- ހަޔާތް ބަދަލުކޮށްލީ 13 އަހަރުގައި ކުރި ކައިވެނި
- މި ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ފާޑުކިޔުން
- ކައިވެންޏަކާ މެދު ވިސްނުމުން އުނދަގޫ ކުރުވާ
ސުނީތާ އަލީ، ނަށައިގެން މީހުން މުނިފޫހިފިލުވައިދޭތާ 22 އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. މަލާމާތާއި ފުރައްސާރައިން މީހުން އޭނާ އަށް ހަމަލާ ދޭތާ ވެސް ހަމަ އެހާ ގިނަ ދުވަސްވީ އެވެ. އަދި މި ފާޑުކިޔުންތަކަށް ނުގުޑާ ފަދަ ވަރުގަދަ އަޒުމަކާއި ހިތްވަރެއްގައި ސުނީތާ ކުރިއަށް ދާތާ ވެސް ހަމަ މި ވަރަށް ދުވަސްވީ އެވެ. -- އޭނާ މި ފެންނަނީ ވަރަށް ވެސް އާދަޔާހިލާފު ފިސާރި އަންހެނެއްގެ ގޮތުގަ އެވެ.
ނަމަވެސް ސުނީތާ ބުނަނީ އޭނާ އަކީ ހަގީގަތުގައި ވަރަށް ހިތްބަލި އަންހެނެއް ކަމަށެވެ. ފާޑުކިޔުމާއި ފުރައްސާއިން ރޮވި ހިތްފަޅައިގެން ނުގޮސް ހުންނަނީ ހަމަ ކިރިޔާ ކަމަށެވެ. ނަމަވެސް 37 އަހަރުގެ މި ނެށުންތެރިޔާ އަކީ ކަންކަމުގައި އެހާ ފަސޭހައިން ހިތްވަރު ދޫކޮށްލާ މީހެއް ނޫނެވެ. ފުރައްސާރަ އާއި މަލާމާތުގެ ތެރޭގައި މިގޮތަށް 22 އަހަރު އުޅެވުނީ ނުވަތަ ކެތްކޮށްލެވުނީ މި ސަބަބާ ހެދި ކަމަށް ވެދާނެ އެވެ.
ހަގީގަތަކީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ސުނީތާ ގެނައި އިންގިލާބުގައި އޭނާއާ އެކުގައިވީ ހަމަ އެކަކު ވެސް ނެތް ކަމެވެ. އެންމެން ވެސް އޭނާއާ ދިމާކުރީ އެވެ. ނަމަވެސް ސުނީތާ ވެގެން ގޮސްފައި މި ވަނީ ޖީލުތަކަކަށް ދެމިގެންދާނެ އިބްރަތްތެރި ފިލާވަޅުތަކެއް ދިވެހިންނަށް ނަގައިދިން ހިތްވަރުގަދަ އަންހެނަކަށެވެ. ރާއްޖޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ލިސްޓެއް އެކުލަވައިލިވިޔަސް ސުނީތާގެ ނަން އެ ލިސްޓަކަށް ނާރަންވީ އެއްވެސް ސަބަބެއް ނެތެވެ.
އާންމުންގެ ތެރެއަށް ނުކުމެ އޭނާ ފުރަތަމަ ނެށީ 1995 ވަނަ އަހަރުގެ ގެލެކްސީ ޝޯގެ ތެރެއިންނެވެ. އޭނާ ބުނީ ލަދުކަނޑާލާފައި ސްޓޭޖަށް އެރީ، ލަވައަކަށް ނަށާލާނެ ކުއްޖަކު ނުލިބިގެން މީހަކު އާދޭސް ކުރުމުންނެވެ. އެހިސާބުން، ނެށުންތެރިޔާ ސުނީތާ އަލީ އުފެދުނީ އެވެ. ތިރީގައި މި އޮތީ ހަގީގީ ލޯތްބާ ހަމަ އަށް އޭނާ ކުރި ގޮންޖެހުން ބޮޑު ދިގު ދަތުރުގެ ތަޖުރިބާ އާއި ފުން އިހްސާސްތަކެވެ.
ކެރިއަރުގެ މިހިސާބުގައި މިއަދު ކުރެވެނީ ކޮން ކަހަލަ އިހްސާސެއްތަ؟ މީހުންގެ މަލާމާތް އެންމެފަހުން ލޯތްބަށް ބަދަލުވީމަ ކީކޭ މިއަދު ހިތަށް އަރަނީ؟
"ކެރިއާގެ މިހާ ހިސާބަށް އާދެވުން މިއީ ވަރަށް ތަފާތު ތަޖުރިބާއެއް. ބުނެދޭން ނޭނގޭ ކަހަލަ އިހްސާސްތަކެއް މިއަދު މި ހިސާބަށް އާދެވުނީމަ އެބަ ކުރެވޭ. ބުނެދޭން މި އުޅޭ އެއްޗަކީ، ނެވާ ގިވް އަޕް އޭ. ގިވް އަޕް ނުކޮށް ކޮންމެ ކަމެއްގައި ވެސް މަސައްކަތްކޮށްގެން ކުރިއަށް އައިސްފި ނަމަ ކޮންމެ މީހަކީ ވެސް ކާމިޔާބު މީހަކަށް ހަމަ ވެދާނެ ކަމުގެ ހެއްކެކޭ މިއަދު އަޅުގަނޑަކީ. އެ ހުރިހާ އެއްޗެއް އަޅުގަނޑު ތަޖުރިބާކޮށްފިން."
"އަޅުގަނޑުގެ ލައިފުގައި އަޅުގަނޑު ވަރަށް ގިނަ ކަންތައްތައް ސްޓްރަގްލްކުރިން. ވަރަށް ބައިވަރު ކަންތައްތައް ސްޓްރަގަލްކުރިން. ބާވީސް އަހަރުގެ ދިގު ކެރިއާއެއްގައި މަސައްކަތްކުރުމަކީ ހަމަ ގައިމު ވެސް ފަސޭހަކަމެއް ނޫން. އަދި އެކަނި މާ އެކަނި. އެހެންވީމަ އޭގެ ހެއްކަކީ ހިތްވަރު."
ސުނީތާ ގަބޫލުކުރާ ގޮތުގައި ކުރިން މީހުން އެގޮތަށް ސުނީތާ ބުލީކޮށް، މަލާމާތްކުރުމުގެ ސަބަބަކީ ކޮބާ؟ ސުނީތާ ގަބޫލުކުރާ ގޮތުގައި އެއްވެސް މީހަކަށް ހައްގުތަ އެގޮތަށް މީހުންނަށް މަލާމާތްކުރުން؟
"އަޅުގަނޑަކަށް އަސްލު ހަގީގަތުގައި އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރެވޭ، ނޭނގޭ، މީހުން އަޅުގަނޑާ ދިމާކުރީ، ބުލީ ކުރީ ކީއްވެގެން ކަމެއް. އަޅުގަނޑު ހަމަ ގައިމު ވެސް ގޯސްކަމެއް ނުކުރަން. އަޅުގަނޑަކީ ނެށިޔަސް ވަރަށް ޑިސިޕްލިން ވެގެން ހުންނަ މީހެއް. ނެށުން އެއީ އަޅުގަނޑުގެ ކެރިއާ. އަޅުގަނޑުގެ ވަޒީފާ. އެކި މީހުން ކާން ބޯން، ކުރާހިތުން ކުރާނީ އެކި ކަހަލަ މަސައްކަތް. އެއީކީ މީހަކާ ބެހޭ ކަމެއް ނޫން އަޅުގަނޑު ދެކޭގޮތުގައި. މިސާލަކަށް އަޅުގަނޑަށް ލާރި ދީފައި ތަނަކަށް ގެންދިޔައީމަ، އަޅުގަނޑު މި ނަށަނީ. އެހެންވީމަ އަޅުގަނޑު ނެށިއެކޭ ކިޔާފައި މީހުން އަޅުގަނޑާ ދިމާކޮށްލަންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. ދެން އަޅުގަނޑު އެކަމަކަށް މާ ބޮޑު ސަމާލުކަމެއް ނުދެން. ސަމާލުކަމެއް ނުވެސް ދޭނަން."
"އަޅުގަނޑު ދެކޭގޮތުގައި އެއްވެސް މީހަކަށް އެއްވެސް ހައްގެއް ނޯންނާނެ އެއްވެސް މީހަކު ކުރާ ކަމަކާ ބެހޭކަށެއް."
ނަށައި މީހުން މުނިފޫހިފިލުވައިދޭ އެހެން މީހުން ވެސް އުޅޭ. އެކަމަކު ސުނީތާ ވަރަށް ފާޑުކިޔުން އަމާޒުވާ މީހެއް ނެތް. އެންމެން އެވަރަށް ސުނީތާއާ ޖައްސާލައިގެން އުޅެނީ ކީއްވެގެން ކަމަށް ގަބޫލުކުރެވެނީ؟
"އަޅުގަނޑަށް ބައެއް ފަހަރު ހީވާ ކަހަލަ، އަޅުގަނޑަކީ ދެން ވަރަށް އާދައިގެ މީހެއް. ރާއްޖެތެރެއިން އައިސްފަހުރި. ގިނަ މީހުން ބުނާ ގޮތަށް، ނުކިޔަވާ ހުރި މީހެއް. މާ މޮޅު މީހެއް ވެސް ނޫން. އަޅުގަނޑު ގަބޫލުކުރަން އަޅުގަނޑަކީ މާ މޮޅު މީހެއް ނޫން. އެކަމަކު އަޅުގަނޑަކީ ވަރަށް ހިތްވަރުކުރާ މީހެއް. ކަންތައްތައް ދަސްކުރަން ވަރަށް މަސައްކަތްކުރާ މީހެއް. އެހެންވީމަ އަޅުގަނޑު ނުކިޔަވާ ހުރި މީހަކަށް ވެގެން، އެއްޗެއް ނޭނގިގެން އަޅުގަނޑަށް ހާސިލުނުވާ ކަމެއް ނެތްކަން ނޭނގެ މިހާތަނަށް"
"އަޅުގަނޑުގަބޫލު ކުރާ ގޮތުގައި މީހަކު މީހަކާ ޖައްސާލާނީ ކެއާކުރެވޭތީ. އެމީހަކު ކުރާ ކަންތައްތައް ފޮލޯކުރާތީ. މާނަ އަކީ އެމީހަކީ މޮޅު މީހަކަށްވީމަ."
އެ ހުރިހާ ފާޑުކިޔުންތަކެއްގެ ކުރިމަތީގައި ސުނީތާ ފެނިގެން ދިޔައީ ވަރަށް ވެސް ވަރުގަދަކޮށް. ފާޑުކިޔުންތަކަށް ނުގުޑާ ތިޔަ ގަދަފަދަ އަޒުމާއި ހިތްވަރުގެ ސިއްރަކީ ކޮބައިތަ؟ ފާޑުކިޔުންތަކާ ޑީލްކުރާ ގޮތް ކިޔައިދީބަލަ؟
"އަޅުގަނޑަށްވުރެން ގިނަ ފާޑުކިޔުންތައް އައި ފިލްމީ ފަންނާނަކު ހީއެއް ނުވޭ ރާއްޖޭގައި ހުންނާނެހެންވެސް. އަޅުގަނޑު އެއަށް ދުވަހަކު ވެސް ރައްދެއް ނުދެން. އެއްވެސް މީހަކާ ދިމާލަށް އެއްވެސް އެއްޗެއް ބުނެފައެއް ނީންނާނެ. ހުރިހާ (ފާޑުކިޔުމެއް) ވެސް އަޑުއިވޭނެ. ކުރާ ޓްވީޓްތައް ވެސް ބަލަން. އެފްބީގައި ލިޔާ އެއްޗެހި ވެސް ބަލަން. އޯޑިއޯއެއް ވީޑިއޯއެއް ނުކުމެއްޖެއްޔާ އެ ހުރިހާ އެއްޗެއް ވެސް ބަލަން. އެކަމަކު އެއަށް ރައްދެއް ދުވަހަކު ވެސް ދީފައި ނުހުންނާނެ. ދޭކަށް ބޭނުމެއް ވެސް ނޫން"
"އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް ދަށު ދަރަޖައިގެ މީހުން ކުރާ ކަމެއް އެއަށް ރައްދު ދިނުމަކީ. އޭގެ ސަބަބުން އަޅުގަނޑަށް ލިބުނީ ހިތްވަރު. ބުނެވިދާނެކަން ނޭނގެ މީހުންގެ ފާޑުކިޔުމަކީއޭ މިއަދު އަޅުގަނޑަށް މި ސްޓޭޖުގައި މިހެން ހުރެވުމުގެ އެންމެ ބޮޑު ސިއްރަކީ."
އެވަރަށް މީހުން މަލާމާތްކޮށް ފާޑުކީމަ ދުވަހަކު ވެސް ރުޅިއައިސްގެން އުޅެވުނުތަ. ނުވަތަ ބުނެވިދާނެތަ ފާޑުކިޔުންތަކުން ސުނީ ރޮއްވާލިއޭ. ޖެއްސުންކުރި މީހުންނަށް މިއަދު ބުނެލަން ބޭނުންވަނީ ކީކޭތަ؟
"އަޅުގަނޑާ ދިމާލަށް މީހަކު ފާޑުކިޔައިގެން ނުވަތަ އެއްޗެހި ކިޔައިގެން ރުޅިއެއް ނާންނާނެ. ރުޅިއައިސްގެން ރައްދެއް ނުދޭނެ. އެކަމަކު އަނެއްހެން ބުނާ ނަމަ އަޅުގަނޑަކީ ވަރަށް ހިތްބަލި މީހެއް. ރޮވޭނެ ވަރަށް ފަސޭހައިން. ހާއްސަކޮށް ފާއިތުވެގެން މިދިޔަ ކަންތައްތަކުގައި ވަރަށް ސްޓްރަގްލްކޮށް ވަރަށް ރުއިން. ވަރަށް ދެރަވި. ވަރަށް ދެރަވި ދުވަސްކޮޅެއް މިދިޔައީ. އެކަމަކު އެއްވެސް މީހަކަށް ރައްދެއް ނުދެން. މާ އުނދަގޫބޮޑުވަންޏާމު ސޯޝަލް މީޑިއާ އިން ބްލޮކްކޮށްލާނީ"
"ފާޑުކީ މީހުންނަށް އެއްވެސް އެއްޗެއް ބުނެލަން ބޭނުމެއް ނުވޭ. ހިތް ވެސް ހަމަ ސާފު އެ އެންމެނަށް."
މީހުން ބުނޭ މީހުންނަށް ފާޑުކިޔުން އަމާޒުވަނީ އުޅޭ ގޮތެއްގެ ސަބަބުންނޭ. ސުނީތާ ގަބޫލުކުރަންތަ ސުނީތާ އަށް ތިޔަ އުޅެވެނީ ގޯސްގޮތަކަށް ކަމަށް؟
"ކޮބައިތޯ އަޅުގަނޑަށް ގޯސްކޮށް އުޅެވިފައި. އަޅުގަނޑު ހިތަށް އަރަނީ ކޮބައިތޯއޭ އަޅުގަނޑަށް ގޯސްކޮށް ކުރެވިފައި ހުރި ކަމެއް. އަޅުގަނޑެއް ގަބޫލެއް ނުކުރަން، އަޅުގަނޑަކީ، ވަރަށް ނޯމަލް ގޭގައި އުޅޭ މީހެއް. އަމިއްލަ އަށް ބޭނުންވާ ކަންތައްތައް ކުރުމަށް އަޅުގަނޑު ގެއިން ބޭރަށް ވެސް ނުކުންނާނީ އާންމުކޮށް. ބޭރަށް ތަނަކަށް ގޮސް އުޅެނިކޮށް ނުފެންނާނެ، ބޭކާރު ކަންތަކެއް އަޅުގަނޑު ނުކުރަން. އެހެންވީމަ މީހަކު އަޅުގަނޑާ ޖައްސާލަންވީ އެއްވެސް ސަބަބެއް އޮތް ހެނެއް އަޅުގަނޑަކަށް ހީއެއް ނުވޭ."
މީހުންގެ މުނިފޫހިފިލުވުމަށް ނަށައި ތިގޮތަށް އާމްދަނީ ހޯދުމަކީ އެހާ ރީތި ކަމެއް ނޫނޭ ބައެއް މީހުން ބުނާ އަޑު އިވޭ. އަދި ވަކިން ހާއްސަކޮށް އަބުރުވެރި އަންހެނަކު ތިހެން އުޅެގެން ނުވާނެއޭ ވެސް މީހުން ބުނޭ. އެއީ ރަނގަޅު ވާހަކައެއްތަ؟
"ނެށުމާ ބެހޭ ގޮތުން ދީނުގައި ކަން އޮތްގޮތުގެ ވާހަކަ އަށް އަޅުގަނޑު ދާކަށް ނެތިން. ހަމަ ގައިމު ވެސް ހަގީގަތަކީ 22 އަހަރު ވަންދެން އަޅުގަނޑު މި ނެށީ. ނެށިއިރު ދުވަހަކު ވެސް އަޅުގަނޑު މީހެއް ކައިރީގަ ނުބުނަން އަޅުގަނޑު ޝޯއަކަށް ގެންދާށޭ. މީހުން އަޅުގަނޑަށް އަގު ދީގެން ޝޯތަކަށް ގެންދަނީ. އެހެންވީމަ އެމީހުންގެ ރިކުއެސްޓަށް ޕާފޯމްކޮށްދިނުން އެއީ ގޯސްކަމެއް ކަމަކަށް ގަބޫލެއް ނުކުރަން އަޅުގަނޑެއް. ގޯހީ ހަމައެކަނި ނެށުމެއް ނޫން. ގޯސްވާނެ ކޮންމެ ކަމެއް ވެސް ގޯސްކޮށް ކުރީމަ."
"އަޅުގަނޑު މި ކުރަނީ ގޯސްކަމެއް ނަމަ ބަޔަކު މީހުން ބޮޑު އަގު ދީފައި އަޅުގަނޑު ގެންދަންވީ ކީއްކުރަން. ގޯސް ކަމެއް ނަމަ ބައިވަރު މީހުން ބަލާކަށް ވެސް ނުދާނެ ދޯ."
އެހެންވީމަ ނެށުން ހުއްޓާލާފައި، ސުނީތާގެ ވައްޓަފާޅި ބަދަލުކޮށް، ބުރުގާ އަޅައިފާނަންތަ؟
"އަޅުގަނޑަކީ އެއްވެސް ކަމެއް ކުރިއަށް ޕްލޭންކޮށްގެން، މިވެނި ކަމެއް މިހެން ވާނެއޭ ކިޔައިގެން އުޅޭ މީހެއް ނޫން. އެހެން ބުނާކަށް އަޅުގަނޑަކަށް ނުވެސް އެނގޭނެ. މާދަމާ ވާނެ ގޮތެއް އެއީ އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫން. އެކަމަކު ކޮންމެ ކަމެއް ކުރިޔަސް އަޅުގަނޑަކީ އެ ކަމެއް ވަރަށް ރަނގަޅަށް ކުރަން ބޭނުންވާ މީހެއް. ދެން އަޅުގަނޑު ގަބޫލުކުރަން (ނެށުމަކީ) އަޅުގަނޑުގެ މުޅި ލައިފުގައި ކުރެވޭނެ ކަމެއް ވެސް ނޫންކަން. މާދަމާ ވެސް މިކަން ހުއްޓާލަން ޖެހިއްޖެއްޔާމު ހަމަ ހުއްޓާލާނީ. އެހެންވީމަ ވަކި މިވެނި ކަމެއް ކުރާނެ ކަމެކޭ ނުކެރޭނެ ބުނާކަށް."
ސުނީތާ ނެށުންތެރިޔަކަށްވީމަ ނުވަތަ އާންމުގެ ތެރެއަށް ގޮސް ނަށައިގެން އާމްދަނީ ހޯދާތީ އާއިލާގެ މީހުން، މަންމަމެން ބައްޕަމެން އުޅޭތަ އެކަމާ ހިތްހަމަނުޖެހިގެން؟
"އަޅުގަނޑުގެ އާއިލާ މީހުން ތިބެނީ އަޅުގަނޑާ ދުރުގައި. ކުޑައިރުން ފެށިގެން ވެސް އާއިލާއާ ވަކިން މާލޭގައި ދިރިއުޅޭ އަމިއްލަ މަސައްކަތްކުރާ މީހެއް އަޅުގަނޑަކީ. އެކަމަކު އާއިލާ ވަރަށް ސަޕޯޓިވްވާނެ. އާއިލާ އިން އަޅުގަނޑަށް ވަރަށް އިތުބާރުކުރާނެ. އާއިލާގެ ލޯތްބާއި ހިތްވަރާ އެކީ ކުރިއަށް ދަނީ. އަޅުގަނޑުގެ ފަސްޓް ސްޓެޕަކީ އަޅުގަނޑުގެ އާއިލާ."
މިހާރު އުމުރުން، 37 އަހަރުވެގެންދިޔައީ. އަދިވެސް ސުނީތާ މި ފެންނަނީ ސިންގަލްކޮށް ހުންނަ މަންޒަރު. ކައިވެންޏެއް ކުރުމުގެ ވިސްނުމެއް ހަމަ ނެތީތަ؟
"ކައިވެނިކުރުމުގެ ވިސްނުން ވެސް ނެތީކީއެއް ނޫން. އެކަމަކު އަޅުގަނޑެއް ބޭނުމެއް ނުވެއޭ މިވެނި ދުވަހެއްގަ ކައިވެނިކުރާނަމޭ މިވެނި ދުވަހެއް ވަންދެން ނުކުރާނަމެކޭ ބުނާކަށް ވެސް. މާ ބޮޑަށް އެ ވާހަކަ ދައްކާކަށް އަޅުގަނޑު ނެތިން. އެއީ ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮންނާނެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. ވަގުތު ޖެހުނީމަ ހަމަ ކޮންމެ ކަމެއް ވެސް ރަނގަޅުވާނެ."
ބުނެވިދާނެތަ ކައިވެނިކޮށް ޒަވާޖީ ބައިވެރިޔަކު ހޯދުމުގެ ޝައުގުވެރިކަމެއް މިހާރު ނެތީ ދިރިއުޅުމުގައި ހަނދާނުން ފިލައިގެން ނުދާވަރުގެ ކެއްސެއް ނުވަތަ ދެރައެއް ލިބިފައިހުރުމުންނޭ؟
"ކައިވެންޏަކާ މެދުގައި ޝައުގުވެރިކަން ނެތީކީއެއް ވެސް ނޫން. ފަރުވާލެއް ނެތީކީއެއް ވެސް ނޫން. ކައިވެނިކުރަން ބޭނުންނުވަނީކީއެއް ވެސް ނޫން. ކުރާހިތް ނުވަނީކީއެއް ވެސް ނޫން. އެކަމަކު ވެސް ހުރެދާނެ ކޮންމެ މީހެއްގެ ލައިފްގައި ވެސް އައިސްފައިހުރި ބައިވަރު ކަންތަކެއް އެމީހާގެ ޕާސްޓްގައި. ނުވަތަ އެމީހެއްގެ ހަނދާނުން ނުފޮހެވޭ ކަހަލަ ކަންތަކެއް. ނުވަތަ އެ ކަމެއް ކުރުމުން އެ ކަންތައްތަކެއް ހަނދާންވާ ކަމެއް. އެހެންވީމަ އިހަށް ކައިވެނީގެ ވާހަކަ އެއްވެސް ވަރަކަށް މެންޝަންކުރާކަށެއް އަޅުގަނޑެއް ބޭނުމެއް ނުވޭ."
"އަޅުގަނޑު ކައިވެންޏެއް ވެސް ކުރިން. އަޅުގަނޑުގެ ލައިފްގައި ދިމާވެފައި ހުރި ކަމަކާ ހެދި ކަމަށް ވެސް ވެދާނެ އެ ވާހަކަ ދައްކަން ބޭނުންނުވަނީ."
ޅަ އުމުރުގައި ކުރި ކައިވެނި އެހާ ކުރު މުއްދަތެއްގައި ރޫޅިގެން ދިޔަ ސަބަބާއި އެ ތަޖުރިބާއިން ލިބުނު ފިލާވަޅަކީ ކޮބާ ސުނީތާ އަށް؟
"ތޭރަ އަހަރުގައި އަޅުގަނޑު ކައިވެންޏެއް ކުރީ. އަޅުގަނޑު ކައިވެނިކުރީކީ އެއްވެސް މީހެއްގެ މަޖުބޫރުގައެއް ނޫން. އަޅުގަނޑުގެ އަމިއްލަ މަރުޒީގައި. ދެ މީހުން ވެސް ބޭނުން ވެގެން ކުރި ކަމެއް އެއީ. އެކަމަކު 13 އަހަރުގައި އެއްވެސް އެއްޗެއް ނުވިސްނޭނެ. ކައިވެންޏަކީ ކޯއްޗެއް ކަމެއް ވެސް ނޭނގޭނެ. އެކަމަކު މީހަކާ އިނުމަށް ފަހު މި އެނގުނީ މިއީ ކިހާ ވަރެއްގެ ކަމެއްކަން. އެކަމަކު 13 އަހަރުގައި ކޯއްޗެއް ވިސްނޭނީ ވެސް. އެހެންވެ ހަމަ ވަރަށް ކުޑަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކައިވެނި ރޫޅިގެން ދިޔައީ"
"ކައިވެންޏަކާ ހަމަ އަށް ދާން ބޭނުން ނުވާ ސަބަބަކީ އެއީއެކޭ ނުބުނެވޭނެ ކަން ނޭނގެ. އެކަމަކު ދެން ކައިވެންޏަކާ ދިމާލަށް ދާން ބަލާއިރު އަޅުގަނޑަށް އުނދަގޫކުރާ ވަރަށް ބައިވަރު ކަންތަކެއް އެބަހުރި. އެއީ ވެސް އެއް ސަބަބު."
ކައިވެނިކޮށްގެން ދަރިން ހޯދުމުގެ ވިސްނުމެއް ނެތްތަ؟
"ކުދިން ވަރަށް ބޭނުން. އަޅުގަނޑުގެ އާއިލާގައި ހުރިހާ ކޮއްކޮއިންގެ ވެސް ކުދިން ތިބޭނެ. އެ ހުރިހާ ކުދިންނަށް ވަރަށް ލޯބިން ކަންތައްތައް ކޮށްދީގެން ބަލައިދެން. އެ ކުދިންގެ ފޮޓޯތައް އިންސްޓަގްރާމުން ފެނިގެން މީހުން އަހާނެ އެއީ ސުނީގެ ކުދިން ހެއްޔޭ ވެސް. ކުދިން ވަރަށް ބޭނުން. ވަރަށް ލޯބިވޭ ކުދިން ދެކެ. އުއްމީދުކުރަން އަޅުގަނޑަށް ވެސް ހަމަ ކުއްޖަކު ލިބޭނެ ކަމަށް."
ސުނީތާއާ ގުޅުވައިގެން މީހުން ފާޑުފާޑުގެ އެހެން ވާހަކަތައް ވެސް ދައްކާ. އެގޮތަށް ދެކެވޭ ވާހަކަތަކަށް ބަލާއިރު، ކުރީގެ މަޝްހޫރު ޕްރޮޑިއުސަރު ޝަރީފާ ފަހުރީއާ ދެމެދު އޮތް ރައްޓެހިކަން ސިފަކުރާނީ ކިހިނެތް؟
"ޝަރިއްތަ އަކީ ދައްތައެއް، ރީތިކޮށް ބުނަންޏާމު. ފްނެންޑެއް، ސިސްޓާއެއް. މި ދާއިރާގައި އަޅުގަނޑު ނަގައި ކޮޅަށް ޖަހައިދިނީ ޝަރިއްތައޭ ބުންޏަސް ދޮގަކަށް ނުވާނެ. ކްރެޑިޓް ދޭން ވާ މީހަކަށް ކްރެޑިޓް ނުދިނުން އެއީ ވަރަށް ދެރަކަމެއް. އަޅުގަނޑުގެ ލައިފްގެ ކާމިޔާބީގެ ކްރެޓިޑް އަސްލު ޝަރިއްތަ އަށް ދޭން ޖެހޭ. އަޅުގަނޑު ގޮތެއް ނެތިފަ އިން ދުވަހު އަޅުގަނޑަށް ގޮތެއް ހޯދައިދީގެން ނަގައި ކޮޅަށް ޖަހައިދިނީ ހަމަ ޝަރިއްތަގެ މަސައްކަތުންނޭ ބުންޏަސް ދޮގަކަށް ނުވާނެ."
އެކަމަކު މިހާރު ތި ދެ މީހުންގެ މަސައްކަތްތަކެއް ނުފެނޭ އަދި ބެލުންތެރިންނާ ހަމައަކަށް ވެސް ނާދޭ. އެއީ ކީއްވެ؟
"މިހާރު ޝަރިއްތައާ އެކު މަސައްކަތްތަކެއް ނުފެންނަނީ ވަކި އަނެއްހެން މާ ބޮޑު ކަމެއް ވެގެނެއް ނޫން. ވީގޮތަކީ ޝަރިއްތަގެ ދިރިއުޅުން ލަންކާ އަށް ބަދަލުކުރީ. އެއީ އަސްލުގަ މަސައްކަތްތައް ނުނިކުންނަ ސަބަބަކީ. ދެން ހިތްދީވާނާ މަޑުޖައްސާލީ ވީސީޑީގެ ވިޔަފާރި ދަށްވީމަ. އެހެންވީމަ ހިތްދީވާނާ ނުނެރޭނެއެކޭ ވެސް ނޫން. އަދި ޝަރިއްތައަކާ އެކުގައި މަސައްކަތް ނުކުރާނެއެކޭ ވެސް ނޫން."
ނެށުންތެރިއެއްގެ ގޮތުގައި ސުނީތާ ވަނީ ރައްޔިތުންނާއި ގައުމު ހިނިތުންކުރުވާފައި. ގައުމީ ފެންވަރުގެ އެވޯޑެއް ނުވަތަ އާންމު ހިދުމަތުގެ އެވޯޑެއް މިވަރުން ސުނީތާ އަށް ހައްގު ކަމަށް ގަބޫލުކުރަންތަ؟
"ގައުމީ ފެންވަރުގެ އެވޯޑެއް. އާންމު ހިދުމަތުގެ އިނާމެއް ދޯ. ތިއީ މިހާރު އަޅުގަނޑުގެ ވަރަށް ގިނަ ފޭނުންގެ ހިތުގައި އުފެދޭ ބޮޑު ސުވާލެއް. ހުދު އަޅުގަނޑުގެ ހިތުގައި ވެސް އުފެދޭ ސުވާލެއް، ކީއްވެގެން ބާވައޭ އަޅުގަނޑަށް ހިތްވަރު ދިނުމުގެ އިނާމް ނުލިބެންވީ. ސަބަބެއް ނޯންނާނެ ހަމަ ގައިމު ވެސް. އަޅުގަނޑުގެ ރިކޯޑެއް ވެސް ނޯންނާނެ. އިނާމް ނުލިބެން ޖެހޭ ވަރުގެ ރިކޯޑެއް."
"ދެން ނުލިވެންވީ ސަބަބު އެނގޭނީ އެ ދޭ ފަރާތަކަށް. އެއަށް ދޭނެ ޖަވާބެއް އަޅުގަނޑުގެ ހިތަކު ނެތް އެކަމަކު އަޅުގަނޑު ހިތަށް އަރަނީ ރާއްޖޭގައި އެންމެ މަޝްހޫރުވި، އެންމެ ގިނަ ބައެއްގެ ލޯބި ހޯދި ލަވަކިޔުންތެރިޔަކީ އަލީ ރަމީޒު. އަލީ ރަމީޒުގެ ކެރިއަރު ނިންމާލިއިރު ވެސް ނުލިބޭ ހިތްވަރު ދިނުމުގެ އިނާމެއް. އެހެންވީމަ އަޅުގަނޑުގެ ކެރިއާ ނިންމާލާއިރު މި އެވޯޑް ނުލިބިގެން ދެރައެއް ނުވާނެކަން ނޭނގެ. އެކަމަކު އަޅުގަނޑަށް ލިބުނު އެއްޗެއް އެބައޮތް. އެއީ މީހުންގެ ލޯބި. އެއީ އަޅުގަނޑު އެންމެ ބޭނުންވި އެކަތި. އާންމުންގެ ލޯބި، ތާއީދު، ތަރުހީބު އެއީ އަޅުގަނޑަށް ވަރަށް ބޮޑު އެއްޗެއް އެވޯޑަކަށް ވުރެން. އެހެންވީމަ އެންމެ ބޭނުންވި އެވޯޑް އަޅުގަނޑަށް މިއަދު ލިބިއްޖެ."
- ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
- ސްޓައިލިސްޓުން: ޖަސްޓިން އަދި މައްޕު
- މޭކަޕް އެންޑް ހެއާ: ޖަސްޓިން
- ވޯޑްރޯބް: ޗެޕްސް ރިޒާވްޑް
- ވީޑިއޯ އެޑިޓިން: އަފްޝީން ނަސީރު / އަވަސް