާވާނެ އެހާ ބައިވަރު ފިލްމުތަކާއި އެކްޓްރެސްގެ ތެރެއިން ނޮމިނޭޓްވީމަ. ނޮމިނޭޓްވުން އެއީ މި ދާއިރާގައި ކުރިއަށް އެރުނުކަމުގެ އެއް ހެއްކެއް. އެ އަހަރުކުރެވުނު މަސައްކަތުގެ ނަތީޖާ ފެނުނީމަ ލިބޭ ހިތްހަމަޖެހުން އެންމެ ބޮޑީ."
"ދެން އެވޯޑް ލިބުން މިއީ ވަރަށް ބޮޑު ސަޕްރައިޒެއް. އެކަމަކު ވެސް އެންމެން ވެސް ބުނި އަޒޫ އަށް މި އެވޯޑް ލިބޭނެއޭ. ރިޝްމީ ވެސް ނިއުމާ ވެސް ބުނި. ފިލްމުގެ ޑައިރެކްޓަރު މޫމިން ވެސް ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުނީ މިއީ އަޒޫގެ އެވޯޑެކޭ. މި އެވޯޑަކީ އަޒޫ އަށް ހައްގު އެވޯޑެއް ކަަމަށް އެހެންވެ ގަބޫލުކުރެވޭ. ރިޝްމީ ވެސް ބުނި މިއީ އަޅުގަނޑަށް ޑިޒާވް އެވޯޑެކޭ."
ހަމަ ހަގީގަތުގައި ވެސް ލޫދިފާ ފެނިގެން ދިޔައީ އަޒޫގެ ވަރަށް ސްޓްރޯންގް ޕާފޯމެންސެއް. އެކަމަކު އެވަރުގެ ރޯލެއް ނުވަތަ ހުނަރެއް މިފަހުން ދެއްކިފައިނުވާކަން ފާހަގަކޮށްލެވޭ. ކޮބައިތަ މައްސަލައަކީ، ފުރުސަތު ނުލިބެނީތަ މި ދާއިރާގައި ރަނގަޅަށް؟
"ލޫދިފާ އަށް ފަހު ދެން އަޒޫ ކުޅުނު ފިލްމަކީ ސަޒާ. އެއީ ވެސް އަޒޫގެ ބެސްޓް ދައްކައިދެވުނު ފިލްމެއް. އެކަމަކު އަސްލުވާގޮތަކީ ފިލްމުތަކުން ފުރުސަތު ލިބުމަށް ފަހު އެހެން މީހުން އިންފްލުއެންސް އެބަ ފޯރުވާ. މިސާލަކަށް އެހެން މީހުން ވެސް ބުނޭ ހާދަ ޖެލަސީ މީހުން އެބަ އުޅެޔޭ މި ދާއިރާގައި. މި ދެ އަހަރު ތެރޭގައި ވެސް އެކަން ފާހަގަކުރެވުނު. ލިބޭ ގިނަ ފުރުސަތުތައް އެބަހުރި ކޮންމެވެސް އެހެން މީހެއްގެ ނުފޫޒާ ހެދި ގެއްލިގެން ގޮސްފައި"
"ފުރުސަތު ދީފައި އެގްރީމަންޓްކުރުމަށް ފަހު ވެސް އެބަހުރި ކަޓުވާލާފައި. މިސާލަކަށް އެ ފިލްމެއްގައި އުޅޭ އެހެން މީހުންގެ ފިއްތުންތަކާ ގުޅިގެން ވެސް އެބަހުރި ފިލްމުތަކުން ފުރުސަތު ގެއްލިފައި."
އަޒޫ އަކީ އަސްލު ޓީޗަރެއްގެ ގޮތުގައި ޓްރެއިންވެފައި ހުރި މީހެއް. އެކަމަކު އެ ދާއިރާ އިން ކުރިއަށް ދިއުމުގެ ބަދަލުގައި އަހަރެމެންނަށް މި ފެންނަނީ އެކްޓްރެސްއެއްގެ ގޮތުގައި ފިލްމީދާއިރާއިން. މި ބަދަލު އައި ގޮތަކީ ކޮބާ؟
"މި ދާއިރާ ނޫން އެހެން ދާއިރާއެއްގެ މަސައްކަތެއްގެ ގޮތުގައި ޗޫޒްކުރި މަސައްކަތެއް ޓީޗިން އެއީ. ކުރަން ނިންމާފައި އިން ކަމެއް ވީމަ އެކަން ވެސް ފުރިހަމަކުރަން ބޭނުންވީ. އަދި ބޮޑަށް ފިލްމީ ދާއިރާއާ ދުރަށް ދާން ވިސްނާފައި ހުރިވަރުން ޓީޗިން އަށް އޭރު ދެވުނީ ވެސް. ކޯސް ހަދައި ފުރިހަމަ ވެސް ކުރިން. އަދި ނިންމާފަ ސްކޫލަކަށް ޖޮއިންކުރުމުން ވީގޮތަކީ އެއީ ވެސް ވަރަށް ބުރަ ދާއިރާއެއް. އަނެއްކޮޅުން މަސައްކަތާ އެއްވަރުގެ އާމްދަނީއެއް ވެސް ނުލިބޭ. އެހެންވީމަ އެ ފީލްޑް ދޫކޮށްލީ."
ކުރިން ދިން އިންޓަވިއުއެއްގައި އަޒޫ ބުނެފައި އެބަހުރި ތިމަންނަ އަސްލު އެހާ ބޭނުމެއް ނުވެޔޭ ފިލްމު ކުޅޭކަށް. އެއީ ފިލްމީ ދާއިރާ އޮންނަ ގޮތުންނޭ ވެސް ބުނި އެފަހަރު. އެކަމަކު އަދިވެސް ފިލްމު ކުޅޭތަން މި ފެންނަނީ. އެ ހިޔާލު ބަދަލުވީތަ؟ ކިހިނެތް ވަނީ މިހާރު ފިލްމީ ދާއިރާ؟
"ދުރަށް ދާން ނިންމުމުން ބައެއް މީހުން އެބަބުނޭ ކީއްވެހޭ ދުރަށް ދާންވީ. ކުރިއަށް ދެވޭނެއެއް ނޫން ހެއްޔޭ. މީހުން ހަސަދަވެރިވިޔަސް ކުޑަ ހިތްވަރެއްކޮށްލައިގެން ކުރިއަށް ދެވިދާނެއޭ. ދެން ކޮމްޕެޓިޝަން އޮންނާނެކަން ގަބޫލުކުރަން އަޒޫ ވެސް. އެކަމަކު އިންފްލުއެންސް ފޯރުކޮށް ފިލްމުތަކުން ގެއްލުވައިލުން މިއީ ވަރަށް ދެރަ ކަމެއް. މިސާލަކަށް އަޒޫއާ އެކު ދެން ފިލްމު ކުޅެން ނަގާ މީހާ އަށް ވުރެން އަޒޫ ތަންކޮޅެއް ދިގީ. އެގޮތުން ވެސް ފުރުސަތު ނުލިބިފައި އެބަހުރި."
"އެއީ އަސްލު ޕްރޮފެޝަނަލް ނުވުން ކަމަށް އަޒޫ ބަލަނީ. މީހާގެ ގައިގައި ހުންނަ ޓެލެންޓެއް މި ދައްކަން މި ޖެހެނީ. ދިގުމިން ކުރުމިން ދޮން މިން ކަޅު މިނެއް ނޫން. އެހެންވީމަ މިކަހަލަ މައްސަލަތަކެއް އެބަހުރި އެކަމަކު ވެސް އަޒޫ އަށް އެނގޭ ރަނގަޅު ރޯލެއް ލިބިއްޖެ ނަމަ ކުޅެވޭނެކަން."
"މިހާރަށް ބަލާ ނަމަ ފިލްމީ ދާއިރާގައި އެއް ބަޔަކު އެބައުޅޭ ކުރިއަރަން. އެކަމަކު އަނެއް ބަޔަކު އެބައުޅޭ އަމިއްލަ ފައިދާ އަށް ވެސް. އެކަމަކު ވެސް ކަންތައްތަކެއް އެބަ ރަނގަޅުވޭ."
ބުނެވިދާނެތަ ބޭނުންވާ ކަހަލަ ރޯލުތަކެއް ނުވަތަ ހިތްހަމަޖެހޭ ވަރުގެ އާމްދަނީއެއް މި ދާއިރާގައި ނުލިބޭތީ ކުރިއަށް ދިއުމުގައި ބައެއް ފަހަރަށް ޝައުގުވެރިކަން ގެއްލެނީ ކަމަށް؟
"ރަނގަޅު އާމްދަނީއެއް ލިބޭ. ވޯކްކޮށްފިއްޔާމު ނުވަތަ ފުރުސަތުތަކެއް ލިބިއްޖެ ނަމަ. އާމްދަނީއެއް ނުލިބެއެކޭ ނުބުނާނަން. އެކަމަކު ހަމައެކަނި މިކަމަށް ހުސްވެގެންކުރާ ކަހަލަ މަސައްކަތެއް ބުނާހިތެއް ނުވޭ. އެގޮތަށް ހުސްވެގެންކުރާ ނަމަ ރަނގަޅު އާމްދަނީއެއް ވެސް ނުލިބޭނެ."
މަޝްހޫރު މީހަކަށްވީމަ ނުވަތަ ފިލްމު ކުޅެގެން މީހުންނަށް އެނގޭ މޫނަކަށް ބަދަލުވީމަ ކުރީގެ އާންމު ދިރިއުޅުމަށް އައި ބަދަލުތަކުގެ ތެރެއިން މިހާރު އެންމެ މިސްވާ ދެ ތިން ކަމެއްގެ ވާހަކަ އަހަރެމެންނަށް ކިޔައިދީބަލަ؟
"ކަންތައްތަކެއް ހުރޭ. މިސާލަކަށް ތަނަކަށް ގޮސް ހީލެވޭ ގޮތަކުން ވެސް މީހުން ފާހަގަކޮށްފާނެ. އެހެންވީމަ ތަނަކަށް ދިޔަޔަސް ވަރަށް މަޑުން ހުންނަނީ. މިހާރު ވަރަށް އުނދަގޫވޭ އާންމުންގެ ތެރެއަށް ނުކުތުމުން މީހުން އެހާ ވަރަށް ބަލާތީ. ވަރަށް އުނދަގޫވާ ކަމެއް އެއީ. މީހުން ބުނާނެ ދެން އެކުގައި ފޮޓޯނަގައި ސެލްފީ ނަގަން ވެސް. އުފާވެސް ވޭ އެހެންވާތީ. އެކަމަކު ފެމިލީއާ އެކު އެ ލިބޭ ޓައިމް ނުލިބޭތީ ވަރަށް މިސްވޭ."
ފިލްމީ ދާއިރާގެ ވާހަކަ ދައްކާ ނަމަ އާންމުކޮށް އަޑު އިވޭނީ ވަރަށް ނެގެޓިވް ވާހަކަތައް. ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހަކަށްވާއިރު މި ނެގެޓިވް ދަލުގައި ނުޖެހޭ މީހެއްގެ ގޮތުގައި ކުރިއަށް ދާން ކިހާ ވަރަކަށް މަސައްކަތްކުރެވޭތަ އަޒޫ އަށް؟
"މީހުންނާ ޖެހޭ މައްސަލަތަކަށް ނުވަދެ އުޅުމަށް، އެނގޭ ކަންތައްތައް ވެސް ނޭނގޭ ކަންތަކަށް ހަދާލައިގެން އުޅެނީ. އޭރަށް ހަމަ ގައިމު ވެސް އެއްވެސް މީހަކާ ޖެހޭ މައްސަލައެއް ނޯންނާނެ. ގޮސިޕްގެ ތެރެއަށް ނުވަދެ އުޅެނީ އަޒޫ. ފިލްމީ ދާއިރާގެ މީހުންނާ އެކު އެހާ ގިނައިން ތަންތަނަށް ގޮސް ވެސް ނަހަދަން. އާންމުކޮށް ގޮސްފި ނަމަ ކޮންމެވެސް މައްސަލައެއް ޖެހޭ. އެހެންވީމަ ބީރު ކަންފަތެއް ދީގެން ހުރީމަ މައްސަލައެއް ނުޖެހޭނެ."
އެއްވެސް މީހަކަށް ބުނެވިދާނެތަ އަޒޫ އަކީ އަހުލާގު ދަށް އެކްޓްރެސް އެކޭ ނުވަތަ ފިލްމީ ދާއިރާގެ އަގު ވެއްޓޭ ފަދަ ގޮތަކަށް މަސައްކަތްކުރާ މީހެކޭ؟
"ފިލްމީ ދާއިރާގައި އަޒޫ ފާހަގަކުރެވޭނީ ޑިސިޕްލިންޑް މީހެއްގެ ގޮތުގައި. ޑިސިޕްލިން ވާނެ ގައިމުވެސް. ދެން އެހެން ތަރިން ވެސް ޑިސިޕްލިން. އެކަމަކު ކޮށްލެވޭ ކުދިކުދި ކަންކަމުންނާއި ދެން ވާގޮތަކީ އެކަކު އަނެކަކާ ޖައްސާލާފައި ތިބޭވަރު ބޮޑުކަމުންވާގޮތަކީ ފިލްމީ ދާއިރާގެ ތެރެއިން ވެސް ބޭނުންވޭ ހަމަ ބައެއް މީހުންގެ އަގު ވައްޓާލަން. އެގޮތަށް ވެސް އެބަހުރި ބައެއް ތަރިންގެ އަގުވެއްޓިފައި."
"ފިލްމީ ދާއިރާގެ މީހުންނަކީ ޖުމްލަކޮށް ޑިސިޕްލިންޑް ބައެއް. އެކަމަކު އަޒޫ އަކީ ޑިސިޕްލިން ދަށް މީހެކޭ ބުނެވޭނެ ގޮތެއް ނީންނާނެ. ދެން ދޮގެއް ހަދައިގެން ކިޔަންޏާމު ކިޔަންވީ."
މީހުންނަށް އަބަދު ފެންނަ މީހަކަށްވީމަ ފިޓްކޮށް ހުރުމަށް ނުވަތަ ބޮޑީ އެއްވަރެއްގައި ބެހެއްޓުމަށް ކިހާ ސަމާލުކަމެއް ނުވަތަ މަސައްކަތެއްކުރަންތަ އަޒޫ؟
"ބޮޑީ މެއިންޓެއިންކުރަން އަސްލު އަޒޫއަކަށް އެއްވެސް ކަމެއް ނުކުރެވޭ. އަޒޫ އަކީ ދުވަންދާ މީހެއް ނޫން. އެކަހަލަ އެކްސަސައިޒިންގެ އެއްވެސް ކަމެއް ނުހުންނާނެ ބޭނުންކޮށްފަ. އާންމުކޮށް ދެވޭނީ އަހަރަކު އެއްފަހަރު ފިލްމު އެސޯސިއޭޝަނުން ބާއްވާ ފުޓްބޯޅަ ކުޅޭއިރު. އަހަރު ތެރޭގައި ވެސް އެއީކަން ނޭނގެ ދުވެލަން ދެވޭތަނަކީ. އެކަމަކު މިހާރު ފަލަވީމަ ކުޑަކޮށް ކެއުން ކޮންޓްރޯލްކޮށްލައިގެން މި އުޅެނީ."
އަޒޫ ފަލަތަ؟
"ފަލައޭ ދެން މީހުން ބުނަނީ. ކުރިން އަޒޫ އަކީ ވަރަށް ހިކިކޮށް ހުރި މީހެއް. ބަނޑު ވެސް ނީނދޭ އޭރަކުއެއް. މިހާރު ދެން ފަލަ. އެކަމަކު ބައެއް މީހުންނަށް ލޯބިވެގެން އުޅެނީ. މީހުން ބުނޭ ތިވަރު ސަޅިއޭ. އެކަމަކު އަޒޫ އަށް ފެންނަގޮތުގައި ވެސް މިހާރު ތަންކޮޅެއް ފަލަވެއްޖެ."
ބައެއް މީހުން ބުނޭ ހެޕީ ލައިފެއް ލިބުމަކީ ނުވަތަ މީހާ މާ ބޮޑަށް އުފާވުމަކީ ފަލަވާ ކަމެކޭ. އުފަލުގައި އުޅެވޭތީ ފަލަވަނީއޭ. އަނެއްކާ އެހެންތަ މި ވަނީ؟
"ހެޕީ ލައިފެއްގަ އުޅެންޏާ ފަލަވާނެއޭ ބުނާ ވާހަކަ އެއީ ހަމަ ތެދެއް. ފަލަވާނެ އެ ދުވަސްކޮޅު. އެއީ ހެޕީވީމަ ދެން ކެވޭނީ. ކައިކައިގެން ފަލަވާނީ. އަސްލު ތެދެެއް އެއީ ހަމަ. ފަލަވޭ."
އަލަތު ކައިވެނި ކިހިނެތް ސިފަކުރާނީ އަދި ޒަވާޖީ ބައިވެރިއެއްގެ ގޮތުގައި ސައީދު ސިފަކުރާނީ ކިހިނެތް؟
"އަޒޫގެ ފުރަތަމަ ކައިވެނި މިއީ. ދެން އިރާދަކުރެއްވިއްޔާމު ވަރަށް ޕާފެކްޓްކޮށް މި ދަނީ. ވަރަށް ހެޕީކޮށް މި ދަނީ. ސައީދު އަކީ ވަރަށް ކެއަރިން ވަރަށް ރަނގަޅު، ވަރަށް ސަޕޯޓިވް ފިރިއެއްގެ ގޮތުގައި. ހުރިހާ ކަމެއްގައި ވެސް ސައީދު ހުންނަނީ. އެއްވެސް މީހަކު ނުހުންނާނެ އަނެއްހެނެއް. ސައީދުއަކީ އަޒޫގެ ހުރިހާ ކަމެއްގައި އެންމެ ބޮޑަށް އެހީވާ އެކަކު. އެކަކެއް ނޫން، ގައިމު ވެސް އޭނަ އެކަނި ހުންނަނީ އެހީވާން"
"މީހުންނަށް ފެންނައިރު ސައީދުއަކީ ވަރަށް ސީރިއަސް މީހެއް. އެކަމަކު އޭނަ އަކީ އަސްލަށް ވަރަށް މަޖާ، ވަރަށް ކެއަރިން، ލޯބި މީހެއް. ހަޔާތުގައި އައި އެންމެ ލޯބި މީހާއޭ ބުނެވޭނީ. އެހެންވެ ދޯ މެރީކުރާނީ ވެސް. ލޯބިނުވެ މެރީއެއް ނުކުރާނެ. އަޒޫ ސައީދުއާ މެރީކުރީ ވަރަށް ލޯބިން. އެކަމަކު ފަހުން ވާނެ ގޮތެއް އަދި ނޭނގޭ."
އަލަތު ކައިވެނިން އަޒޫ މި ވަނީ ދޮންމަންމަ އަކަށްވެފައި. ސައީދުއާ އެކު އަމިއްލަ ކުދިން ހޯދައިގެން އާއިލާ އިތުރަށް ބޮޑުކުރުމުގެ އަވަސް ވިސްނުމެއް އެބަ ގެންގުޅެންތަ އަޒޫ؟
"ސައީދުގެ އެބަތިބި ދެ ކުދިން. ކުއްޖަކު ހޯދަން ވިސްނިން ކުރީގަ. އެކަމަކު މިހާރު ދެން މަޑުކޮށްލައިގެން މި އުޅެނީ އަދި. އަދި ތަންކޮޅެއް ފަހުން (ކުއްޖަކު ބޭނުންވަނީ).
އަޒޫ އަކީ އަދި ނުލާހިކު ބިޒީކޮށް ވެސް އުޅެން ޖެހޭ އަންހެނެއް. މިހުރިހާ ކަމަކަށް ބަލާއިރު މިސާލަކަށް ދަރިން ހޯދާ ނަމަ، އަޒޫ ގަބޫލުކުރާ ގޮތުގައި އެންމެ ރަނގަޅު އުމުރަކީ ކޮބާ؟
"ކިޑްސް ހޯދަން އަސްލު ވަކި އޭޖެއް ނޯވޭ. ކުރިން ހޯދައިފިއްޔާމު އެއްގޮތަކުން އަސްލު ފައިދާ. ބޮޑެތިވެފައި ދޯ ތިބޭނީ ކުދިން. މިހާރު ހޯދައިފި ނަމަ އަދި 40 ވާއިރު ވެސް ކުދިންތައް ބޮޑެތި ނުވާނެކަން ނޭނގެ. އޭގައި ވަކި އޭޖެއް ނެތް. ކުދިން ރަނގަޅަށް ބެލިއްޖެއްޔާމު ނިމުނީތާ."
ކައިވެނިކުރުމުން ބައެއް ތަރިން، ފިލްމީ ދާއިރާއިން ގެއްލިގެންދާ މަންޒަރު ފެނޭ. ހާއްސަކޮށް ބަތަލާއިން. އަޒޫ އަށް އެހެން ނުވާނެ ކަމުގެ ކިހާ ޔަގީންކަމެއް ދެވިދާނެތަ؟
"ފިލްމީ ދާއިރާ އަށް ގެއްލިވެސްދާނެ. ނުގެއްލިވެސްދާނެ. އެކަމަކު ކުރިއަށް އޮތް އަހަރު ހުންނާނެހެން ހީވަނީ މިގޮތުގައި. އެއްވެސް މީހަކު ނުބުނާނެ މިކަން ހުއްޓާލާށެކޭ. އަޒޫ ދާންވީމަ ދާންވީ. ފިލްމީ ދާއިރާއާ ކުޑަކޮށް ދުރަށްޖެހިލިޔަސް ބައެއް މީހުން ބުނާނެ ފިރިމީހާ މިވެނިކަމެއް ވެގެންނޭ. އެކަމަކު އޭނަ އަކީ އެންމެ ބޮޑަށް މިކަމަށް ސަޕޯޓްދޭ މީހާ."
ސައީދުގެ ކުރީގެ ކައިވެނި ރޫޅުނު ސަބަބަކީ އަޒޫއޭ ބުނެވިދާނެތަ އެއްވެސް މީހަކަށް؟ އެހެން ބުނާ ނަމަ އެއަށް ބުނެލަން ބޭނުންވަނީ ކީކޭ؟
"ސައީދުގެ ކުރީގެ ކައިވެނި ރޫޅުނީކީ ގައިމު ވެސް އަޒޫއާ ހެދިއެކޭ ނުބުނެވޭނެ. ދެން އޭތި ޖަޖުކުރާނީ އެހެން މީހުން. ދެން ބުނެވިދާނެ، ފިލްމީ ދާއިރާގެ މީހުންނާ ބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަ ވެސް ދައްކާނެ. އެކަމަކު ވެސް އަޒޫއާ ހެދިއެއް ނޫން ސައީދުގެ ކުރީގެ ލައިފް ދިޔައީ."
މަޝްހޫރު މީހުންގެ ކައިވެނީގެ އުމުރު ވަރަށް ކުރުވާނެއޭ މީހުން ބުނޭ. ދުނިޔެ އަށް ބެލިޔަސް އަދި ރާއްޖެއަށް ބެލިޔަސް އެކަން އޮތީ އެހެން. އަޒޫ ގަބޫލުކުރަނީ ކިހިނެތް މިކަމުގައި؟
"ސެެލެބްރިޓީންގެ ކައިވެނި ކުރުވާނެއޭ މީހުން ބުނާ ވާހަކައަކީ މުޅިން ތެދެއް ނޫން. އެބަހުރި ކާމިޔާބުވެފައި ހުރި ކައިވެނިތައް ވެސް. މި ދާއިރާގައި ވެސް އެބައުޅޭ. އެހެންވީމަ އެއީކީ މުޅިން ތެދު ވާހަކައެއް ނޫން. ކޮންމެ ދާއިރާއެއްގައި ވެސް އޮންނާނެ ގޮތް މިއީ. ކާމިޔާބުވުމާއި ނުވުން އޮންނާނީ. އަޒޫ ބުނާނީ އެ އެއްޗެއް ގަބޫލެއް ނުކުރަމޭ އަޒޫއެއް. ދެ މީހުންގެ ދެމެދުގައި އަންޑަސްޓޭންޑިންއެއް އިނދެފި ނަމަ އުޅެވޭއޭ."
އޯކޭ ހިނގާ ކުރުކޮށްލަން. ފަހު ސުވާލު. މިސާލަކަށް ސައީދު އަޒޫ އަށް ބޭވަފާތެރިވީޔޯ. ދެން ހަދާނީ ކިހިނެތް؟
"ބޭަވަފާތެރިވީމަ ދެން ބޭވަފާތެރިވީ އެހިސާބުން. ސައީދު ބޭވަފާތެރިވެއްޖެ ނަމަ ބަލާނީ ކިހިނެތްވީ ކަމެއްތޯ އެއީ އެންމެ ފުރަތަމަ. ބަލާފަ ވާހަކަ ދައްކާފަ ދެން ނޫޅެވިއްޖެއްޔާމު. އެކަމަކު ސެޕަރޭޓްވާން އަޒޫ ބޭނުމެއް ނުވޭ. ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ. އެހިސާބުން ސައީދު އެކަމަކާއިގެން ކުރިއަށް ދާން ބޭނުން ނަމަ ސައީދު އަޒޫ ދޫކޮށްލާނީ. ނޫނީ އަޒޫ ދާނީ. ޒުވާބުކޮށް ތަޅާފޮޅާ ހަޑިގޮތަކަށް ނިމޭކަށް ބޭނުމެއް ނުވޭ."