އާސަންދަ ރިފޯމް ނުކުރެވޭ ވަރަށް ގޯސްވެފައިވާ ކަމަށާއި އާސަންދަ ދޫކޮށްލުމަށްފަހު އަލުން ފަށަން ވިސްނަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ބަޖެޓަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ބޮޑު ކަމަށާއި އާސަންދަ އާއި އެންސްޕާ އިން ބޭކާރު ހަރަދުތައް ކުރަމުންދާ ކަމަށެވެ.
އާސަންދައިގެ ކަންކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލިބެލުމުން އާސަންދަ ރަނގަޅު ނުކުރެވޭ ވަރަށް ގޯސްވެފައިވާކަން ފާހަގަކުރެވުނު ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އާސަންދަ މިވަނީ ރަނގަޅު ނުކުރެވޭ ވަރަށް ރިފޯމް ނުކުރެވޭ ވަރަށް ގޯސްވެފައި. އަސްލު ކެންސަރު ޖެހިފައިވަނީ އާސަންދައަށް. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ ވިސްނުމެއް ގެންގުޅެން އަޅުގަނޑުމެން އެއާ މޯލްޑިވްސް އާއި ދެން އެހެން ކުންފުނިތައްވެސް ދޫކޮށްލި ފަދައިން އާސަންދަ ދޫކޮށްލައިފަ އަލުންބަލުން ފަށަންވީ ކަމާ ދޭތެރޭ އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަން އެބަޖެހޭ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އާސަންދަ އާއި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކާ ދެމެދުވެފައިވާ އެއްބަސްވުންތަކުގައި މެދުވެރިއަކު ހުންނަކަން ކަށަވަރުކުރެވޭ ކަމަށެވެ.
"ސަބަބަކީ ޗާޖުކޮށްފަ ހުންނަ އަގުތަކަކީ ގަބޫލުކުރަން ދަތި ވަރަށް ބޮޑެތި އަގުތަކެއް،" ނާޒިމް ވިދާޅުވި އެވެ.
އެ އެއްބަސްވުންތައް ހުރީ ބައި އެޅޭ ގޮތަށް ކަމަށާއި އެ އެގްރިމެންޓްތަކުގައި މި ސަރުކާރުން ދެމި ތިބެން ނުޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އާ ކުންފުންޏެއް އުފައްދައި، އެ އެގްރިމެންޓްތަކާ ވަކިވެ އާސަންދަ ހަމަ މަގަށް އަޅަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން އާސަންދައިން ބޮޑެތި ހަރަދުތައް ކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެ ގޮތުން އިންޖެކްޝަނެއް ޖެހުމަށް 24،000 ރުފިޔާ ހަރަދު ކުރަންޖެހޭ ކަމަށް ނޫސްތަކުން ދެކިވަޑައިގަތް ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑާއި ދާދިފަހުން ދަތުރެއްގެ މަތިން ބައްދަލުވި އާސަންދައިގެ އިސްވެރިއަކާ. މިދިޔަ ދެ އަހަރު ދުވަސް ތެރޭގައި އޭގެ 1،000 އަށްވުރެ ގިނަ އިންޖެކްޝަން ޖަހާފައި އެބަ އޮތް. އެ ޖެހި ކުންފުންޏަށް 24 މިިލިއަން ރުފިޔާ ދެވިފަ. ނަމަވެސް އޭގެ ހަމަ އަގަކީ ކޮބާތޯ؟ އޭގެ ހަމަ އަގު ފަސް މިލިއަން ރުފިޔާއަށްވެސް ނާރާ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ކޮންމެ ވެރިކަމެއް ބަދަލުވުމާއެކު ހޮސްޕިޓަލްތަކުގެ ލެބޯޓްރީތަކުގެ މެޝިންތައްވެސް ބަދަލުވަމުންދާ ކަމަށެވެ.