ދުނިޔެ

ޓެރަރިސްޓުންނަށް ވުރެ ގިނައިން އިޒުރޭލު ސިފައިން މަރަނީ އާންމުން: އެމެރިކާ

އިޒުރޭލުން ފޭރިގެންފައި އޮތް އަރަބިންގެ ބިންތަކުގައި ދިއިރުޅޭ ޔަހޫދީ އާބާދީތަކަށް ހަމާސްގެ ހަނގުރާމަވެރިން އޮކްޓޯބަރު ހަތެއްގައި އަރައިގަތުމަކީ ފަލަސްތީން އާންމުންގެ ވިސްނުން ނޫން ކަމަށް އެމެރިކާއިން ބުނެފި އެވެ.

ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިން ހޯދައި ހުސްކުރަން، އިޒުރޭލުން ހިންގާ އަސްކަރީ އޮޕަރޭޝަންގައި -- ހަނގުރާމަވެރިންނަށް ވުރެ ގިނަ އާންމުން މަރުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެމެރިކާއިން ވަނީ ބުނެފަ އެވެ.

އިޒުރޭލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ޓެރަރިސްޓުންނަށް ހަމަލާދިނުމަށް އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރަކީ އާންމުންނަށް ހަމަލާދޭން ދޫކުރާ އެއްޗެއް ނޫން ކަމަށް އެމެރިކާއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް -- ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވި ގޮތުގައި އިޒުރޭލުން ގަސްދުގައި އާންމުން މަރާ ކަމަށް ބުނެ ދައްކާ ވާހަކަތަކުގެ ހަގީގަތް އޮޅުންފިލުވަން އެމެރިކާ ވެސް ބޭނުންވެ އެވެ.

އެމެރިކާއިން އިޒުރޭލަށް ފޯރުކޮށްދޭ ހަތިޔާރުތައް އިޒުރޭލުގެ އަސްކަރިއްޔާ އިން ބޭނުންކުރާ ގޮތް އެމެރިކާ އިން އޮޅުންފިލުވަންތޯ ނޫސްވެރިއަަކު ކުރި ސުވާލަށް ބްލިންކެން ވިދާޅުވީ އޮޅުންފިލުއްވާ ކަމަށެވެ.

ބްލިންކެން ވިދާޅުވީ އާންމުން ދިރިއުޅޭ ތަނަކުން ޓެރަރިސްޓުން ހޯދުމުގައި، އާންމުންނަށް ނުބަލައި ބޮންއެޅުމަކީ އެމެރިކާއިން އެއްބަސްވެފައި އޮތް ގޮތް ނޫން ކަމަށެވެ.

އިޒުރޭލަށް ބޮން ބޭނުންވާ ކަމަށް ބުނެ އެދިފައި އޮތް އޮތުން އެމެރިކާއިން ހިފަހައްޓާފައި އޮތީ ކޮން ބޭނުމަކުތޯ ކުރި ސުވާލަށް ބްލިންކެން ވިދާޅުވީ ރަފާހް އަކީ ބައިބޯ އަވަށެއް ކަމަށާއި، ރަފާހްއަށް ބޮން އެޅުމަކީ އެމެރިކާގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ބްލިންކެން ވިދާޅުވި ގޮތުގައި އިޒުރޭލަށް ހަތިޔާރު ނުދިނުމަކީ އެއްވެސް އިރެއްގައި އެމެރިކާއިން ވިސްނާފައި އޮތް ގޮތެއް ނޫނެވެ. އެމެރިކާގެ ކަންބޮޑުވުމަކީ އާންމުންނާ ދެކޮޅާށް ބޮން ބޭނުންކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބްލިންކެން ވިދާޅުވީ އެމެރިކާއިން ބޮން ޝިޕްމަންޓެއް އިޒުރޭލަށް ދެން ފޮނުވާނީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.

އިޒުރޭލު ސިފައިން ރަފާހްއަށް ނާރާނެ ގޮތެއް އޮތް ނަމަ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.