- ޔޫއްޕެ ދެކެ ލޯބިވެވުނުކަމެއް ފަރީ އަކަށް ނޭނގޭ
- ވަރިވީ ފިލްމީ ދާއިރާގެ ފޭކް ވާހަކަތަކާ ހެދި ކަމަށް ބުނި
- ދެ އަންބަށް އިނދެފާނަން، އެކަމަކު ޔޫއްޕެއަކާ ނޫން
ބަތަލާ ފާތިމަތު ފަރީލާގެ ހަޔާތަކީ ވެސް ހަމަ އަސަރުގަދަ ދިވެހި ފިލްމެކޭ ބުނެވިދާނެ އެވެ. ހދ. ކުޅުދުއްފުށްޓަށް ނިސްބަތްވާ 31 އަހަރުގެ ބަތަލާ އޭނާގެ ފުރާވަރުގެ ދުވަސްތަކުގައި ދިވެހި ފިލްމީ ދާއިރާގެ އެންމެ އުހަށް އެރީ އެވެ. އެންމެ ފުރަތަމަ އޭނާ އަކީ ކުޅަދާނަ ނެށުންތެރިއެކެވެ. އެއަށް ފަހު ވީޑިއޯ ލަވައިގެ ރާނީއެކެވެ.
ދެން ފެނުނީ ފިލްމަކުންނެވެ. އަދި އެއަށް ފަހު އެ ދުވަސްވަރު ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ފިލްމީ ބަތަލް ޔޫސުފް ޝަފީއު )ޔޫއްޕެ( ގެ އުނގުންނެވެ. ފަރީލާގެ ދިރިއުޅުން ތާއަބަދަށް ބަދަލުކޮށްލި ނަމަކީ އެއީ އެވެ. އަދި ޔޫއްޕެއާ ކައިވެނިކޮށްގެން އެކުގައި އުޅުނު އަހަރުތަކަށް އެންމެ ފަހުން ދިވެހި ފިލްމެއްގައި ވެސް ނުފެންނަ ވަރުގެ ބޮޑު ޓްވިސްޓެއް އައިއިރު ފަރީލާގެ ދިރިއުޅުމުގެ ވަރަށް ގިނަ ކުލަތަކެއް މުޅި ދިވެހި ރާއްޖެ އަށް ވަނީ ފެނިފަ އެވެ.
މިއީ އެ ހުރިހާ ވާހަކަތަކަކާ ފަރީލާ ކުރާ ސަލާމެކެވެ. އޭނާއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާއި މީހުން ދައްކާ ތަފާތު އެތައް ވާހަކަ އަކަށް މި އިންޓަވިއުގައި ޖަވާބު ދީފައިވެ އެވެ. ޔޫއްޕެގެ އުނގަށް ވެއްޓުނު ހިސާބުން ފެށިގެން އެ އުނގުން ވެއްޓެން މެދުވެރިވި ގޮތާ ހަމަ އަށް އެ ވާހަކަ ކިޔައިދިނެވެ.
ތިރީގައި މި އޮތީ ފަރީލާއާ ބެހޭ ގޮތުން ދައްކަން ބޭނުންވި އަދި އޭނާއާ ކުރަން ބޭނުންވެފައި ހުރި ހުރިހާ ސުވާލެއްގެ ޖަވާބެވެ!!
އެންމެ ފުރަތަމަ ވެސް ހިނގާބަލަ، މި ހުރިހާ ކަމެއް ފެށުނު ގޮތާއި މި ޝައުގުވެރިކަމެއްގެ ތެރެއަށް ދަމައިގަނެގެން ގޮސް އެންމެފަހުން ފަރީލާ ބޮޑުސްކްރީނަށް އަންނަން ދިމާވިގޮތުން ފަށައިގަންނަމާ ދޯ. ކޮން ހިސާބެއްތައެއީ؟
"އެންމެ ފުރަތަމަ އަޅުގަނޑު ލަވައެއް ކުޅެފައި ހުންނާނީ 2005ގައި. އެކަމަކު ފިލްމީ ދާއިރާ އަށް އަޅުގަނޑަށް ވަދެވުނީ ނެށުމުގެ ދާއިރާ އިން. ކުރިން ނަށަން އުޅުނު ގޮމަ ގްރޫޕްގެ ތެރެއިން ގޮސް ފިލްމީ ދާއިރާ އަށް ވަދެވުނީ އެންމެފަހުން. ފުރަތަމަ ލަވައަކަށް އެއްބަސްކުރުވީ ޕްރޮޑިއުސަރު މުހައްމާ. އޭގެ ފަހުން ޑްރާމާއެއް ނުވެސް ކުޅެ ދެން ކުޅުނީ ފިލްމެއް."
ފިލްމު ކުޅޭ މީހަކަށް ނުވަތަ މީހުން މުނިފޫހިފިލުވައިދޭ މީހަކަށް ވާން ބޭނުންވި ގޮތް އަދި އެ ސަބަބު ކިޔައިދީ ބަލަ؟
"ފިލްމުކުޅޭ މީހަކަށް އެންމެ ފުރަތަމަ ވާހިތެއް ނެތް. އެކަމަކު އެންމެ ކުޑައިރުން ފެށިގެން ވެސް ނަށާހިތްވޭ. ނެށޭ. ފިލްމު ކުޅުމަކީ ކުރިން މިގޮތަށް ނިންމާފައި އޮތް ކަމެއް ވެސް ނޫން. އެކަމަކު ނެށުން އެއީ ކުޑައިރު މަޖަލަކަށް ވެސް ކޮށް އުޅުނު ކަމެއް. މާދުރީމެންގެ ލަވަތަކަށް ވެސް ނެށުން އޭރު އޮންނާނެ. އެގޮތަށް ނަށަމުން ނަށަމުން ގޮސް ނެށުމުގެ ދާއިރާ އަށް ވަދެވުނީ."
މީހުން ބުނޭ ޔޫއްޕެ އަކީ ވަރަށް ބޮޑު ބާރެކޭ ފަރީލާ ފިލްމީ ދާއިރާ އަށް ވެއްދުމުގައި. އަސްލު ވެސް ޔޫއްޕެގެ ފިޔަވަޅުމަތިންތަ ފިލްމީ ދާއިރާ ވެސް ވަދެވުނީ؟
"ނޫން. ދެން ޔޫއްޕެއަކާ ހެދިއެއް ނޫން މި ދާއިރާ އަށް ވަދެވުނީކީއެއް. އަޅުގަނޑަށް ފުރަތަމަ ޔޫއްޕެ ފެނުނީ ވެސް (ބައްދަލުވީ ވެސް) އެއް ލަވަ ކުޅުނު ފަހުން. ފުރަތަމަ ލަވައެއް ކުޅުނީ ވެސް ރަވީއާ އެކު. އެކަމަކު ފަހުން ޔޫއްޕެއާ އެކު އުޅެމުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ފިލްމީ ދާއިރާގައި."
ފިލްމީ ދާއިރާގައި މަސައްކަތްކުރުމަކީ ކޮން ކަހަލަ ކަމެއް ފަރީލާ ދެކޭ ގޮތުގައި. އަދި ވަކިން ހާއްސަކޮށް އަންހެނަކަށްވެ ހުރެ މި ދާއިރާގައި މަސައްކަތްކުރުމަކީ ކޮން ކަހަލަ ކަމެއް ކަމަށް ގަބޫލުކުރަނީ؟
"އަންހެނަކަށްވެ ހުރެ ފިލްމީ ދާއިރާގައި މަސައްކަތްކުރުމެކޭ، ފިރިހެނަކަށްވެ ހުރެ ފިލްމީ ދާއިރާގައި މަސައްކަތްކުރުމުގައި ވަކި ތަފާތެއް ނެތް މިހާރަކު. އަންހެން ކުދިން ވެސް ވަރަށް މޮޅު. މާބޮޑު ތަފާތެއް ހަގީގަތުގައި ނެތް. އެއްވަރަކަށް އެންމެން ވެސް މި މަސައްކަތްކުރަނީ."
"އަންހެނަކަށް ވީމައެއް ނޫންކަން ނޭނގޭ ފިލްމީ ދާއިރާގައި އުނދަގޫވަނީ. ފިލްމީ ދާއިރާގައި އެބަހުރި ވަރަށް ބައިވަރު މައްސަލަތައް. އަންހެނުންނަށް ވެސް ފިރިހެނުންނަށް ވެސް ވަރަށް އުނދަގޫވާ ކަހަލަ ކަންތައްތައް ހުރޭ."
ފިލްމީ ދާއިރާގައި މަޝްހޫރުވާން ނުވަތަ ކާމިޔާބުވާން ބޭނުން ނަމަ އެޅިހާ ބަތަކަށް ރިހަ އަޅައިގެން އުޅެން ޖެހޭ ކަމަށް ބައެއް މީހުން ބުނޭ. ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ބޭނުންގޮތެއްތަ ހަދަން ޖެހެނީ އަލަށް ވަންނަ ކުއްޖާ؟
"މިހާރު ނޫޅޭނެކަން ނޭނގެ އެހާ އެއްޗެއް ނޭނގޭ ކުދިންތަކެއް. ހުރިހާ ކުދިންނަކީ ވެސް ވަރަށް އިންޓެލިޖެންޓް ކުދިންތަކެއްހެން އަޅުގަނޑަށް ހީވަނީ. ދެން މި ދާއިރާ އަށް ވަނޭ ކިޔާފައި އެ ކުއްޖަކު ނުޖެހޭ ދާއިރާގެ މީހަކު ކޮންމެ ކަމެއް ކުރާށެކޭ ބުނާއިރަށް އެކަމެއް ކުރާކަށް. އެމީހެއްގެ ކިބައިގައި ވެސް ހުންނަން ޖެހޭނެ ގޮތެއް ކުރިއަށް ދާނެ ގޮތަކާ މެދު."
"އަލަށް މި ދާއިރާ އަށް ވަދެގެންވީ އުނދަގުލެއް އަޅުގަނޑަކަށް ނެތް ޔަގީނަށް ވެސް."
އެހެންވީމަ ފިލްމީ ދާއިރާއޭ ކިޔައިގެން މީހުން އެގޮތަށް ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނޫންތާ؟ އަލަށް މި ދާއިރާ އަށް ވަންނަ ކުދިންގެ ކިބައިން ފައިދާ ނަގަން ބައެއް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން އުޅޭ ވާހަކަ އަކީ ވެސް ދޮގެއްތާ؟
"ފިލްމީ ދާއިރާ އެކަންޏެއް ނޫންކަންނޭނގެ. ކޮންމެ ދާއިރާއަކަށް ބެލިޔަސް ހަމަ އެތަނެއްގައި އުޅޭނެ ގޯސް މީހުންނާއި ރަނގަޅު މީހުން ވެސް. ވަކި އެ ދާއިރާއަކަށްވެގެންނެއް ނޫން. އެއީ އިންސާނެއްގެ ކިބައިގައި ހުންނަ ސިފައަކުން އެ ބަދަލު އެ އަންނަނީ. މިސާލަކަށް ސަރުކާރުގެ ވަޒީފާއެއްގެ މާހައުލުގައި ވެސް އޮވެދާނެކަން ނޭނގެ ތިބުނާ ކަހަލަ މައްސަލައެއް. ދެން އެ ކުއްޖެއްގެ ކަމެއް އެ ދާއިރާއަކަށް ދިއުމާއި ނުދިއުން."
ކީއްވެތަ އާ މޫނުތައް ފިލްމީ ދާއިރާއާ ނުގުޅެނީ. ނުވަތަ އާ ތަރިން ފެންނަ ގޮތް އެހާ މަދީ ކީއްވެގެން ކަމަށް ލަފާކުރެވެނީ؟ ވަކިން ހާއްސަކޮށް އަންހެން ތަރިން އެހާ މަދީ ކީއްވެގެންހެން ހީވަނީ؟
"އަންހެނުން ވެސް މަދު. ފިރިހެނުން ވެސް ގިނައެކޭ ނުބުނެވޭނެ. އެއްޗެއް ކުޅެން ބަލާއިރު އަސްލު ނުލިބޭ ފިރިހެން އެކްޓަރަކު ވެސް. ދެން އަޅުގަނޑަށް ހީވަނީ ރާއްޖޭގައި އާންމުކޮށް އޮންނަ ކަމެއްކަން ނޭނގެ ތަންކޮޅެއް އަވަހަށް މީހުންނާ އިނދެގެން ކުދިން ހޯދުން. އެހެންވީމަ ދެން ކުއްޖަކު ލިބުނީމަ ފިލްމު ކުޅެން ދާން އުނދަގޫވަނީ. ނުވަތަ ފިރިމީހާ ގިނަ ފަހަރަކަށް ބޭނުމެއް ނުވާނެ ފޮނުވާކަށް."
"އަޅުގަނޑަށް ވެސް އަސްލު އުނދަގޫ މިހާރު ފިލްމީ ދާއިރާ އަށް ވަގުތުދޭން. ހާއްސަކޮށް ރަށުން ބޭރަށް ގޮސް އުޅެން ވަރަށް އުނދަގޫ. އެހެންވީމަކަން ނޭނގެ އަންހެން ކުދިންނަށް އެހާ އުނދަގޫވަނީ ވެސް މި ދާއިރާގައި އުޅެން. އަންހެން ކުދިން ވަކި މަދީކީއެއް ނޫންކަން ނޭނގެ ފިލްމީ ދާއިރާގައި."
އެކަމަކު މީހުން ބުނޭ ފިލްމީ ދާއިރާގެ ބައެއް މީހުން އުޅޭ ވައްތަރުން ނުވަތަ އަހުލާގުގެ މައްސަލަތަކާ ހެދި ދާއިރާގެ އަގު ވެއްޓިފައި އޮންނާތީ ގިނަ މީހުން މި ދާއިރާ އަށް ޝައުގުވެރިނުވަނީއޭ؟ ގަބޫލުކުރަންތަ އެ ވާހަކަ؟
"ނޯ. ގަބޫލެއް ނުކުރަން. ފިލްމީ ދާއިރާގައި ޑިސިޕްލިން ނެތިގެން ބަޔަކު ޝައުގުވެރިނުވަނީއޭ ނުވަތަ ފިލްމީ ދާއިރާ އަށް އާ މީހުން ނުވަންނަނީއޭ. އެކަމަކު ފިލްމީ ދާއިރާ ބާއްވާލާފައި މަޖިލިސް ތެރެއަށް ބަލައިފި ނަމަ ފެންނާނެކަން ނޭނގެ ޑިސިޕްލިން އޮތް ހިސާބު ތިގޮތަށް ބުނަންޏާމު. އެންމެރަނގަޅަށް ކިޔަވައިގެން ތިބޭ މީހުންކަން ވެސް ނޭނގެ. އެތަނުގައި ވެސް އެބަދޭ ހޫނުވެގެން. އެކަމަކު މިއީކީ ވަކި ދާއިރާއަކަށް ވެގެން ދިމާވާ މައްސަލައެއް ނޫނޭ."
"ކޮންމެ ދާއިރާއެއްގައި ވެސް ތިބޭނެ ރަނގަޅު މީހުންނާއި ގޯސް މީހުން. ކޮންމެހެން ފިލްމީ ދާއިރާވީމަވާ ކަމެއް ނޫންއެއީ."
މީހަކަށް ބުނެވިދާނެތަ ފަރީލާއަކީ އެހާ ޑިސިޕްލިން ގޯސް އެކްޓްރެސްއެކޭ؟
"ނޫން. އަޅުގަނޑު ނުބުނާނަން އަޅުގަނޑަކީ ޑިސިޕްލިން ދަށް މީހެކޭ. އަޅުގަނޑުގެ ނީންނާނެ ޑިސިޕްލިން ދަށް ކަމަށް ބުނާ ކަހަލަ މައްސަލައެއް. ފަހަރެއްގައި ބަޔަކު އެއްޗެއް ބުނެފާނެ ހެދުން އަޅާގޮތަކަށް. އެކަމަކު އެހާ ކުރު ހެދުންތަކެއް ވެސް ނުލަން. މި އިންޓަވިއުގައިހެން ހީވަނީ ކުރޭ ބުނާ ކަހަލަ ހެދުންތަކެއް މި ލެވުނީ ވެސް."
"އެކަމަކު ފިލްމީ ދާއިރާގެ މަސައްކަތްތަކަށް ބެލިޔަސް އަދި އަޕްލޯޑްކުރާ ފޮޓޯތަކަށް ބެލިޔަސް ހީއެއް ނުވޭ ހެދުން އެޅުމުގެ ގޮތުން ވެސް ގޯސްހެނެއް. ދެން މަގުމަތީގައި ހަޅޭލަވަމުންނެއް ވެސް (އަޅުގަނޑެއް) ނުދުވާނެ. މީހުންނަކާ ދިމާލަށް އެއްޗެހި ގޮވަމަކުންނެއް ވެސް ނުދުވާނެ."
"އެކަމަކު އަޅުގަނޑާ ދިމާލަށް މީހަކު އައިސް ވަރަށް ހަޑިކޮށް އެއްޗެއް ބުނެފިއްޔާމު ބުނެފާނެ އެއްޗެއް. އެކަމަކު އަމިއްލައަކަށް ގޮސް އެގޮތަކަށް ނޫޅޭނަން."
މީހުން ބުނޭ ފިލްމީ ދާއިރާގައި އޮވެއޭ ދާއިރާގެ އަގު ވެއްޓޭ ގޮތަށް އަހުލާގު ބަހައްޓާ ވަކި ބައިގަނޑެއް. ވަކި ބަޔަކު ނުވަތަ މަދު ބަޔަކު ނަމަވެސް އެމީހުން އުޅޭ ގޮތުންނޭ ދާއިރާގެ އަގު ވެއްޓެނީ. ގަބޫލުކުރަންތަ އެ ވާހަކަ؟
"އާދެ ހަމަ ގަބޫލުކުރަން ފިލްމީ ދާއިރާގައި ވެސް އުޅޭނެ ޑިސިޕްލިން ދަށް މީހުން. އަޅުގަނޑު ވެސް ގަބޫލުކުރަން މި ދާއިރާގައި އެބައުޅޭ ހަމަ ޑިސިޕްލިން ދަށް މީހުން. އެކަމަކު އެއީކީ ހުރިހާ އެންމެނެއް ނޫން. ފިލްމީ ދާއިރާ އެއްކޮށް ޖަޖުކޮށްލަންވީ ކަމެއް ވެސް ނޫން."
ފިލްމީ ދާއިރާގައި މަސައްކަތްކުރުމަކީ ރަނގަޅު އާމްދަނީއެއް ލިބޭ ނުވަތަ ވަޒީފާއަކަށް ބަލާއިރު ރަނގަޅު ކަމެއް ކަމަށް ގަބޫލުކުރެވޭތަ ފަރީލާ އަށް؟
"ފިލްމީ ދާއިރާގައި މަސައްކަތްކުރުމަކީ ރަނގަޅު ޖޮބެކޭ އަޅުގަނޑު މިހާރަކު ނުބުނާނަން. އެއީ އަޅުގަނޑުމެން ވެސް މަސައްކަތް މިކުރަނީކީއެއް މާ ބޮޑު އިންކަމްއެއް ލިބޭތީކީއެއް ނޫން. އެކަމަކު ކުޑައިރު ވެސް ނެށުން ފަދަ ކަންކަމަށް ލޯބިކުރާތީ އެގޮތުން ދާއިރާ އަށް ވަދެވި ޖެހިފައިވާ ލޯތްބެއްގެ ބޮޑުކަމުން އުޅެނީ. މިހާރު އަދި އަމުދުން ފިލްމީ ދާއިރާ މި އޮތީ ވަރަށް ދަށްވެފައި. އެކަމަކު ހީވޭ ބައެއް ފިލްމުތަކާ އެކު ކުރިއަރާހެންވެސް."
"އެކަމަކު މިހާރު މި އޮތް ހާލަތަށް ބަލާއިރު ނުބުނާނަން މިއީ އެހާ ރަނގަޅު އިންކަމްއެއް ލިބޭނެ މަސައްކަތެކޭ."
ކިހިނެތްވީ ފަރީލާ މި ދުވަސްކޮޅު އެހާ ފިލްމުތަކުން ނުފެންނަނީ ނުވަތަ ފިލްމީ ދާއިރާއާ މާ ދުރުގައި އުޅޭހެން މި ހީވަނީ؟ އަނެއްކާ ދާއިރާގެ ބަޔަކާ މައްސަލަޖެހިފައި ވަނީތަ ނުވަތަ ކުޅެލާނެ ފިލްމެއް ނުވެސް ލިބެނީތަ މި ދުވަސްކޮޅު؟
"ފިލްމު ނުލިބިގެންނެއް ވެސް ނޫން. ހަމަ ތެދަށް ބުނަންޏާމު އަޅުގަނޑުގެ ދަރިފުޅުގެ ކަންތައްތައް އަމިއްލަ އަށް ބަލަހައްޓަމުން ފިލްމުކުޅެން ވަގުތު ނުދެވެނީ އަސްލު. ފިލްމު ލިބޭ. ވަރަށް ފަހުން ވެސް ވަރަށް ބައިވަރު ފިލްމުތަކެއް ދޫކޮށްލައިފިން. މިހާރު ވެސް ތިން ފިލްމަކުން އެބަހުރި ފުރުސަތު ލިބިފައި. އެކަމަކު އެއަކަށް ވެސް ވަކި ޖަވާބެއް ނުދެން."
މިސާލަކަށް ފިލްމެއްގައި ކުޅެން ޖެހޭ ރޯލެއްގައި ކިހާ ވަރަކަށް ކޯ ސްޓާރަކާ ގައިގޯޅިވެ، ކިހާ ސްޓީމީ މަންޒަރެއް ކުޅެވިދާނެތަ ފަރީލާ އަށް؟ އެގޮތަށް އެންމެ ބޮޑަށް ގައިގޯޅިވެވުނު މަންޒަރަކީ ކޮބާ؟
"އެންމެ ގާތްކޮށް އެގޮތަށް ކުޅެވިފައި ހުންނާނީ، އަނެއްހެން، މިސާލަކަށް ޔޫއްޕެއާ އެކު އޭރު ކުޅުނުއިރަކު މާ ބޮޑަކަށް ނުބެލޭ. އޭރުގެ ފިރިމީހާ އަށް ވީމަ ކަމަށް ވެދާނެ. އެކަމަކު ޔޫއްޕެ ނޫން އެހެން މީހަކަށް އެގޮތަށް އެންމެ ގާތްކޮށް ކުޅެވިފައި ހުންނާނީ ކޮޕީ އިއްސެއާ އެކު. އެއީ ފިލްމު ހަތަރު ހަޅައިގައި. ފުދޭވަރަކަށް ގައިގޯޅި މަންޒަރެއް އެ ފިލްމުގައި ކުޅެފައި ހުންނާނީ."
"އާންމުކޮށް އެހާ (ގައިގޯޅިއެއް ނުވަން). އެކަމަކު ބުނޭ ވަރަށް ގިނަ މީހުން އޯކޭ ވާނެއޭ ކިޔާފައި އެކަހަލަ މަންޒަރުތައް ކުޅުވަން ވެސް. އެއްކޮށް ބައްދާލާ މަންޒަރުތަކާއި ބައްދާލައިގެން ފިއްތާލާ ކަހަލަ މަންޒަރުތައް ވެސް ކުޅެން ބުނޭ ބައެއް މީހުން. އެކަމަކު ނުކުޅެން އަޅުގަނޑެއް."
ފަރީލާ ގަބޫލުކުރާ ގޮތުގައި ކޯ-ސްޓާރެއް ދެކެ ލޯބިވުން ނުވަތަ އެކުގައި މަސައްކަތްކުރާ އެކްޓަރަކާ ހިތާވުން މިއީ ކޮން ކަހަލަ ކަމެއްހެން ހީވަނީ؟
"އަނެއްހެން ވަރަށް ރަނގަޅުކަމެއްހެން ހީވަނީ. އެކުގައި މަސައްކަތްކުރާ ދެ މީހަކު އެކުގައި އުޅުން. އެކަމަކު ބައެއް މީހުން އެންމެ އަންޑަސްޓޭންޑްނުވަނީ. އެކަމަކު އެންމެ ރަނގަޅު ގޮތަކީ އެކުގައި މަސައްކަތްކުރާ ދެ މީހަކު (ރައްޓެހިވުން). އަދި ފިލްމީ ދާއިރާގައި މަސައްކަތްކުރަން ވިސްނާ ނަމަ ރަނގަޅުވާނީ ވެސް ފިލްމީ ދާއިރާގެ މީހަކު. އޭރުން ތިބުނާ ކަހަލަ ގައިގޯޅި މަންޒަރެއް ކުޅެން ބެލިޔަސް އުނދަގުލެއް ނުވާނެއެއް ނޫން."
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކުގައި މަސައްކަތްކުރާ ދެ އެކްޓަރަކު އެކަކު އަނެކަކު ދެކެ ލޯބިވުމަކީ މައްސަލައެއް ނޫން. ކީއްވެގެންތަ މައްސަލައަކަށް ވާންވީ؟ ފިރިހެން ކުއްޖަކާ އަންހެން ކުއްޖަކު ލޯބިވުން އެއީ މައްސަލައެއް ނޫންކަން ނޭނގެ؟".
ޔޫއްޕެ ދެކެ ފަރީލާ އަށް ލޯބިވެވުނު ގޮތް އަހަރެމެންނަށް ކިޔައިދީބަލަ އެހެންވެއްޖެއްޔާމު؟ ނުވަތަ ފަރީލާގެ ހަޔާތަށް ޔޫއްޕެ ހާއްސަވި ސަބަބު ބުނެދީބަލަ؟
"އެހެން ކިޔައިދޭކަށް ނޭނގެ. އަހަރެމެން ދެ މީހުން އެހާ ގިނަ ދުވަހަކަށް ޑޭޓެއް ނުކުރަން. ވަރަށް އަވަހަށް މެރީކުރީ. ނުވާނެކަން ނޭނގެ ވަން މަންތު ވެސް. ދެން އިނދެގެން އެކުގައި އުޅެން ފެށީމަ ލޯބިވާނެތާ ދެ މީހުން ވެސް. ދެން އެހާ އެހާވެގެންނެއް ނޫން އިނީކީއެއް."
"ޔޫއްޕެއާ އެންމެ ފުރަތަމަ ދިމާވަނީ ޝޯއެއްގެ ތެރެއިން. އެއީ ސުނާމީ ޝޯ. ޔޫއްޕެ ބުނި ލަވައެއް ކުޅެލަން ހިނގާށޭ. އެކަމަކު އެހެން ބުނީމަ ވެސް ރިޖެކްޓްކޮށްލާފައި ހުރީ. އޭރު އަޅުގަނޑަށް ވާނީ 19 އަހަރު."
"ދެން އައްޑޫ އަށް ޝޯއެއް ނިންމާލާފައި ފުވައްމުލަކަށް ގޮސް ލަވައެއް ނަގަން ގޮސް އުޅެނިކޮށް ޔޫއްޕެއާ އަނެއްހެން ރައްޓެހިވީ. ދެން ފަހުން މާލެ އައިސް އޭނަ ބުނެފި ވަރަށް އުނދަގޫވާނެއޭ ރައްޓެހިވެގެން މާ ގިނަ ދުވަހު އުޅެން. ދެން އަބަދު ގަޑިއެއް ކިޔައިގެން މީޓްކުރުން ވެސް އެއީ ވަރަށް އުނދަގޫ ކަމެއްތާ. އެހެންވީމަ އިނީ. އާނ ދެން ފަސޭހައެއް ނޫން އިނީމަ."
އޭރު ޔޫއްޕެ އަކީ މީހެއްގެ ފިރިއެއް. ފަރީލާ ގަބޫލުކުރާ ގޮތުގައި އެގޮތަށް މީހެއްގެ ފިރިއަކާ ރައްޓެހިވުމަކީ ކޮން ކަހަލަ ކަމެއް؟
"އެހެނެއް އަޅުގަނޑެއް ނަހަދަން. ނުވެސް ހަދާނެ. އެއީ ދެން ވަރަށް ގޯސް ކަމެއް. އަޅުގަނޑާ ޔޫއްޕެ އަށް އޭރު ދިމާވީ ވެސް އެހެންނެއް ނޫން."
"އަސްލު އަންހެން މީހާ އަށް ފިރިހެން މީހާ ރަނގަޅު ނަމަ މީހެއްގެ ފިރިއަކަށްވިޔަސް އޯކޭ. އެއީކީ މައްސަލައެއް ނޫންކަން ނޭނގެ. އެމީހަކީ ލިބޭ މީހަކަށްވެފައި އަނބިމީހާ ގެންގުޅެވޭނެ މީހެއް ނަމަ މައްސަލައެއް ނޫންކަން ނޭނގެ. އިނދެގެން އުޅޭ އަންހެން މީހާ އަށް ކެއާކޮށްފައި މިކޮޅަށް ވެސް ކެއާކުރީމަ ދެން މައްސަލައެއް ނޫނެއް ނޫން."
"(ދެ އަންބަށް ވެސް) އިންނަން އޯކޭތާ."
މީހުން ބުނޭ ޔޫއްޕެ އޭރު އެވަރަށް މަޝްހޫރުވީމައޭ ފަރީލާ އެހާ ފަސޭހައިން ޔޫއްޕެ އަށް ފޯލްވީ. އަނެއްކާ އެއީ ތެދެއްތަ؟
"އެހެންވީމަ މީހުންނަށް މާބޮޑަށް އެނގެނީއެއް ނޫން. ދެން ތިއަކަށް ޖަވާބެއް ވެސް ދޭކަށް ނުޖެހޭތާ. ތިއޮތީ މީހުންނަށް ފެންނަ ގޮތް ނިންމާފައިތާ."
ދެން ވެސް މި އޮތީ ޔޫއްޕެ އާއި ފަރީލާގެ ލޯބީގެ ކުޅިގަނޑާ ގުޅުވައިގެން މީހުން ދެއްކި ވާހަކައެއް. ރަށުތެރޭގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު ޔޫއްޕެ އާއި ފަރީލާ އެހާ އަވަހަށް ކައިވެނިކުރީ، ޔޫއްޕެގެ ދަރިއަކަށް ފަރީލާ ބަލިވެއިނުމާ ގުޅިގެންނޭ. ކިހާ ވަރެއްގެ ހަގީގަތެއްތަ އެއީ؟
"އަޅޭ. އިންތާ އަހަރެއް ފަހުން ބަނޑުބޮޑުވީ ވެސް. ދެން އަޅުގަނޑު މާ ބޮޑަށް ބޭނުންވެގެން، އެކަމަކާ ނުވެގެން ބުނީކީއެއް ވެސް ނޫން. ޔޫއްޕެ ބޭނުންވެގެން ހަމަ އިނީ ވެސް އެހާ އަވަހަށް. އަސްލު އަޅުގަނޑު ބޭނުމެއް ވެސް ނުވޭ އެހާ އަވަސްއަވަހަށް އިންނާކަށެއް ވެސް. ޔޫއްޕެ އަށް ވަރަށް އުނދަގޫވޭ މީޓްކުރަން. އެހެންވީމަ ޔޫއްޕެ ބޭނުންވީ އިންނަން."
"އަސްލުގަ އަހަރެންނެއް ނޫން އެހާ އަވަހަށް އިންނަން ބޭނުންވީކީ. އެއީ އަސްލު އޭނަ ބޭނުންވި ގޮތް."
އެހެންވީމަ ޔޫއްޕެ ދެކެ ވެވުނީ ހަގީގީ ލޯބި ކަމަށް ގަބޫލުކުރެވޭތަ މިހާރު؟
"ކުރިން އާންމުކޮށް އެކަނި އުޅެވިފައި ހުރީ. އެހެން ހުއްޓައި ކޮމްޕެނީއެއް ލިބުނީމަ އަނެއްހެން ވަރަށް ކޮމްފަޓަބްލްވެގެން އުޅެވުނީ. އެހެންވީމަހެން ހީވަނީ އެހާ އަވަހަށް އިނދެވުނީ ވެސް. ދެން އަޅުގަނޑަކަށް ނޭނގެ އެހެން ބުނާކަށެއް. ވެދާނެ ލޯބިވެވުނީމަ ވެސް އެކަން ނޭނގުނީ ކަމަށް ވެސް."
ކޮބައިތަ ޔޫއްޕެ އާއި ފަރީލާ އެހާ ގިނަ ދުވަހު އެކުގައި އުޅެފައި އެންމެފަހުން ދެ މީހުން ރުޅިވެ ވަރިވެ، ވަކިވާން ޖެހުނު ސަބަބަކީ؟
"އަސްލު މާ ބޮޑު މައްސަލަތަކެއް ނުޖެހޭ ދެ މީހުން އެކުގައި އުޅުނުއިރަކުއެއް. ޖެހުނު މައްސަލަތަކެއް ޖެހުނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ އެއީ ފިލްމީ ދާއިރާގެ ބައެއް މީހުން ފޭކް ވާހަކަ ދައްކާ ދައްކާވީ ކަމެއް އަސްލު."
"އެގޮތަށް މީހުން ވާހަކަތައް ދައްކަން ފެށީމަ (މާ ބޮޑަށް ވެސް އޭގެ އަސަރުކޮށް) އެ ވާހަކަތައް އަޑު އެހުނީ ކަމަށް ވެސް ވެދާނެ. އަޅުގަނޑަށް ފެނިފައި ވެސް އެބަހުރި ފަރީއޭ ކިޔައިގެން ޔޫއްޕެ ގާތު މީހުން ދައްކާފައި ހުރި ވާހަކަތައް. އެކަމަކު ބޭނުމެއް ނޫން މިހާރު އެ ވާހަކަތައް ދައްކާކަށް."
ބުނެވިދާނެތަ ޔޫއްޕެ އާއި ފަރީލާ ވަރިވާން ޖެހުނީ ފަރީލާގެ ސަބަބުންނޭ؟
"ދެން ޔޫއްޕެ ބުނާ ނަމަ ބުނާނީ އެހެންކަން ނޭނގެ. ޔޫއްޕެ އިން ފޭސްބުކްގައި އެ ދުވަސްކޮޅު ވާހަކަތަކެއް ވެސް ލިޔެފައި. އެކަމަކު މިހާރު އޭނަ އެކަމަށް ސޮރީއޭ ވެސް ބުނެވި. އެއީ ކަނޑައެޅިގެން ނުބައި ވާހަކައެއް. އެ ވާހަކަ އަދިވެސް ދޮގުކުރާނަން. ދެން އެ ވާހަކައެއް މިހާރު ހައިލައިޓްކުރާކަށް ބޭނުމެއް ނޫން."
"އޭނަ ބުނަންޏާމު ބުނާނީ އަޅުގަނޑު ގޯސްވެގެންނޭ. އަޅުގަނޑު ބުނަންނާމު ބުނާނީ އޭނަ ގޯސްވެގެންނޭތާ. ދެ މީހުންނަށް ދެ މީހުން ގޯސްވެގެންތާ ވަރިވާނީ."
އަދިވެސް ޔޫއްޕެ ދެކެ ލޯބިވޭތަ؟
"ނޯ. ނޯ. ނުވެއޭ. ވަރަށް ވާހަކަ ވެސް އަނެއްހެން ނުދައްކަން. ކަމެއް ޖެހިއްޖެއްޔާމު ގުޅާލަން."
ޔޫއްޕެއާ އެކު އެބަހުރި ކުއްޖަކު ވެސް ލިބިފައި. މިހާރު ދިރިއުޅެމުން ދަނީ ދަރިފުޅާއެކު މުޅިން އެކަނި. ކޮން ކަހަލަ ދިރިއުޅުމެއްތަ މިއީ؟ ޔޫއްޕެ އެއްވެސް ޚަރަދެއް ވެސް ނުކުރާ އަޑު އިވެނީ؟
"ދަރިފުޅަށް ޚަރަދު ނުދެއެކޭ ނޫން. އެކަމަކު ތިބުނާހާ ސަޕޯޓެއް ނުލިބޭ. ޔޫއްޕެ އަކީ އެހެން ރަށެއްގައި (ހުޅުމާލޭގައި) އުޅޭ މީހެއް. އަޅުގަނޑުމެން އުޅެނީ މާލޭގައި. ހުރިހާ ކަމެއް މިކުރަނީ އަޅުގަނޑު. ދެން ދެ ރަށެއްގައި އުޅޭތީ، ކުޑަ މީހާ އަށް (ދަރިފުޅަށް) ޔޫއްޕެ ދޭން ޖެހޭ ވަގުތު ފުރިހަމަ އަށް ނުދެވޭކަން ނޭނގެ. އެކަމަކު ވަގުތު ނުދެއެކޭ ވެސް ނުބުނާން. އޭނަ އަށް ވީވަރަކުން އޭނަ ވަގުތު ވެސް ދޭ. އަހަރެމެންނަށް އަންޑަސްޓޭންޑްވޭ އެކަން."
ސިންގަލް މަންމައެއްގެ ގޮތުގައި، ތިގޮތަށް އެކަނިމާއެކަނި ދަރިއަކު ގޮވައިގެން ދިރިއުޅުމަކީ ކޮން ކަހަލަ ކަމެއް؟
"ވަރަށް ރެސްޕޮންސިބަލް ކަމެއް މިއީ. އުނދަގޫވޭ ވަރަށް. އަޅުގަނޑުގެ އަމިއްލަ ކަންތައްތައް ވެސް ޖެހެނީ ފަސްކޮށްލަން. މުޅިން ދަރިފުޅުގެ ކަންތަކާ އުޅެން ޖެހެނީ. އެކަމަކު އަޅުގަނޑުގެ ރައްޓެހިން ވަރަށް ރަނގަޅު."
ސިންގަލް ލައިފް އާއި މެރިޑް ލައިފްގެ ތެރެއިން ކޮން ލައިފެއް ފަރީލާ އިހްތިޔާރުކުރާނީ؟ ބޮޑަށް ކަމުދަނީ ކޮން ގޮތަކަށް ދިރިއުޅެންތަ؟
"ސިންގަލް ލައިފެއްގައި އުޅޭ ނަމަ އެމީހަކު ބޭނުންގޮތަކަށް އުޅެވިދާނެ. އެކަމަކު އެއެއް ނޫން ކަން ނޭނގެ އަދި ލައިފްއަކީ. މީހަކާ އިނދެގެން ކުއްޖަކު ލިބުނީމަ (ލައިފް) ރަނގަޅަށް މެނޭޖުކުރެވޭނެތާ. ވަރަށް ރަނގަޅު މީހަކު ލިބިއްޖެ ނަމަ މެރިޑް ލައިފެއްހެން ހީވަނީ އެންމެ ރަނގަޅީ ސިންގަލް ލައިފަކަށްވުރެ."
"(ސިންގަލް) ލައިފް ވެސް އެންޖޯއިކުރެވޭ. އެކަމަކު މީހަކާ ނީނދެ ހުންނާކަށް ވެސް ނުވާނެތާ. އަސްލު ބޭނުމެއް ވެސް ނުވޭ. އެކަމަކު ކުރިން ވީގޮތަށް ވާކަށް މީހަކާ އިންނާކަށް ވެސް ބޭނުމެއް ނޫން."
އަނެއްކާ އާ ބައިވެރިޔަކު ލިބުނީތަ އެންމެފަހުން. ކައިވެންޏަށް ތައްޔާރުވަނީތަ؟
"އެބަހުރި މިހާރު އެކަހަލަ މީހަކު. އެކަމަކު ނީންނަހާ ހިނދަކު ވާނީ ސިންގަލް މީހަކަށް ދޯ؟. ހަމަ ގަޑިޖެހުނީމަ (މެރީ ވެސް) ކުރާނަން."
ހަޔާތުގެ ބައިވެރިޔަކު އިހްތިޔާރުކުރާއިރު ފަރީލާ ބަލަނީ ކޮން ކަހަލަ ސިފަތަކަކަށްތަ؟ ކޮން ކަހަލަ ޝަރުތުތަކެއްތަ އެ މީހެއްގެ ކިބައިގައި ފުރިހަމަވާން ޖެހެނީ؟
"އަމިއްލަ އަށް (އަނބިމީހާ) ގެންގުޅެވޭ ކަހަލަ މީހަކު އޯކޭ. ޔޫއްޕެ އަކީ ވެސް އެހާ ރިޗްމީހެއް ނޫން."
މިސާލަކަށް ޔޫއްޕެ އަލުން ފަރީލާއާ އިންނަން އެދެފި ނަމަ އެއަށް ރުހި ގަބޫލުވާނަންތަ ދެން؟
"ހީއެއް ނުވޭ. ދަރިފުޅުގެ ބައްޕައަކަސް."
ފަރީލާ އަށް ގަބޫލުކުރެވޭތަ ރަނގަޅު، ވަފާތެރި އަންބަކަށް ފަރީލާ އަށް ވެވިދާނެ ކަމަށް؟
"ޔެސް. ހަމަ ބޮޑު ޔޭސް އެއް ބުނާނީ. އެއީ ކުރީގެ ލައިފަށް ބެލިޔަސް އަޅުގަނޑާ އެކު އުޅޭ މީހުންނަށް އަދި ފިލްމީ ދާއިރާގައި އުޅޭ މީހުންނަށް ވެސް އަޅުގަނޑުގެ ލައިފްގައި އުޅުނު ގޮތް. ވަރަށް ރަނގަޅަށް އުޅުނީ ވެސް ޔޫއްޕެއާ އިނދެގެން އުޅުނު އިރުވެސް."
ދެން އެންމެ ފަހު ސުވާލަކަށް މިއޮތީ ފަރީލާއާ ބެހޭ ގޮތުން އަބަދުވެސް މީހުން ދައްކާ ވާހަކައެއް. ދެކެވޭ ވާހަކައެއް. އެއީ ފަރީލާގެ ހިތް އަންހެން ކުދިންނަށް ވެސް ދޫކޮށްލެވިފައި އޮންނަ ކަމަށް ބުނާ ވާހަކަ. ކޮބައިގެ މި ތުހުމަތަށް ބުނެލަން ބޭނުންވާ ވާހަކަ އަކީ؟
"އެއީ ހަމަ ކަނޑައެޅިގެން ދޮގެއް. ފޮޓޯއެއް ނުހުންނާނެ. އެކުގައި އުޅޭ މީހުންނަށް ވެސް އެނގޭނެކަން ނޭނގެ. އެހެން ނަމަ އެކަހަލަ ކޮންމެވެސް ގޮތެއް ވެސް ހުންނާނެކަން ނޭނގެ."
"މި ބުނީ، ހަތިމެއްގަ އަތްލާފަ ހުވާ ވެސް ކުރަން ކެރޭ ވަރުގެ ކަމެއް ތިއީ. ކަނޑައެޅިގެން ދޮގެއް."
- ފޮޓޯގްރާފަރު: މިލްޒީރޯ ނިޝާން
- ސްޓައިލިސްޓް: ނޫރާ
- ވޯޑްރޯބް: ލޫސިޑް ޑްރީމްސް
- މޭކަޕް އާޓިސްޓް: ޖަސްޓިން
- އެސިސްޓަންޓް: ޝިއުސް
- ޕްރޮޑަކްޝަން މެނޭޖަރު: އަހުމަދު ނާއިފް
- ލޮކޭޝަން: ޕްލެޓިނަމް ރެސިޑެންސް