- ވިޝްކާ އަކީ ވަރަށް ބޮޑު އުއްމީދެއް
- ރަވީއާ ރުޅިވީ ދެ މީހުން ވެސް އެގޮތަށް އެއްބަސްވެގެން
- އަޒޭއާ އަލުން ކައިވެނިކުރުމުގެ ހިޔާލެއް ނެތް
މިއީ ފިލްމީ ދާއިރާގެ ކަވަރޭޖުގައި ބަތަލާ އައިޝަތު ރިޝްމީއާ އިންޓަވިއުއެއް ކޮށްލަން އަޅުގަނޑަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އެހެންވީމަ "އޮންނާނީ ވަރަށް ރަނގަޅަށް އިންޓަވިއުކޮށްލާފައޭ" ބައެއް މީހުންގެ ހިތަށް މިހައި ހިސާބުން އަރައިފާނެ އެވެ.
އެކަމަކު އެއަށްވުރެން ބޮޑަށް މި އިންޓަވިއުއެއް ހާއްސަވަނީ ރިޝްމީގެ އާދަޔާހިލާފު ކެރެކްޓާ އާއި ހީނުކުރާ ފަދަ ތަފާތު މިޒާޖަށެވެ. ފަހަރެއްގައި ޔާރާ ޕްރޮޑަކްޝަންގެ ރަސްމީ މޫނަކަށް ރިޝްމީ ހަމަޖެހި ކަނޑައެޅިފައި ވަނީ ވެސް މި ސަބަބުތަކާ ހެދި އެވެ.
އެކަމަކު އެންމެ ފުރަތަމަ އޭނާ ބޭނުންވީ މިގޮތަށް ފިލްމީ ދާއިރާގައި ޔާރާ ކުޑައިގެ ކޭމްޕު ޖަހައިގެން މަޑުކޮށްލާކަށެއް ނޫނެވެ. އެންމެ ފުރަތަމަ އޭނާ އަކީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު ޔޫއްޕެގެ ފޭންއެކެވެ. އާއިލާގެ ބޮޑު ނުފޫޒެއް ފިލްމީ ދާއިރާގައި އޮތް ނަމަވެސް ރިޝްމީ އެންމެ ފުރަތަމަ ހިޔާލުކޮށްގެން ހުރީ ޔޫއްޕެއާ އެކު ލަވައެއް ކުޅެފައި އޭނާގެ "މި ފިލްމެއް" ވީ އެންމެ އަވަހަކަށް ނިންމާލާށެވެ.
އެކަމަކު ފުރަތަމަ ލަވަ ކުޅެވުނީ ޔޫއްޕެއަކާ އެކުގައެއް ނޫނެވެ. އަދި އެ ލަވައެއް ކުޅެފައި ފިލްމީ ދާއިރާ އަށް ފިލަންކުރި މަސައްކަތް ކާމިޔާބެއް ވެސް ނުވި އެވެ. އޭގެ މާ ކުރިން، ހިތް ބަންޑުންވެފައި އޮތީމަ އެވެ.
ތިރީގައި މި އޮތީ އަވަސް ވީކެންޑަށް ރިޝްމީ ދިން ހާއްސަ އިންޓަވިއު އެވެ.
އެންމެ ފުރަތަމަ ހިނގާ، އަޕްޑޭޓަކުން ފަށައިގަންނަމާ. އާ ފިލްމު "ވިޝްކާ" އާއި ފިލްމީ މަސައްކަތްތަކުން ދޭން އޮތް އެންމެ އުފާވެރި ޚަބަރަކީ ކޮބާ؟ ކީއްވެގެންތަ މި ފިލްމު މިވަރަށް ލަސްވަނީ؟
"ވިޝްކާ ބެލުންތެރިންނާ ހަމަ އަށް ގެނެސްދޭން ޓާގެޓްކޮށްފައި އޮތް ޑޭޓަކީ އޯގަސްޓްގެ ކޮންމެ ވެސް ހިސާބެއް. އެކަމަކު ފިލްމުގެ ޕްރޮޑިއުސަރުގެ ހައިސިއްޔަތުން އެއްވެސް ކަމެއް ރަޝްކުރާކަށް ބޭނުމެއް ނޫން. މީގައި މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ބެސްޓް ދޭން ޗާންސް އެބަދެން"
"ފިލްމުގެ ބެކްމިއުޒިކާއި ސައުންޑް ޑިޕާޓްމަންޓާ ހަވާލުވެގެން ހުރީ އިކްރާމް. އެ މަސައްކަތް ލަސްވަނީ ކީއްވެގެންތޯ ޕާސަނަލީ އިކްރާމް ކައިރީގައި އަހާލީމަ ބުނަނީ އާންމުކޮށް ކުރާ މަސައްކަތަށް ވުރެން ތަފާތެއް ހުރީމަ ތިމަންނަގެ ކެލިބާގައި ހުރި ވަރެއް ވެސް ދައްކަން ބޭނުންވެޔޭ. އެގޮތުގެ މަތިން މި ޑިލޭއެއް އައިސްގެން މި އުޅެނީ"
"ޑޭޓެއް އިއުލާނުނުކޮށްގެން ވަރަށް ގިނަ މީހުންގެ ޝަކުވާ އެބަ އާދޭ. އެކަމަކު ފިލްމުގެ ހުރިހާ މަސައްކަތެއް ނިމި އަތަށް އެރީމަ ޑޭޓެއް އިއުލާނުކުރަން ވިސްނައިގެން މިހާރު މިހުރީ. ބޭނުމެއް ނުވޭ ޑޭޓެއް ދީގެން ނުވަތަ އެ ޑޭޓް ކައިރިވާތީ އޭގެ ޕްރެޝާ އިކްރާމަށް ދޭކަށް ވެސް. އެހެންވީމަ އެމީހުންނަށް އެމީހުންގެ ބެސްޓް ދައްކަން ފުރުސަތު ދީގެން ރިޝްމީ މި އިނީ. ސަބަބަކީ މި ފިލްމާ މެދު ކުރެވޭ އުއްމީދުތައް އަޅުގަނޑު ވެސް ބޮޑުވީމަ."
އަހަރެމެންނަށް ކިޔައިދީބަލަ، ވިޝްކާގައި ރިޝްމީ ކުޅެފައިވާ ރޯލު ކޮންމެވެސް ވަރަކަށް؟ އަދި މީގެ ކުރިން ފެނިގެން ގޮސްފައިވާ ރޯލުތަކަށްވުރެން މި ރޯލު ހާއްސަވާ ނުވަތަ ތަފާތުވާނެ ސަބަބުތަކެއް؟
"ވިޝްކާ އަކީ އަންހެނަކަށް ބޭސްކޮށްފައި އިން ފިލްމެއް. ސްޓްރޯންގް ފީމޭއިލް ކެރެކްޓާއެއް ހިމެނޭ ފިލްމެއް އުފެއްދުން އަދި އެ ޕާފޯމެންސް ރިޝްމީގެ ފަރާތުން ދިނުން މީގެ އެންމެ ބޮޑު މަގުސަދަކީ. މިކޮއެ ބައްޕަ އަކީ ވެސް އަންހެން ކެރެކްޓާއެއް ދައްކުވައިދޭ ފިލްމެއް. އެކަމަކު އެއަށް ވުރެން ވެސް ކުޑަކޮށް ތަފާތުވާނެ މި ފިލްމު"
"ވިޝްކާ އަށް ތައްޔާރުވިއިރު އެޕިއަރެންސްކޮށް ވެސް ބަދަލުތަކެއް ގެނެވޭތޯ ބެލިން. ކާމިޔާބުވެއްޖެއޭ ބުނެވޭނީ ސަބަބަކީ މީހުންގެ ފަރާތުން ލިބޭ ކޮމެންޓްސްތަކަށް ބަލާއިރު އެންމެން ވެސް ބުނަނީ ފެންނަ ގޮތް ވަރަށް ތަފާތެކޭ"
"ފިލްމުގައި ކުޅެފައިވާ ކެރެކްޓާއާ މެދު އެއްޗެއް ބުނާ ނަމަ ބުނާނީ މިއީ ދެ މީހެއްގެ ދޭތެރޭގައި ވަރަށް ނުބައިކޮށް ތާށިވެފައިހުރި އަންހެން ކުއްޖެކޭ. އެ ވަރަށް ބުނެލަން ބޭނުން ވަނީ. ޓްރެއިލާ އިން ވެސް އެ މަންޒަރު ފެންނާނެ. ސައީދު ކުޅެފައިވާ ކެރެކްޓާ އާއި ރަވީ ކުޅެފައިވާ ކެރެކްޓާ ދެމެދު ރިޝްމީ މި ހުންނަނީ."
ބުނެވިދާނެތަ ރިޝްމީ އެންމެ ކުޅޭ ހިތްވާ ކަހަލަ ރޯލެވޭ ވިޝްކާގައި ކުޅެފައިވަނީ. މިސާލަކަށް އަންހެނުންގެ ބާރުވެރިކަން ދައްކުވައިދޭ ރޯލުތަކަކީ އިތުރަށް ޝައުގުވެރިވާ ރޯލުތަކެކޭ؟
"ރިޝްމީ އަކީ ބޮޑުވެގެން އައިއިރު ވެސް މަންމަގެ މި ތިބެނީ ދެ އަންހެން ކުދިން. ރިޝްމީމެން ބޮޑުވެފައި ތިބީ، ފިރިހެން ކުދިން ގޭތެރޭގައި ކުރާ ކަހަލަ ކަންތައް ވެސް ދަސްވެގެން. މިސާލަކަށް ތަނެއްގައި މޮހޮރެއް ޖެހިޔަސް ބައްޕަ އެކަމެއް ކުރާނީ ކައިރީގައި ބަހައްޓައިގެން. ބޮޑުވެގެން އައިއިރު ކަންކަން ދަސްވީ އަންހެނުން ކުރާ ކަންތަކާއި ފިރިހެނުން ކުރާ ކަންތައްތަކެއްގެ ގޮތުގައެއް ނޫނޭ ކަންކަން"
"ކޮންމެ ކަމެއް ވެސް ކުރެވިދާނެއޭ އަންހެން ކުއްޖަކަށްވިޔަސް ނުވަތަ ފިރިހެން ކުއްޖަކަށް ވިޔަސް. އެގޮތަށް ވިސްނިގެން. މެންޓަލީ ގަބޫލުކުރާކަށް ބޭނުމެއް ނުވޭ ވަކި މިވެނި ކަމެއް ކުރެވޭނީ ފިރިހެނުންނަށޭ ނުވަތަ އަންހެނުންނަށޭ. ވަރަށް އިންޑިޕެންޑެންޓްކޮށް އުޅެން ބޭނުންވަނީ. އެހެންވީމަ އަންހެނުންވީމަ ވަކި ބަލިކަށިވާނެއޭ އެހެން ގަބޫލުކުރާހިތެއް ނުވޭ."
"އެހެންވީމަ އެކަހަލަ ކެރެކްޓާސް އަމިއްލަ އަށް ވަރަށް ކުޅޭހިތްވޭ. އެއީހެން ހީވަނީ ބޮޑަށް (މިކަހަލަ ކެރެކްޓާތަކަށް) ދެވޭ ސަބަބަކީ. އެކަމަކު ހުންނާނެ ވަރަށް ގާލީ ކެރެކްޓާ ވެސް ކުޅެވިފައި. އެކަމަކު ބޮޑަށް ކުޅޭ ހިތްވަނީ، އަންހެނަކަށް ހިތްވަރެއް ލިބޭ ކަހަލަ ރޯލެއް."
ވަރަށް ގިނަ ބަޔަކު އުއްމީދުކުރޭ ވިޝްކާ އަކީ މޮޅު ފިލްމަކަށްވާނެ ކަމަށް. ބުނެވިދާނެތަ މިއީ ޔާރާ ޕްރޮޑަކްޝަން އިން މިހާތަނަށް ގެނެސްދޭ އެންމެ ތަފާތު ނުވަތަ ރިޝްމީމެންގެ މަސައްކަތް އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ފިލްމެކޭ؟
"ވިޝްކާ އަކީ ތެދަށް ބުނަންޏާމު ހަމައެކަނި ޔާރާ ޕްރޮޑަކްޝަންސްގެ އުފެއްދުންތަކެއް ނޫން، މި އިންޑަސްޓްރީގައި ފިލްމު ހެދުމުގެ ފެންވަރު މަތިކުރުމުގެ ބޭނުމުގައި ކުރި މަސައްކަތެއް އަސްލުގައި. މިސާލަކަށް ޔާރާ ޕްރޮޑަކްޝަން އަށް ބަލާއިރު ދިމާވެފައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ޓެކްނިކަލީ އެހާ ސްޓްރޯންގް ބެކަޕެއް ނެތުން. އެކްޓިން ވައިސްކޮށް މީހުން އިމްޕްރެސްވެދާނެ އެކަމަކު ޓެކްނިކަލީ ހުންނާނެ ބޮޑެތި މިސްޓޭކްސްތައް"
"އެހެންވީމަ މިފަހަރު ވިސްނީ ޓެކްނިކަލީ ކިޔަވައިގެން ތިބި ބަޔަކާ އެކީގަ ގުޅިގެން މަސައްކަތެއް ކުރަން. އެގޮތުން ބަލާއިރު ރަވީ އަކީ ވެސް ވަރަށް މޮޅު ޑައިރެކްޓަރެއް ރިޝްމީ ގަބޫލުކުރާ ގޮތުގައި. ދެން މަދޮޝިޕްއާ އެކު ޝޯޓް ފިލްމެއްގައި ކުރިން މަސައްކަތްކުރެވި އެމީހުން މަސައްކަތްކުރާ ގޮތް ފެނިގެން އެމީހުންނަށް މި ފިލްމު ދިނީ"
"ޓްރެއިލީ އަދި ޓީޒާ ބަލައިލީމަ ވެސް އާންމުކޮށް ދިވެހި އެހެން ފިލްމުތަކުން ނުފެންނަ ލުކްއެއް ވިޝްކާ އިން ފެންނާނެ. އެހެންވީމަ މިކަމުގައި ކާމިޔާބުވެއްޖެހެން ހީވަނީ. އެހެން އެއްވެސް ކަމެއްގައި ތަފާތުނުވިޔަސް ސިނެމެޓޯގްރެފީ އާއި ޑައިރެކްޝަންކޮށް ބަލަނީ ނަމަ މީހުން އިމްޕްރެސްވާނެއޭ މި ފިލްމު ބަލައިގެން."
ދިވެހި ފިލްމު އުފައްދާ ގޮތާއި އުފައްދާ ފިލްމުތަކުގެ ރަހަތައް ވެސް މި ދަނީ ވަރަށް ބޮޑަށް ބަދަލުވަމުން. އެގޮތުން ރިޝްމީގެ މި ފިލްމަކީ ޥެސް ތަފާތެއް. މިއީ ދިވެހި ސިނަމާގެ ކުރިއެރުމަށް ރަނގަޅު ފާލެއް ނުވަތަ ބަދަލެއް ކަމަށް ގަބޫލުކުރެވޭތަ؟
"އެކި ކަހަލަ ޓޮޕިކްސް އަށް ބޭސްކޮށްފައި ފިލްމު ހަދަންވީ. ދިވެހިންގެ މި އިންނަނީ ވަރަށް ކުޑަކުޑަ ނެރޯ ދިމާލެއް. ދެން ރާއްޖޭގެ މާހައުލު އޮންނަ ގޮތުން ވަރަށް ޓޮޕިކްތަކަށް ނުވެސް ހެދޭނެ ފިލްމުތަކެއް ބޭނުންވާ ގޮތަކަށް. މަސައްކަތްކުރަން ޖެހޭ ގޮތުންނާއި މީހުންގެ ދަތިކަން ހުރީމައާ ވެސް އެކުގައި. އެހެންވީމަ ކުދިކުދި ކަންތަކުން މި އެކްސްޕެރިމެންޓް ކުރަން މިޖެހެނީ.
އެހެންވީމަ ތަފާތު ވައްތަރު ވައްތަރުގެ ފިލްމު ހެދުމަކީ މިތަނުގައި ވަރަށް ބޮޑު ޗެލެންޖެއް"
"މި އަހަރު އަންނަން ހުރި ފިލްމުތަކަށް ބަލާއިރު ކޮންމެ އެއްޗަކީ ވެސް އަނެކައްޗަކާ ވަރަށް ތަފާތު ފިލްމުތަކެއް. މިކަހަލަ ޗޭންޖެއްކަން ނޭނގެ މިހާރު ބޭނުންވަނީ. މި އޮތް ހުރިހާ ދުވަހު ވަރަށް އެއްގޮތަކަށް، ރިޝްމީމެންނަށް ކުޅެން ލިބޭއިރު ވެސް މި ލިބެނީ ވަރަށް އެއްވައްތަރުގެ ރޯލުތަކެއް ގިނައި. ލޯބީގެ ކޮންމެވެސް ކަންތައްގަނަޑެއް ލައިގެން އުޅޭ ފިލްމެއް. އެކަމަކު މިހާރު އޭތި އެ ބަދަލުވޭކަން ނޭނގެ."
ރިޝްމީ އަކީ ފިލްމީ ދާއިރާ އަށް ބަލާއިރު ވަރަށް ބުރަކޮށް މަސައްކަތްކުރާ ނިކަން ހުނަރުވެރި ގިނަ މަސައްކަތްތަކެއްކުރާ ފަރާތެއްކަން ފާހަގަކޮށްލެވޭ. ފިލްމީ ދާއިރާގައި މިހައި ބުރަކޮށް މަސައްކަތްކުރުން، ވަކިން ހާއްސަކޮށް އަންހެނަކަށްވެ ހުރެ މިހައި ހިސާބަށް އާދެވުން ސިފަކުރާނީ ކިހިނެތް؟
މި ދާއިރާގައި ވަރަށް މަދުކަން ނޭނގެ، މިހެން އަމިއްލަ އަށް އިސްނަގައިގެން ބޮޑު ކްރޫއެއް ގޮވައިގެން މަސައްކަތްކުރާ އަންހެނުން. ނަހޫ (ފާތިމަތު ނަހުލާ) އާއި ރިޝްމީ އެކަނިކަން ނޭނގެ އަނެއްހެން ބުނަންޏާމު. ދެން މިކަމުގައި އަޅުގަނޑުގެ ހުރިހާ ކްރެޑިޓެއް ދަނީ އަޅުގަނޑުގެ މަންމަ އަށް. މި ފީލްޑަށް ނުކުންނަންވެގެން ބެލިއިރު މަންމަމެން ބޭނުމެއް ނުވި އެހާ ބޮޑަށް ދާއިރާގެ ތެރެއަށް ދޫކޮށްލާކަށެއް. ދެން ބައްޕަގެ ޕޮއިންޓަކަށްވީ އިފް ޝީ ވޯޓްސް ޓް ޑޫ ދެޓް، ޝީ ކޭން ޑޫ ދެޓް އޭ. ދޫކޮށްލަން ބައްޕަ ބޭނުންވީ ހުރިހާ މަސައްކަތެއް ދަސްކޮށްދީފައި. މި ދާއިރާއަކީ ކޮބައިކަން، މީގައި ސަވައިވްވާނީ ކިހިނެތްކަން، ކިހިނެތް މަސައްކަތްކުރިއްޔާކަން ޕްރޮޑަކްޓިވް މަސައްކަތެއް ނެރެވޭނީ"
"އެގޮތުން ޔާރާ ޕްރޮޑަކްޝަންގެ ތެރެއިން ހުރިހާ ކަމެއް ދަސްކޮށްދީފައި ފީލްޑަށް ނެރުނީ. އެގޮތަށް އެހާ ބޮޑަށް ރެޑީކޮށްފައި ނެރުނީމައޭ މިހާރު މިއަދު މީހަކަށްވެފައި މިހުރީ. އެއީ ބުނެލަން ބޭނުންވާ ވާހަކައަކީ. ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިކަން ފާހަގަކުރާނީ."
އޭ ލެވެލް ހަދައިގެން ކިޔެވުމުގެ ރަނގަޅު މުސްތަގުބަލެއް އޮތް މީހަކު އާންމުކޮށް މިގޮތަށް ފިލްމުކުޅެން ނުކުމެ ދާއިރާގައި މަޑުކޮށްލާ މަންޒަރެއް ނުފެނޭ. ރިޝްމީ މިގޮތަށް މަޑުކޮށްލީ ކީއްވެގެން ހެއްޔޭ؟
"އެންޓަޓެއިންމަންޓް ފީލްޑަކީ އެންމެކުރިންސުރެން ފަށައިގެން ވެސް މަންމަ (މި ދާއިރާއިން ފެންނާތީ) ވަރަށް ލޯބިވާ ދާއިރާއެއް. ޝިރާނީމެންގެ ލަވަތައް ފެނިގެން ފެސިނޭޓްވެސްވާނެ. ކުރީގެ ހުރިހާ ލަވަތަކެއްހެން ހިތު ވެސް ދަސްވާނެ. އެހާވެސް، އެ ވަރަށް ބަލަމޭ އެއްޗެހި. އެކަމަކު ސްކޫލް ނިމިގެން އައިއިރު ވާން ބޭނުންވީ ޓީޗާއަކަށް. ކިޔަވައި ވެސް ދިނިން. ގްރޭޑް އަށެކުން ފަށައިގެން ވެސް މަސައްކަތްކުރަމުން ދިޔައީ ޓީޗަރެއްގެ ގޮތުގައި. ފުރަތަމަ ލަވަ ކުޅުނުއިރު ވެސް ޓީޗަރަކަށް އުޅުނީ. ޓިއުޝަން ކްލާހެއްގައި"
"އެކަމަކު ވާގޮތަކީ ރާއްޖޭގައި ނަމަ، ޓީޗަރެއް ނަމަ ޓީޗަރެއްގެ ގޮތުގައި ހުރެވޭނީ. އެކްޓްރެސްއެއް ނަމަ އެކްޓްރެސްއަކަށް. ދެ ކަމެއް އެއް ފަހަރަކާ އެއް ނުއެއް ކުރެވޭ. ދެން މިގޮތަށް ވިސްނިއިރު އެއްވެސް އިރަކު ބޭނުމެއް ނުވޭ މީހެއްގެ ދަށުގައި މަސައްކަތްކުރާކަށް. އެގޮތުން މިއީ އާއިލީ ކަމަކަށް ވެފައި އާއިލާގައި އެންމެ ދޮށްޓަށްހުރި ކުއްޖާއަށް ވެފައި ބައްޕަ ވެސް މިގޮތް ބޭނުންވީމަ އަދި ރިޝްމީގެ ވެސް އެ އިންޓްރެސްޓް ހުރީމަ ހިތަށް އެރީ ވައި ނޮޓްއޭ"
"އެކަމަކު އަބަދުވެސް ކިޔަވަން ބޭނުންވި ފީލްޑެއް ޓީޗިން އާއި ހިއުމަން ސައިކޮލޮޖީ އަކީ. އަދިވެސް ހަމަ ފުރުސަތު ލިބިއްޖެއްޔާމު."
ބުނެވިދާނެތަ މިއީ ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ދާއިރާއެކޭ އަދި އަންހެނުން މަސައްކަތްކުރަން ވަރަށް ރަނގަޅު މައިދާނެކޭ. އާންމުކޮށް އަޑުއިވެނީ ވަރަށް ނެގެޓިވް ވާހަކަ. ފިލްމީ ދާއިރާގެ ޕޮޒިޓިވް ކަންތަކުގެ ވާހަކަ އަހަރެމެންނަށް ކިޔައިދީބަލަ؟
"ރާއްޖޭގެ ފިލްމީ ދާއިރާ އޮތް ގޮތަކުންނެއް އަދި ނެތް މިއަށް އެއްކޮށް ހުސްވެގެން އާމްދަނީއެއް ހޯދޭކަށް. އެކަމަކު ހޮބީއެއްގެ ގޮތުގައި ކުރަން، އިފް ޔޫ އާ ރިއަލީ އިން ޓު އިޓް، ކުރަން ވަރަށް ރަނގަޅު ކަމެއް. ދެން މި ދާއިރާ އަށް އަލަށް ނުކުންނަ ކުދިންނަށް ބަލާއިރު ވެސް ލެކްވާ އެއްޗަކީ އެ ޑެޑިކޭޝަން. ފިލްމަށް އެ އާޓަށް ހުންނަން ޖެހޭ އެ ލޯބި އަސްލު ނުފެންނަނީ. މީހުންނަށް އެނގޭ މީހަކަށް ވުން ނުވަތަ މަޝްހޫރު މީހަކަށްވުން ގިނަ ކުދިންގެ (ބޭނުމަކަށް) ވެފައި އޮންނަނީ"
"ރާއްޖޭގައި ސްޕޯޓްސް އެންޑް އެންޓަޓެއިންމަންޓަކަށް އެހާ ބޮޑަށް އަސްލަކު ސަރުކާރުން ދޭންވާ ސަމާލުކަމެއް ވެސް ނުދޭ. އެހެންވީމަ މިކަމަށް ހުންނަ ޕެޝަންއެއްގެ ސަބުން ކުރާ މީހަކަށް މިކަން ކުރެވުނަސް އާމްދަނީއަކަށް މިއީ ކުރަން ރަނގަޅު ކަމެކޭ ރިޝްމީއަކަށް ނުބުނެވޭނެ."
ފިލްމީ ދާއިރާ އަށް ޝައުގުވެރިވާ ނުވަތަ ރިޝްމީމެން ފަދައިން އެކްޓިން އަށް ޝައުގުވެރިވާ އަންހެން ކުދިންނަށް ދޭނެ ނަސޭހަތަކީ ކޮބާ މި ދާއިރާގައި ގިނަ ދުވަސްވީ މީހެއްގެ ހައިސިއްޔަތުން؟
"މި ފީލްޑަށް އަލަށް ނުކުންނަ ކުދިންނަށް ވެސް ބުލެން ބޭނުންވަނީ ޑިސިޕްލިން ހިފަހައްޓަދޭށޭ. އާންމުކޮށް ބެލުންތެރިންނަށް ރިޝްމީމެން ސްކްރީނުން މި ފެންނަނީ މުޅިން އެހެން ގޮތަކަށް އަސްލުގައި. ޕާސަނަލީ ރިޝްމީއަކީ ކޮން ކަހަލަ މީހެއް ކަމެއް އެހެނެއް ނޭނގޭނެއޭ. އެހެންވީމަ ބެލުންތެރިން ދޭ ސަޕޯޓަކީ ސްކްރީނުން މި ފެންނަ ކެރެކްޓާސް ދެކެ ވާ ލޯތްބެކޭ. ދެން މަގުމަތިން ފެންނައިރު (އެ ޑިސިޕްލިން) ނުދެއްކުނީމަ މީހުން (އުއްމީދުކުރާ ގޮތަށް ނުވެ ދެކޭ ގޮތް ބަދަލުވަނީ)."
ބުނެވިދާނެތަ ރިޝްމީ އަކީ ވަރަށް ފޮނި މީހެކޭ ނުވަތަ ބޮޑާ މީހެކޭ. އެއީ ބައެއް ފަހަރަށް ބައެއް މީހުން އެހެން ބުނާ އަޑު އިވޭ. ކޮބައިތަ ރިޝްމީ ދޭނެ ރައްދަކީ މިއަށް؟
"ރިޝްމީ އަށް އެންމެ ގިނައިން އަންނަ އެއް ކޮމެންޓް އެއީ. ރިޝްމީ އަކީ ވަރަށް ފޮނި މީހެކޭ. އެކަމަކު އާންމުކޮށް ނުދަންނަ މީހަކާ އެކު އެއް ކޮންވަޒޭޝަން ދިއުމަށް ފަހު ބުނާނެ ތިމަންނަމެން ހީއެއް ނުކުރަމޭ އަސްލު ތިހެން ކަމެއް. ތިމަންނަ ހީކުރީ އަސްލު ވަރަށް ފޮނިވާނެކަމަށޭ. ތިހާ ޑައުން ޓު އާތު ވާނެކަމަކަށް ހީއެއް ނުކުރަމޭ. ތިމަންނައާ ދިމާވި އެންމެ ޑައުން ޓު އާތު މީހާއޭ ވެސް ބުނެފައި އެބަހުރި މީހުން"
"ރިޝްމީ އަށް ވާގޮތަކީ އަސްލުގައި އަމިއްލަ އަށް ގޮސް އެއްވެސް މީހަކާ ވާހަކަ ދައްކާކަށް ނުކެރޭ. އެކަމަކު އެ މީހަކު އިސްވެ އައިސް ވާޙަކަ ދައްކައިފިއްޔާމު ރީއްޗަށް ވާހަކަ ދައްކާނަން. ދެން އެނގޭ ރިޝްމީ ދަންނަ މީހުން ވަރަށް ގިނަވާނެކަން. އެހެންވީމަ ބައެއް މީހުން އެކްސްޕެކްޓްކުރޭ ރިޝްމީ ފުރަތަމަ ހީލަން ވެސް."
މިހާރު ތިހުރީ ސިންގަލްކޮށްތާ. ކުއްޖަކު ވެސް އެބަހުރި. ކައިވެނި ރޫޅި، ސިންގަލް މަމްއެއްގެ ގޮތުގައި އުޅުމަކީ ކޮން ކަހަލަ ތަޖުރިބާއެއް ނުވަތަ ދިރިއުޅުގައި ލިބުނު ފިލާވަޅެއްތަ؟
ލައިފް އޭޒް އަ ސިންގަލް މަމް، ދެން ފަސޭހައެއް ނުވާނެ. އެކަމަކު މަންމަގެ ހެލްޕް ވަރަށް ބޮޑަށް ލިބޭ. ހާއްސަކޮށް ޕްރޮޖެކްޓެއްގައި އުޅޭ ނަމަ. މަންމަ ހުންނާތީ ރިޝްމީ އަށް މިހާ އިންޑިޕެންޑެންޓްކޮށް މި މަސައްކަތްކުރެވެނީ. އެހެން ނޫން ނަމަ ނުކުރެވޭނެ މިގޮތަކަށް މަސައްކަތެއް."
"ދެން (ދަރިފުޅުގެ ކަންކަމުގައި އޭނާގެ ބައްޕަ އަޒޭ) ގެ ފަރާތުން ވެސް ފުދޭވަރަކަށް ހެލްޕް ލިބޭ. މެރީކޮށްގެން އުޅުނުއިރު ވެސް އެމީހުންގެ ފަރާތުން އެ ހެލްޕް ލިބިފައި ހުރީމަ މިގޮތަށް ރިޝްމީ އަށް މަސައްކަތްކުރެވިފައި މިހުރީ."
ފިލްމުސްޓާރެއްގެ ގޮތުގައި އަދި ދަރިފުޅުގެ ބައްޕަގެ ގޮތުގައި އަޒޭ ސިފަކުރާނީ ކިހިނެތް؟
"އޭޒް އޭން އެކްޓާ، އަޒޭއާ ދޭތެރޭ އެއްޗެކޭ ބުނަންޏާމު ބުނެވޭނީ އަޒޭ އަކީ ވަރަށް ކެލިބާ ހުރި މޮޅު އެކްޓަރެކޭ. އެކަމަކު އޭނަ އަށް އަސްލު އޭނަގެ ޕާފޯމެންސެއް ރަނގަޅަށް ދެއްކޭނެ ކަހަލަ ރޯލެއް ނުލިބޭތީ ކަމަށް ވެދާނެ އިމްޕްރެސިވް ޕާފޯމެންސެއް ނުދެވިގެން އުޅެވެނީ. އެކަމަކު ޕާސަނަލީ ރިޝްމީ އަށް ވަރަށް އިމްޕްރެސިވް އޭނަ ފަނާގައި ދީފައި އިން ޕާފޯމެންސް. މޮޅޭ ބުނެވިދާނެކަން ނޭނގެ ތިމާ މީހާ ނޫން އެހެން މީހެއް އޮން ސްކްރީނުން ޑެލިވާކޮށްދިނީމަ. އެގޮތަށް އޭނަ އަކީ މޮޅު އެކްޓަރެކޭ ބުނެވިދާނެ"
"ދެން ބައްޕައެއްގެ ގޮތުގައި ދަރިފުޅު ދެކެ ވަރަށް ލޯބިވޭ. ދަރިފުޅު ވެސް ވަރަށް ފޯރިހުރޭ."
އަޒޭއާ އަލުން އިނދެފާނަންތަ؟
"އަޒޭއާ އަލުން މެރީކުރާނަމެކޭ ހިތަކު ނެތް. މިހާރުގެ ވިސްނުން މި އިންނަ ގޮތުން ބުނަންޏާމުއެއް. ނުކުރާނަމޭ ވެސް ބުނެވިދާނެ. އެކަމަކު ވަގުތާއި ހާލަތަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެއް. އެހެންވީމަ ކުރިއަށް އޮތް ތާނގައި ވާނެ އެއްޗެއް ނޭނގޭ. އެކަމަކު ހިތަކު ނެތް އަލުން އަނބުރާ އަޒޭއާ ގުޅިދާނަމެކޭ."
ވަރަށް ފަހުން ރިޝްމީ އާއި ރަވީގެ ލޯބީގެ ވާހަކައެއް ނިކަން މަޝްހޫރުވެގެންދިޔަ. ކައިވެނިކޮށްފާނެހެން ވެސް ހީވި. އެކަމަކު ރުޅިވީ ކަމަށް ވަނީ. ދެ މީހުންނަށް އެކުގައި ނޫޅެވުނީތަ ނުވަތަ ކޮބައިބާ ދިމާވި މައްސަލައަކީ؟
"ރަވީ އަކީ ވަރަށް ކުރިންސުރެން ފައްޓައިގެން ވެސް ވަރަށް ކްލޯޒް ފްރެންޑެއް. ވަރަށް ގިނަ ކަންތައްތައް ޝެއާކުރެވިފައި ވެސް ހުންނާނެ. އެންމެ ފުރަތަމަ އެކަހަލަ (ރިލޭޝަންޝިޕަކަށް) ދާ ކަހަލަ ހިޔާލެއް ވެސް ކުރިއަކުންނެތް. އެކަމު ދެން އިއްތިފާގުން ދިމާވީ. ރިޝްމީ ވެސް ޑިވޯސްވި އަހަރު އޭނަ ވެސް ޑިވޯސްވީ. އެހެންވީމަ ދެ މީހުން ވެސް ތިބީ އިމޯޝަނަލީ އަދި މެންޓަލީ ގާތްގަނޑަކަށް ހަމަ އެއް ސްޓޭޖެއްގައި. ދެން ކަން ދިމާކުރިގޮތުން ދެ މީހުންނަށް އެއް ތަންތަނަށް ދެވި އެ އިންޓްރެސްޓް އިތުރުވީ"
"އެކަމަކު ފެށިއިރު ވެސް ފެށީ، ދެވެނީ ކިހާ ހިސާބަކަށްތޯއޭ ބަލައިލަން. އެގޮތުގެ މަތިން ޑޭޓްކުރަން ފެށީ. އަނެއްހެން ބުނަންޏާމު ގެޓް އެލޯންގްވޭ ވަރަށް. އެއްގޮތްކަން ވެސް ވަރަށް ގިނަ. ރިލޭޝަންޝިޕް ވޯކްއައުޓް ނުކުރިޔަސް މިހާރު ވެސް މީހުން އަދިވެސް ގަބޫލެއް ނުކުރޭ ރައްޓެހިވެގެން ނޫނޭ ބުނީމަކާ ވެސް"
"ގެޓް އެލޯންގް ވާން ރިޝްމީއާ ދިމާވި އެންމެ ފަސޭހަ މީހާ ރަވީ އަކީ. އެކަމަކު އެކަން އެކަންޏެއް ނޫނެއް ނޫންކަން ނޭނގެ ދިރިއުޅުމަކަށް ބޭނުންވާނީކީ. އެހެންވީމަ ބައެއް ކަންތައްތައް ހުރި ގޮތުން ދިރިއުޅުމަކަށް ދެ މީހުންނަށް އެކުގައި ދެވެން ނެތީމަ އެހިސާބުން އެންމެ ރަނގަޅުވާނެ ގޮތަކީ ނިންމާލުން ކަމަށްވީމަ އަންޑަސްޓޭންޑިންއެއްގެ ދަށުން ރިލޭޝަންޝިޕް ބައި ހުއްޓާލާފައި ޕްރޮފެޝަނަލް ފްރެންޑްޝިޕް އަނެއްކާވެސް ކުރިއަށް ލީ."
މަޝްހޫރު މީހުންނާ ޑޭޓްކުރުމާއި ހިތާވުމާއި ކައިވެނިކުރުން ދެން މި އޮންނަނީ ވަރަށް ނެގެޓިވް ކަމެއްގެ ގޮތުގައި ބައެއް މީހުންގެ ހިޔާލުގައި. ރިޝްމީ ގަބޫލުކުރަންތަ، މަޝްހޫރު މީހަކާ ނުވަތަ ފިލްމީ ދާއިރާގެ މީހަކާ ރައްޓެހިވުމަކީ ނުވަތަ ކައިވެނިކުރުމަކީ އެ ގުޅުމެއްގެ އުމުރު ކުރުވާ ކަމެއް ކަމަށް؟
"މީހުންނަށް ހީވަނީ މި ދާއިރާގެ މީހުންނާ މީހުން އިނީމައޭ ވޯކްއައުޓް ނުކުރަނީ. އެކަމަކު ކޮންމެ ފީލްޑެއްގައި ވެސް އިންނަ ކަމެއްކަން ނޭނގެ މިއީ، ވަކި ފިލްމީ ދާއިރާއެއް ވެގެނެއް ނޫން. ޕީޕަލްއާ އޯލްވޭސް ޗޭންޖިން. އެކަމަކު ރިލޭޝަންޝިޕެއް މަސައްކަތްކުރަން ބަލާއިރު އޭތި ވޯކްއައުޓް މި ކުރަނީ އެ ހުރިހާ ބަދަލުތަކަކާ އެކު ވެސް މަސައްކަތްކުރަން އުޅެގެން"
"ވަރަށް ގިނަ މީހުން ބުނޭ ރިޝްމީ އަށް މި ދާއިރާގެ މީހަކު ނޫން މީހެއް ކަމުނުދަނީ ހެއްޔޭ ވެސް؟ އަސްލު އެއީކީ ނޫން ބޮޑަށް ވާގޮތަކީ. ރިޝްމީ އަކީ ކުރިން ވެސް މެންޝަންކުރި ހެން އެހާ ބޭރަށް ނުކުމެ އުޅޭ މީހެއް ނޫން. ދެން ދިމާވާނީ މި ދާއިރާގެ މަސައްކަތުގެ ތެރެއިން ދިމާވާ މީހުންނާ."
ރިޝްމީ ހިޔާރުކުރާނީ މެރިޑް ލައިފެއްތަ ނުވަތަ މިގޮތަށް ސިންގަލް މަމްއެއްގެ ގޮތުގައި ދެމިހުރުމަށްތަ؟
"ރިޝްމީ އަބަދުވެސް ޕްރިފާކުރަނީ މެރިޑް ލައިފެއް. ބިކޯސް ކުރިން ވެސް ބުނިފަދައިން ވަރަށް ހޯމްލީ ޕާސަންއެއް. ވަރަށް ހިތްހަމަޖެހެއޭ ގޭތެރޭގެ ކަންތައްތައް ކުރުމާއި އޯގަނައިޒްކުރުން. ކެއްކުން، ސާފުކުރުން އެއްޗެހި ދޮވެ ސާފުކުރުން. އެކަހަލަ ކަންތައްތައް ވަރަށް ކުރާހިތްވޭ. މިސްވޭ މިހާރު އެ ކަންތައްތައް ކޮށްދޭނެ މީހަކު ނުހުންނާތީ ވެސް"
"ރިޝްމީ އަކީ އަބަދުވެސް އޯން ލިޓްލް ވޯލްޑެއްގައި އުޅެން ބޭނުންވާ މީހެއް އެކުވެރިންނާ އެކު ބޭރަށް ގޮސް މާ ސޯޝަލްވެގެން އުޅުމަށް ވުރެން. އެހެންވީމަ އައި ޕްރިފާ އަ މެރިޑް ލައިފެއް ހަމަ. އެކަމަކު ދެން ލިބުނީމަތާ އަނެއްކާވެސް މެރީކުރެވޭނީ."
ރިޝްމީގެ ހަޔާތަށް އައި ލޯބިވެރިންގެ ތެރެއިން އެންމެ ހާއްސަ މީހަކު ހޮވާ ނަމަ އެމީހަކަށް ހަދާނީ ކާކު؟
"ރިޝްމީގެ ލަވް ލައިފަށް ބަލާއިރު އަޒޭ އާއި ރަވީ އެންމެ އަނެއްހެން ފާހަގަކޮށްލާނީ. އަޒޭ، ބިކޯސް ފްރޮމް އަ ގާލް ޓު އަ ވުމަން ބަދަލުވީ އަޒޭއާ އެކީގަ. 19 އަހަރުގައި މެރީކުރީ. އޭނައާ އެކީގައި ވަރަށް ގިނަ ކަންތައް ތަޖުރިބާކުރެވި، ކުއްޖަކު ލިބި، ދިރިއުޅުން ދަސްކުރެވުނީ އަޒޭއާ އެކީގައޭ. އެގޮތުން އޭނަ ވަރަށް ސްޕެޝަލް"
"ދެން މި ބުނާހެން ރަވީ އަކީ، އެންމެ ކްލިކްވާ ނުވަތަ ޗެނަލް ދިމާވެއޭ މި ބުނާ ކަހަލަ ރިލޭޝަންޝިޕަކަށް ދެވުނު މީހާ."
ރިޝްމީގެ އަމިއްލަ ހަޔާތުގައި އަދި ފިލްމީ ހަޔާތުގައި ސީޒަން ސިފަކުރާނީ ކޮން ކަހަލަ މީހެއްގެ ގޮތުގައި؟ ބުނެވިދާނެތަ ސީޒަން އަކީ ރިޝްމީ އަށް އަދިވެސް ވަރަށް ހާއްސަ މީހެކޭ؟
"ސީޒަން އަކީ ފެމިލީއާ އެކު އޮންނަ އެކުވެރިކަމެއްގެ ތެރެއިން އަންނަ މީހެއް. ސީޒަންއާ އެކު ރިޝްމީ ކުރި ފުރަތަމަ މަސައްކަތަކީ އޮން ދަ ބީޗް އިން ދަ ރެއިން ލަވަ. އަނެއްހެން ވަރަށް ގެޓްއެލޯންގްވާ ރައްޓެއްސެއް އޭނާއަކީ. ވަރަށް ގިނަ ކަންތައް ޝެއާ ވެސް ކުރެވިފައި ހުރީ. އެއްގޮތް ކަންތަކެއް މިޒާޖުގައި ހުންނަނީ. ދެން އޮން ސްކްރީން ކެމިސްޓްރީ ވެސް އެހާ ދިމާވާތީ މީހުން ބުނަން ފެށީ ޔަގީނޭ ކޮންމެވެސް ކަމެއް ނެތިއެއް ނޫނީ އެހާ ރަނގަޅެއް ނުވާނެއޭ އޮން ސްކްރީން ކެމިސްޓްރީ ވެސް"
"އެގޮތަށް އަރައިގެން ދިޔަ އަޑެއް (ސީޒަންގެ ވާހަކަ) އަކީ. ބޮޑަށް ބުނެވޭނީ އޮން ސްކްރީން ކެމިސްޓްރީ އާއި ދެ މީހުންގެ ފްރެންޑްޝިޕާ ހެދި އައިސްގެން އުޅޭ ކަމެކޭ. އަނެއްހެން އިތުރު އެއްވެސް ކަމެއް ދެ މީހުންގެ ދެމެދަކު ނެތް."
ރިޝްމީގެ ކޮއްކޮ، އައްޒަގެ ފިލްމީ ހަޔާތުގައި މިހާރު އެވަނީ ވަރުގަދަ ފޯރިއެއް ހިފާފައި. ކޮއްކޮއެއްގެ ގޮތުގައި އަދި އެކްޓްރެސްއެއްގެ ގޮތުގައި އައްޒަ ސިފަކުރާނީ ކިހިނެތް؟
"އައްޒަ އޭޒް އޭން އެކްޓްރެސް ބުނެވޭނީ ދެން، އޭނަ ވޯކްކޮށްފިއްޔާމު، އޭނަ އަކީ އެ ކޭޕެބިލިޓީ، ކެލިބާ ހުރި ސްޓާރެކޭ. ރިޝްމީ ގަބޫލުކުރާ ގޮތަކީ، ބްލަޑްގަ ހުންނާނެއޭ އެ ޓެލެންޓް. މަންމަގެ އެ ޓެލެންޓް އިރާދަކުރެއްވީތީ ދެ މީހުންގެ ގައިގައި ވެސް އެބަހުއްޓޭ. އޭތި އޭނަށް ރަނގަޅަށް ޔޫސްކުރަން އެނގިއްޖެ ނަމަ އޭނަ ބީޓްކުރެވޭނެ ވަރުގެ އެކްޓްރެސްއެއް ކުރިއަށް މިއޮތް ފިއުޗާގައެއް ނާންނާނެއޭ"
"ރިޝްމީ އާއި އައްޒައާ ދެމެދު ވާދަވެރިކަމެއް އޮންނާނެ ކަމަކަށް ރިޝްމީއެއް ގަބޫލެއް ނުކުރާނަން. ހީއެއް ނުވޭ އޭނަގެ ވެސް ހުންނަ ހެނެއް އެކަހަލަ ކަމެއް. އެކަމަކު މީހުން ބުނާނެ ޔަގީނޭ އެ ދެ މީހުން އަސްލު ވަރަށް ވާދަވެރިވާނެއޭ. އެކަމަކު ރިޝްމީ ބުނާނީ އަޅުގަނޑުގެ ސައިޑަކުން އެކަމެއް ނޯވެއޭ. އޭނަގެ ފަރާތުން ވެސް އެކަނެއް ނީންނާނެއޭ ބުނާނީ. އެއް އެވޯޑަކަށް ދެ މީހުން ވާދަކޮށްފައި ރިޝްމީ އަށް ނުލިބުނަސް އައި ވިލް ބީ މޯ ދޭން ހެޕީއޭ. ބިކޯޒް ޝީ އިޒް މައި ސިސްޓާއޭ."
- ފޮޓޯގްރެފީ އެންޑް ރީޓަޗިން: މިލްޒީރޯ ނިޝާން
- މޭކަޕް އަދި ސްޓައިލިން: ޖަސްޓިން
- އައުޓްފިޓްސް: ކޮޓަން ހައުސް އަދި ލުސިޑް ޑްރީމްސް
- ފައިވާން / ބޫޓް: ޗެޕްސް
- ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު / އަވަސް