- ލޯތްބަށް ބޭވަފާތެރިވީއޭ ބުނެވިދާނެ
- މިހާރު މާ ބޮޑަށް ޝާޔަން ދެކެ ލޯބިވޭ
- ނޮމިނޭޓްވި އެވޯޑް ގެއްލުން ގަބޫލެއްނުކުރެވޭ
މުއާ އަށް މިފަދަ ސުރުހީއެއް ހައްގުތޯއާ މެދު ބައެއް މީހުންގެ ހިތުގައި ފުން ސުވާލުތަކެއް އުފެދިދާނެ އެވެ. އެކަމަކު ހަގީގަތަކީ މިއީ އެވެ. މި ސިލްސިލާއެއްގެ ތާރީޚުގައި ވެސް މިވަރުގެ ސެލެބްރިޓީއަކާ އަދި ދިމަލެއް ނުވެ އެވެ. -- އަބްދުﷲ މުއާޒު ހާއްސަވާ އެއް ހާސް ސަބަބު ލިޔަނީ ނަމަ މިއީ އެ ލިސްޓުގެ ފުރަތަމަ ސަބަބެވެ.
ހަގީގަތުގައި ވެސް މިއީ ތަފާތު މީހަކީ އެވެ. އެންމެ "އަގުބޮޑު" ފޮޓޯޝޫޓަށް މި އިންޓަވިއުވެ، އެންމެ އަގުބޮޑު ސެލެބްރިޓީއަކަށް އިސާހިތަކު ބަދަލުވެގެން ދިޔަ ސަބަބަކީ ވެސް މިއީ އެވެ. އެކަމަކު، އެންމެ ފުރަތަމަ ކަމަކަށް، މިފަދަ އިންޓަވިއުއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ގަތައި ކިޔުންތެރިންނާ ހަމަ އަށް ގެނެސްދިނުމަށް މުއާގެ ހިތުގައި އެކަމަށް އޮތް ޝައުގުވެރިކަމަށާއި ލޯތްބަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަމާ ހިނގާށެވެ.
އެކަން އެންމެ ބޮޑަށް މިފަހަރު ފެނިގެންދާނީ މުއާގެ ފޮޓޯޝޫޓްގައި ބޭނުންކޮށްފައިވާ ވޯޑްރޯބް ކަލެކްޝަނުންނެވެ. އަބްދުﷲ މުއާޒަކީ ހަމައެކަނި "ރެޑްކާޕެޓާއި" ހަފުލާތަކަށް ރީއްޗަށް ހެދުން އަޅާ އާޓިސްޓެއް ނޫނެވެ. އެންމެ ރީއްޗަށް ހެދުން އަޅާ ފިރިހެން ސެލެބްރިޓީންގެ ޗެމްޕިއަނަކީ އޭނާކަން މިފަހަރު ވެސް އޭނާ ސާބިތުކޮށްދިނެވެ. ހުރިހާ ވެސް ޝުކުރެއް އޭނާގެ ހިތާއި އިސްޓައިލާ ދެމެދު ފައްކާކޮށްފައި އޮތް ގަދަފަދަ ލޯތްބަށެވެ.
މި އިންޓަވިއު އާއި ފޮޓޯޝޫޓްގައި ބޭނުންކޮށްފައިވާ ވޯޑްރޯބް ކަލެކްޝަނަކީ މިހާތަނަށް މި ސިލްސިލާ އަށް އައި އެންމެ އަގުބޮޑު އަދި ހިތްގައިމު ކަލެކްޝަން ވެސްމެއެވެ. މިކަމުގައި ރޮމްބަސް ފިހާރައަށް ވުރެން ބޮޑު ޝުކުރެއް ހަގީގަތުގައި ހައްގުވަނީ އަބަދުވެސް ތަފާތަކަށް ބަލަބަލަ އިންނަ މި އެކްޓަރަށެވެ.
އެކަމަކު މުއާ ވެސް ބުނާ ގޮތުން ނަމަ، މީހަކު "ޖަޖުކުރަން ޖެހޭނީ" އެމީހަކު އަޅައިގެން ހުންނަ ހެދުމަކުން އެކަންޏެއް ނޫނެވެ. މި ފޮޓޯޝޫޓަށް ފަހު މުއާ އަށް މި ކަލެކްޝަން ބާވީ އެވެ. އެކަމަކު ބާ ނުވާނެ އެއްޗެއް ނުވަތަ ކަމެއް އެބައޮތެވެ. -- އަވަސް ވީކެންޑްގެ މި ހާއްސަ އިންޓަވިއު އެވެ.
އެންމެ ފުރަތަމަ ވެސް އަހަރެމެން ފަށައިގަންނާނީ ނިމިގެން ދިޔަ ގައުމީ ފިލްމު އެވޯޑްސް އާއި މުއާގެ އިހްސާސްތަކުންނެވެ. އެއަށް ފަހު ޒަވާޖީ ހަޔާތަށް އައި ބިންހެލުމާއި މިހާރުގެ މުއާ އާއި އާ އަހަރުގެ އަމާޒުތަކަށް ވެސް ބަލައިލާނީ އެވެ.
އެންމެ މޮޅު ސަޕޯޓިން އެކްޓަރަށް ނޮމިނޭޓްވެފައި އެ އެވޯޑް މިފަހަރު ނުލިބުން ސިފަކުރާނީ ކޮން ގޮތަކަށް އަދި ފިލްމު "އިނގިލި" އަށް އެއްވެސް އެވޯޑެއް ނުލިބުމުން ހިތަށް އަރަނީ ކީކޭ؟
"އެންމެ މޮޅު ސަޕޯޓިން އެކްޓަރަށް ނޮމިނޭޓްވެފައި އެވޯޑް ނުލިބުން، އަސްލު ތެދަށް ބުނަންޏާމު އޭތި ބަލައެއް ނުގަނެވޭ. ހީއެއް ނުވޭ އަހަންނަށް ގަބޫލުކުރެވޭވަރުގެ ޖަސްޓިފިކޭޝަނެއް ދެވޭނެ ހެނެއް ވެސް. އަދި ހާއްސަކޮށް (އެވޯޑް) ލިބުނު ފަރާތް، ރަވީ ކުޅެފައިވާ ރޯލާއި އަހަރެން އިނގިލި ފިލްމުގައި ކުޅެފައިވާ ރޯލު އަދި ރަވީ އަށް އެ އެވޯޑް ލިބުން، ހީއެއް ނުވޭ ދުވަހަކު ވެސް ގަބޫލުކުރެވޭނެ ހެނެއް. އަހަންނަށް ނުލިބެން ޖެހޭ އެއްޗެއް ކަމަކަށެއް. އެއްވެސް ހާލެއްގައި މި ދަންނަވަނީ ޖަޖުން ޖަކުކުރި ގޮތް ގޯހެކޭ ނުވަތަ ރަނގަޅެކޭ ވެސް ނޫން"
"އަހަރެން އަބަދުވެސް ގަބޫލުކުރަމޭ އިނގިލި އިން އަހަންނަށް ލިބެން ޖެހޭނެ ކަމަށް. އަދި ހާއްސަކޮށް ރަވީ އާއި އަޅުގަނޑާ ދެމީހުންގެ ރޯލަށް ބަލައިފި ނަމަ ލިބެން ޖެހޭނެ ކަމަށް. ދެން އެވޯޑް ހަފުލާ ނިމިގެންދިޔައިރު އިނގިލި ހުސް އަތާ ދާން ޖެހުން އެކަން ވެސް ދުވަހަކު ވެސް ގަބޫލެއް ނުކުރެވޭނެ. އެއީ އިގިއްޔަކީ ކޮންމެގޮތެއްވިޔަސް އެވޯޑްތަކެއް ހައްގު ފިލްމެއް."
ފިލްމީ ދާއިރާގެ ހައްގުގައި، ގައުމީ ފިލްމު އެވޯޑްސް އަލުން ގެނެސް މި ހުރިހާ ކަމެއްގައި އެންމެ ބުރަކޮށް އަދި އިސްކޮށް މި އުޅުނީ މުއާ. އެކަމަކު ހަފުލާ ނިމިގެން ދިޔައިރު މުއާ އަށް ލިބުނު އެވޯޑެއް ނުވަތަ ބަޔަކު މީހުން އަދާކުރި ޝުކުރެއް ވެސް ހަގީގަތުގައި ނެތް. ކޮން ކަހަލަ އިހްސާސްތަކެއް ބަންޑުންވީ؟
"ފިލްމު އެވޯޑް ވުޖޫދަށް ގެނައުން އެއީ އޭގެ ޒާތުގައި އަޅުގަނޑުގެ އަމިއްލަ އުފަލަކަށް ކުރި ކަމެއް ނޫން ފުރަތަމަ ކަމަކަށް. ދެން، އެ މަސައްކަތްކުރީ ދާއިރާގެ އެއްވެސް މީހެއްގެ ފަރާތުން މާ މޮޅު ބަސްތަކެއް ލިބޭނެ ކަމަކަށެއް ނޫން. ހަގީގަތަކީ ދާއިރާގެ ކޮންމެ މީހަކީ އަޅުގަނޑު ޕާސަނަލީ ދަންނަ މީހުން. އެހެންވީމަ އެއްވެސް އިރެއްގައި އެކްސްޕެކްޓެއް ނުކުރަން މި މީހުންނަށް މިކަމެއް ކޮށްދިނީމަ މާ ރަނގަޅު ވާހަކަތަކެއް ދައްކާނެ ކަމަކަށް. އަބަދުވެސް އެކްސްޕެކްޓްކުރި ގޮތް ފެންނަން އޮތީ ވެސް"
"އެވޯޑް ހަފުލާ ފެށެން ހަފުތާއެއްވެފައި އޮތްވާ އަޅުގަނޑާ ބެހޭ ގޮތުން ވަރަށް ތުހުމަތުތަކެއް ކުރެވި ހަގީގަތެއް ނެތް ވަރަށް ގިނަ ވާހަކަ ދެކެވުނު. ބައެއް މީހުންނަށް ހީވީކަމަށް ވެދާނެ މިވަރުން އެވޯޑް ހަފުލާ މި ބާއްވަނީ އަޅުގަނޑަށް ނުވަތަ އިނގިލި ފިލްމަށް އެވޯޑްތަކެއް ހޯދައިދޭށޭ. އެކަމަކު ހަފުލާ ނިމިގެން ދިޔަގޮތުން އެނގޭނެ ކުރިން ވެސް ބުނެފައި އޮތް ގޮތަށް އިންސާފުވެރިކޮށް މީގައި އަޅުގަނޑުގެ އެއްވެސް ނުފޫޒެއް ނެތިއޭ ހަފުލާ ނިންމާނީ."
ބައެއް މީހުން އުޅުނު އެންމެ މޮޅު ސަޕޯޓިން އެކްޓަރަކަށް މުއާ ނޮމިނޭޓްވުމުން އެކަމާ ހިތްހަމަނުޖެހިގެން ވެސް. އެއީ އެވޯޑް އިންތިޒާމުކުރުމުގައި ވެސް މުއާ އިސްކޮށް އުޅެފައި އެވޯޑަށް ވެސް ނޮމިނޭޓްވީމަ. މުއާ ގަބޫލުކުރަންތަ އެއީ މައްސަލައެއް ކަމަށް؟
"ފުރަތަމަ ކަމަކަށް، އިނގިލި ފިލްމުން އަޅުގަނޑު ނޮމިނޭޓްވުން މައްސަލައަކަށްވުމާ ހިސާބަށް، ފިލްމު އެވޯޑަށް އިއުލާނުކޮށްގެން، ފޯމު ސަބްމިޓުކޮށް، ޖަޖުކޮށް މި ހުރިހާ ކަމެއް ނިމި އެރޭގެ ހަފުލާއާ ހަމަ އަށް ދަންދެން އަސްލު އެއްވެސް މައްސަލައެއް ނެތް އޭގެ ޒާތުގައި. އެކަމަކު ނޮމިނޭޓްވި ހިސާބުން ފެށިގެން އެކަން ވަރަށް ބޮޑު މައްސަލައަކަށް ހަދާފައި އޮތީ. އެއީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނޭނގޭ. މިސާލަކަށް އަޅުގަނޑު (އެންސީއޭގައި) ހުއްޓަސް އަދި ނެތަސް، ފިލްމުތަކަށް ބަލައިފި ނަމަ އެއްވެސް މީހަކު މައްސަލަ ޖައްސާނެހެނެއް ހީއެއް ނުވޭ. ކުރިން ވެސް ބުނިގޮތަށް ބަޔަކަށް ހީވީކަން ނޭނގެ މިއީ އަޅުގަނޑަށް އެވޯޑްތަކެއް ހޯދަން ކުރި ކަމެކޭ."
މުއާ އަށް އެ އެވޯޑް ހައްގަސް ބައެއް މީހުން ބުނޭ ލިބުނު ނަމަ ސުވާލު އުފެދޭނެއޭ މުއާގެ އެންސީއޭ މަގާމާ ހެދި. ކިހާވަރެއްގެ ޔަގީންކަމެއް ދޭން ކެރިދާނެތަ ޖަޖިން ޕެނަލް އަށް މުއާގެ އެއްވެސް ބާރެއް ނުފޯރާކަމުގެ؟
"ޖަޖިން ޕެނަލް އަށް އަޅުގަނޑުގެ އެއްވެސް ބާރެއް ނުފޫޒެއް ނުފޯރުވާކަން އެނގޭނެ ހުރިހާ ލިޔެކިޔުންތަކެއް ބެލިޔަސް. ޖަޖުންނާ އެއްވެސް މުއާމަލާތެއް ވެސް ނުހުންނާނެ ކުރެވިފައި. އެމީހުން ޖަޖުންނަށް ހޮވުނު ހިސާބުން ފެށިގެން އެއިން މީހަކާ އެކުގައި ކޮފީއަކަށް ވެސް ނުވަތަ ރަސްމީ ވާހަކައެއް ދައްކަން ވެސް އަޅުގަނޑު ގޮސްފައިނުވާނެ. އެންސީއޭ އިން އެޕޮއިންޓްކުރި އެހެން މީހަކު އެ ހުރިހާ ކަމެއް ބެލެހެއްޓީ، ޖަޖުންނާ ވާހަކަ ދެއްކީ ވެސް. އެއްވެސް މީހަކަށް، އެއްވެސް ހެއްކަކާ އެކު އައިސް ނުބުނެވޭނެ ޖަޖުންނަށް ނުފޫޒެއް ފޯރުވާފަ އޮތެކޭ. ފޯރުވާފަ އޮތް ނަމަ ހަމަ ގައިމުވެސް އިނގިލި ނުދާނެދޯ ހުސްއަތަކާ.
އެހެންވީމަ މުއާ އަށް ގަބޫލުކުރެވޭ ގޮތުގައި ކީއްވެގެންތަ ފިލްމީ ދާއިރާގެ ބައެއް މީހުން، ވަކިން ހާއްސަކޮށް ސީނިއާ ބަޔަކު މުއާ އަށް އިނގިލި ދިއްކޮށް ފާޑުފާޑުގެ ވާހަކަ ދައްކަނީ؟ މުއާ އަކީ ހަމަ އެ ބުނާހާ ގޯސްމީހަކީތަ އަނެއްކާ؟
"ފުރަތަމަ ކަމަކީ އެޕްރެޝިއޭޓްކުރަން ނޭގުން. ހަގީގަތަކީ ކިތަންމެ ދުވަސްވަންދެން މީހަކު ސިމެންތި ޖަހައި ރޭނިޔަސް ފަހުން އައިސްދާނެ އެއަށް ވުރެ މާ މޮޅަށް އެކަންކުރާނެ މީހަކު. އެއީ ގަބޫލުކުރަން ޖެހޭނެ ކަމަކީ. އަދި ފިލްމީ ދާއިރާގައި ވެސް މާ މޮޅެތި ކަންތައް ކުރާނެ މީހުން އަންނާނެ. އެހެންވީމަ އެކަކު އަނެކަކަށް، އަޅުގަނޑުވެސް ޝާމިލުވާގޮތަށް މި ބުނަނީ، އެކަކު އަނެކަކަށް އިހްތިރާމްކުރަންވީ"
"މިސާލަކަށް ޒާތީ ހަސަދައެއް އަޅުގަނޑާ މެދު ބާއްވައިގެން ވަކި އެ މީހަކަށް ލިބޭނެ މޮޅެއް ނޯންނާނެ. އަސްލު މައިގަނޑު މައްސަލައަކީ މިއީ. އެކަކު އަނެކަކާ ދެމެދު އޮންނަ ޒާތީ ހަސަދައިގެ ސަބަބުން އަނެއް މީހާ އަށް ކުރިއެރުމެއް ނޭދޭތީވެ ތިމާ މީހާ އަށް ވެސް ރަނގަޅު ކުރިއެރުމެއް ނުލިބެނީ."
ބުނެވިދާނެތަ ފިލްމީ ދާއިރާ އަށް ހައްގު ތައުރީފާއި ތަރައްގީ އަށް ހުރަސްއެޅޭ ސަބަބަކީ މިފަދަ އެތެރޭގެ ޒުވާބާއި ޒާތީ ތައައްސަބުން ފުރިފައިވީ މައްސަލަތައް ކަމަށް؟ އަބަދުވެސް ކޮންމެވެސް ބަޔަކާ ޖެހިގަނެގެން އުޅޭތަން މި ފެންނަނީ. ކޮބާ މުއާގެ ހިޔާލަކީ؟
"ދާއިރާ އަށް މީހުންގެ ލޯބި ހޯދުމަށް ފުރަތަމަ ކަމަކަށް ކުރަން ޖެހޭނެ ކަމަކީ އަޅުގަނޑުމެން އަޅުގަނޑުމެންގެ މަސައްކަތްތަކަށް އިހްތިރާމްކުރަންވީ. އަޅުގަނޑުމެންގެ މަސައްކަތަށާއި މިތަނުގައި މަސައްކަތްކުރާ އެކަކު އަނެކަކަށް އިހްތިރާމްނުކޮށް އެހެން ބައެއްގެ ފަރާތުން ލޯތްބާއި އިހްތިރާމާއި ތަރައްގީ ލިބޭނެ ކަމަށް ވިސްނައިގެން ވެސް ނުވާނެ"
"ހަގީގަތަކީ މިހާ ހިސާބަށް އައިއިރު ވެސް މަދު ބަޔަކު ފިޔަވައި ދާއިރާގެ މުސްތަގުބަލަށްކުރެވޭ ކަމެއް ނެތް. އަބަދުވެސް ކޮފީ މޭޒެއްގައި، ކޮންމެވެސް ގޮތަކުން މައްސަލަތަކެއް ޖައްސައިގެން މީހަކަށް އެއްޗެހި ކިޔުން މި އޮންނަނީ. މިހާރު މިއީ 2017. މައްސަލަތައް ހައްލުކުރަން ޒަމާނީ ގޮތްގޮތަށް ހުށަހެޅީ ކިތައް މީހުންތޯ؟ އޭބެ ބަދަލުގައި އެކަކު އަނެކަކާ ދިމާއަށް އެއްޗެހި ގޮވާ ނަމަ ކޮން ކަމެއް ރަނގަޅުވާނީ. އެއްވެސް ކަމެއް ނުވާނެ ރަނގަޅެއް"
"ދުރުގަ ހުރެގެން އެއްޗެހި ކިޔުމުގެ ބަދަލުގައި އެ ވާހަކަ ދައްކަން އައުންހެން އަޅުގަނޑަށް ހީވަނީ ރަނގަޅުގޮތަކީ."
މި މައްސަލަތަކުން ފިލްމީ ދާއިރާ ސަލާމަތްކޮށް މިހާރަށް ވުރެ ބޮޑަށް އާންމުންގެ އިހްތިރާމާއި ލޯބި އަދި ޝައުގުވެރިކަން ލިބޭ ފެންވަރު ރަނގަޅު ދާއިރާއަކަށް ފިލްމީ ދާއިރާ ހެދުމަށް މުއާ ގެންގުޅޭ ވިސްނުންތައް ނުވަތަ ވިޝަންތައް ކުޑަކޮށް ކިޔާލަދީބަލަ؟
"މީހުންގެ ލޯތްބާއި އިހްތިރާމް (ފިލްމީ) ދާއިރާ އަށް ހޯދަައިދޭން ސަރުކާރަށް ނުވަތަ ސަރުކާރުގެ މުއްސަސާއަކަށް ކުރެވޭނެ ކަމެއް ނޯންނާނެ. އެކަމަށް މަސައްކަތްކުރާނީ އެ ދާއިރާގައި މަސައްކަތްކުރާ މީހުން. ފުޓްބޯޅަ ކުޅެން ނަގާ 11 މީހުން އެމީހުންގެ އިހްތިރާމް ގެއްލުވައިލީމަ ސަރުކާރަށް ނުވަތަ ފުޓްބޯޅަ އެސޯސިއޭޝަނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ. އެއީކީ ގަނެ ހޯދޭނެ އެއްޗެއް ނޫން. ހަމަ އެގޮތަށް، ފުރަތަމަ ކަމަކަށް އަޅުގަނޑުގެ އަމާޒަކީ އެކަކު އަނެކަކަށް އިހްތިރާމްކުރުން. އެޕްރެޝިއޭޓްކުރުން."
އެހެންވީމަ މުއާ ދެން ބޮޑަށް ފެނިގެންދާނީ ފިލްމީ ދާއިރާގެ މަންދޫބެއްގެ ގޮތުގައި ސަރުކާރުގެ ތެރެއިންތަ އަނެއްކާ؟ ބޮޑު ސްކްރީނަށް އެނބުރި އައުމުގެ ވިސްނުމެއް، މަސައްކަތެއް ނެތްތަ؟
"މިހާރު ބޮޑަށް މި ހަރަކާތްތެރިވެވެނީ ސަރުކާރުގައި. އެކަމަކު ދާއިރާއާ ދުރަށް ދިޔައީކީއެއް ނޫން. ވަރަށް ގިނަ މީހުން ކުރާ ސުވާލެއް ތިއީ. ކެމެރާ ކުރިމަތިން އަދި ފިލްމީ މަސައްކަތްތަކުން ދުރުވީހޭ. އެއަށް ބުނާނީ ނޫނެކޭ. ހަމަ ގައިމުވެސް އިރާދަކުރެއްވިޔާ ކޮންމެވެސް ގޮތަކުން މި އަހަރު ސިނަމާ އަށް، ކެމެރާގެ ފުރަގަހުގެ މަސައްކަތެއް ވިޔަސް ކުރިމަތީގައި ވިޔަސް، އަންނާނެކަން ޔަގީނޭ. އަނެއްކާވެސް ތަފާތު މަސައްކަތެއް ކުރާނީ. ފިލްމީ ދާއިރާ އިން ނަމަ ބޮޑަށް ބޭނުންވަނީ ކެމެރާގެ ފުރަގަހުގައި މަސައްކަތްކުރަން. އާދައިގެ ކެރެކްޓާއަކުން ހީއެއް ނުވޭ ފެންނާނެހެނެއް."
މުއާ މި ވަނީ އަނެއްކާވެސް ކޯޑިނޭޓަރު ކަމަށް އެނބުރި އައިސްފައި. މުއާ ކުރިން ހަމަ ތި މަގާމުން ކަނޑާލި ސަބަބާއި އަލުން ތި މަގާމަށް އާދެވުނު ގޮތަކީ ކޮބާ؟
"ރީތިކޮށް ބުނަންޏާމު ބުނެވޭނީ ވެރިއަކަށް ހުންނަ މީހަކަށް އިތުބާރު ގެއްލުނީމަ ދަށުން ހުންނަ އެއްވެސް މީހަކު އެ މަގާމެއްގައި ހުރުމަކީ އޭގެ ޒާތުގައި ވެސް ރަނގަޅު ކަމެއް ނޫނޭ. ދެން ދެ ވަނަ ފަހަރަށް އެނބުރި އައުން. ހަމަ ވެރިއަކަށް ހުންނަ މީހަކަށް އެމީހަކާ މެދު އޮތް އިތުބާރު އަނެއްކާވެސް ލިބުނީމައޭ އަނބުރާ ގެންނާނީ. އެ އިތުބާރު ހޯދަން ކުރެވުނު މަސައްކަތްތަކާއި މުއާމަލާތްތައް އެއީ ތަންކޮޅެއް ޕާސަނަލްކަންތައްތަކެއް. ވާހަކަ އަކީ އިތުބާރު ގެއްލުނީމައޭ މަގާމު ގެއްލުނީ. އަނެއްކާވެސް އެ އިތުބާރު ލިބުނީމައޭ މި މަގާމަށް އަލުން އާދެވުނީ."
މަގާމަށް އެނބުރި އައިގޮތަށް މުއާ މި ވަނީ ޝާޔަންގެ ހަޔާތަށް ވެސް އެނބުރި އައިސްފައި. ދެ މީހުންގެ ލޯބި މިހާރު ސިފަކުރާނީ ކިހިނެތް އަދި މި އެނބުރި އައުމާ މެދު ބުނެލާނީ ކީކޭ؟
"ދިވެހިން ވަރަށް ގިނައިން ބޭނުންކުރާ ބަހެއް އެއީ، އެއްޗެއް ގެއްލުނީމައޭ އެނގޭނީ އެ އެއްޗެއްގެ ހުރި މުހިންމުކަން. އެ މުހިންމުކަމާ އެއްކޮށް އެ އެއްޗެއް ލިބުނީމަ ކުރިއަށް ވުރެން، އިހުނުވީ ލޯތްބަށް ވުރެން މާ ބޮޑު ލޯތްބެއް ވާނެ. އެއީ އިންސާނީ ތޮބީއަތު. ދުނިޔޭގައި ހިނގާ އާދަކާދަ. ހަމަގައިމުވެސް (ޝާޔަން) އަކީ އެތައް އެތައް ގޮތަކުން އަހަރެންގެ ލައިފަށް މުހިންމު މީހެއް. އެހެންވީމަ ދެން އަދި ކޮންމެ ސަބަބަކާ ހެދި ކަންތަކެއް ހިނގައި މެދުވެރިވެގެން ދިޔަޔަސް އަނެއްކާ ދެ މީހުން އެކުގައި އުޅުން އޭގެ މާނައަކީ ކުރިއަށް ވުރެން މާ ލޯބިން، އާ ފެށުމަކާ އެކުއޭ ކޮންމެ ކަމެއް ވެސް ފަށާނީ."
"ކުރުކޮށް ބުނާ ނަމަ މައްސަލަ ޖެހުނަސް މީހުން އަނބުރާ އަންނަނީއޭ، އެމީހުންނާ ނުލައި އުޅެވެން ނެތީމަ. އެމީހަކާ ނުލައި އުޅެވެން ނެތީމަ އެގޮތަށް ޑިޒިޝަން ނަގަން ޖެހޭނީ."
ބުނެވިދާނެތަ މުއާ އަކީ ޝާޔަންގެ ޕްރޮފެޝަނަލް ލައިފްގެ ޑިޒިޝަންތަކަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާ މީހެކޭ. އެއީ ކުރިން އިވިގެން ދިޔަ އަޑެއް އެއީ، މުއާ އެގޮތަށް ނުފޫޒު ފޯރުވައޭ. ކޮބާ ހަގީގަތަކީ؟
"ޝާޔަންގެ ޕްރޮފެޝަނަލް ލައިފްގަ ނޫނީ ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުމުގެ އިތުރުން ދެން ނަގާ އެއްވެސް ކަމެއްގައި، ރައްޓެހިންގެ ކަމެއްގައި ވެސް، ހާއްސަކޮށް ޕްރޮފެޝަނަލް ލައިފްގައި ނަގާ އެއްވެސް ކަމެއްގައި ނުފޫޒު ފޯރުވާފައެއް ނޯންނާނެ. ޝާޔަން އަކީ ޕްރޮފެޝަނަލީ އަޅުގަނޑަށް ވުރެން މޮޅަށް ކަންތައްތައް ވިސްނޭނެ މީހެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެކަމަކު ވެސް އަހައިފި ނަމަ އަޅުގަނޑަށް ވިސްނިފަ ހުންނަ މިންވަރަކުން ބުނެދެން. އެކަމަކު އެއްވެސް ކަމެއްގައި ނުފޫޒު ފޯރުވައި ކަމެއް ބަދަލުކުރަން މަސައްކަތެއްކޮށްފައެއް ނޯންނާނެ. ކުރިއަށް އޮތްތާގައި ނުވެސް ކުރާނަން."
އެއްވެސް މީހަކަށް ބުނެވިދާނެތަ މުއާ އާއި ޝާޔަން ވަރިވާން ޖެހުނީ މުއާ އެ ލޯތްބަށް ބޭވަފާތެރިވެގެންނޭ؟
"ދެ މީހުން ދުރުވާން ޖެހުނު ސަބަބުތަކުގެ ތެރޭގައި ބުނެވިދާނެ، ދެ މީހުން ދުރުވާން ޖެހުނީ އަޅުގަނޑު ބޭވަފާތެރިވެގެންނޭ ވެސް. ބޭވަފާ މާނަކުރެވޭނެ ވަރަށް ގިނަ ގޮތްގޮތަށް. ވާހަކަ އަކީ އެގޮތަށް ބުނެވިދާނެ."
މުއާ އަކީ ވަރަށް ބިޓީ މީހެކޭ ބުނާ އަޑު އިވޭ. ކައިވެންޏަށް ފަހު މުއާގެ ދިރިއުޅުން ބަދަލުވެގެން ދިޔަ ގޮތް ނުވަތަ އަހުލާގަށް އައި ބަދަލުތަކެއް ފާހަގަކުރާ ނަމަ ކީކޭ ކިޔައިދޭނީ؟
"އަޅުގަނޑުގެ ލައިފްސްޓައިލާ ބެހޭ ގޮތުން، ޝާޔަންއާ ދިމާވުމުގެ ކުރިން އަޅުގަނޑާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދެކެވިދާނެ. އެއީ ކޮންމެވެސް ވަރެއްގެ ތެދެއް ހުރީމަ ކަމަށް ވެސް ވެދާނެ. އެކަމަކު ހާއްސަކޮށް ލައިފްގައި ވަރަށް ކަންތަކެއް ބަދަލުވެގެން ދިޔައީ، ރަނގަޅު ކަންތަކެއް މެދުވެރިވެގެން ދިޔައީ، ހާއްސަކޮށް ދިރިއުޅުމަށް ހެޔޮބަދަލުތަކެއް އަންނަން މެދުވެރި ވަރަށް މުހިންމު މީހެއް ޝާޔަން އަކީ. އަނެއްހެން ބުނަންޏާމު ހެޔޮލަފާ ނުވަތަ ޒިންމާދާރު މީހަކަށް އަޅުގަނޑު ހެދުމުގައި ވަރަށް ބޮޑު ރޯލެއް އަދާކޮށްފައި ހުރި މީހެކޭ ބުނެވިދާނެ ޝާޔަން އަކީ."
ޝާޔަންގެ ވާހަކަ ބާއްވާފައި ހިނގާ ބަލަ އެހެން ވާހަކައެއް ދައްކަމާ. ބުނެވިދާނެތަ މުއާ ތިއީ ވަރަށް ފޮނި މީހެކޭ؟
"ވަރަށް ގިނަ މީހުން ބުނޭ ވަރަށް ފޮނި މީހެކޭ. އެކަމަކު ދިމާވެފަ، ވާހަކަ ދައްކާފަ ނޫނީ ކޮންމެވެސް ގޮތަކަށް އެއްކޮށް އުޅެފަ މީހަކު ނުބުނާނެ އަޅުގަނޑަކީ ފޮނި މީހެކޭ. އަސްލު އަޅުގަނޑަކީ ހަގީގަތުގައި އެހާ ފޮނި މީހެއް ނޫން. މިސާލަކަށް ތިކަހަލަ ސުވާލެއް ކޮންމެ މީހަކާކުރިޔަސް ބުނާނީ ފޮނި މީހެއް ނޫނޭ، ފޮންޏެއް ނޫނޭ. އެކަމަކު އަސްލު އަޅުގަނޑާ އެކު މަސައްކަތްކުރާ، ނުވަތަ ކޮފީއަށް ދާ މީހަކަށް ވެސް ނުބުނެވޭނެ އަޅުގަނޑަކީ ފޮނި މީހެކޭ"
"މީހަކު ހުންނަ ގޮތަކުން ނުވަތަ ހުންނަ ސިފައަކުން ނުވަތަ ސައިކަލުގައި ދާއިރު މަގުމަތިން ގޮވާލާ ކޮންމެ ފަހަރަކު ނޫން ނަމަ ފޯނަށް ގުޅާލާ ކޮންމެ ފަހަރަކު ވާހަކަ ނުދެއްކުނީމަ އެއީ ފޮނި މީހަކަށް ވަންޏާމު ދުނިޔޭގައި ވަރަށް ގިނަ ވާނެ ފޮނި މީހުން."
ފިލްމީ ދާއިރާގެ މީހުންގެ އަހުލާގު ދަށް ވާހަކަ ވަރަށް އިވޭ. މި ދުވަސްކޮޅު ވެސް އެބަ އުޅޭ އޭގެ މައްސަލައެއް. މުއާގެ ހިޔާލުގައި ކީއްވެގެން މިކަހަލަ އަޑުތައް އަރަނީ ނުވަތަ އަސްލަށް ވެސް އެކްޓަރުންގެ އަހުލާގު ދަށީތަ؟
"ފިލްމީ ދާއިރާގެ މީހުންގެ އަހުލާގު ދަށަކީ ނޫން. މިސާލަކަށް ހިނގާ ހިސާބެއް ހަދަމާ. ފިލްމީ ދާއިރާގައި އުޅެނީ ތިން މީހުންނޯ. ދެން އެކި އެހެން ދާއިރާތަކުގައި ރާއްޖޭގައި އެބައުޅެޔޯ 10 މީހުން. ޖުމްލަ މި އުޅެނީ 13 މީހުން. ދެން އެ ތިން މީހުންގެ ތެރެއިން އެކަކު ކަމެއްކުރިޔަސް ބުނާނީ މުޅި ދާއިރާގެ މީހުންނޭ ދޯ. ނޫނީ ދާއިރާގެ މީހުން ވަރަށް ގޯހޭ. މި ދާއިރާގައި މި ތިބެނީ ފުދޭވަރަކަށް މީހުންނަށް އެނގޭ މީހުން. އެމީހުންގެ ވާހަކަ ހޯދަން ބޭނުންވާ މީހުން. ހާއްސަކޮށް މީޑިއާ އިން. ބުނަން މި އުޅެނީ އެމީހުންގެ އަހުލާގު ދަށްވެގެންކުރާ ކަމެއް ވަކި ނެތޭ. އެކަމަކު ގޯސް ކަމެއް ފިލްމީ ދާއިރާގެ މީހަކުކުރިޔަސް ގޯސްކަމެއް ވާނީ ގޯސް ކަމަކަށް. މަޝްހޫރު މީހަކު އެކަހަލަ ކަމެއްކޮށްފި ނަމަ އެކަމެއް ބޮޑުވެގެންދޭ. އަދި ހަގީގަތެއް އޭގައި އޮތަސް ތުންތުންމަތިން އެ ވާހަކައެއް ބަދަލުވާލެއް އަވަސްވާނީ."
އަހަރެއް ނިމި އާ އަހަރެއް މި ފެށުނީ. މި އިންޓަވިއު ވެސް މި ނިންމާލަނީ ދެން. ފިލްމީ ދާއިރާ އަށް 2017 ވަނަ އަހަރު ކުރެވޭ އުއްމީދުތަކަކީ ކޮބާ؟
"2017 ވަނަ އަހަރު ފިލްމީ ދާއިރާ އަށް ކުރެވޭ އުއްމީދުތަކަކީ، ހަމަ ގައިމު ވެސް ޕޮލިސީ ލެވެލްގައި ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ އިރާދަކުރެއްވިއްޔާމު. ދެން ދާއިރާގެ މަސައްކަތްތަކާ މެދު ބުނާ ނަމަ، ވަރަށް ގިނަ ބަޔަކު، ހީވެސް ނުކުރާހާ ގިނަ ބަޔަކު ރަނގަޅު މަސައްކަތްތަކެއް ކުރަން ފަށައިފި. މި އަހަރު އަޅުގަނޑު ސިފަކުރާނީ ދާއިރާ އަށް ކާމިޔާބު (ލިބޭނެ) އަހަރެއްގެ ގޮތުގައި."
- ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
- ސްޓައިލިސްޓް: މައްޕު
- ހެއާ އެންޑް މޭކަޕް: ޖަސްޓިން
- ވޯޑްރޯބް: ރޮމްބަސް
- ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު / އަވަސް