ކޮންމެ މީހަކުވެސް އާއިލީ ގުޅުން ބަދަހިކުރުމަށް އިސްކަން ދިނުމަށް މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް އިލްތިމާސް ކުރައްވައިފި އެވެ.
މިނިސްޓަރު މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން އާންމުކުރެއްވި ހިތާބެއް ގައެވެ.
ޑރ. އައިޝަތު ޝިހާމަކީ އޯގާތެރި މުޖުތަމައެއްގެ އެންމެ މުހިއްމު އެއް ސިފައަކީ ބަދަހި އާއިލާއެއް ކަމަށްވާތީ އަޅުގަނޑުމެންގެ އާއިލާތަކަކީ އަޚުވަންތަކަމާއި އެއްބަނޑު އެއްބަފާވަންތަކަން ދަމަހައްޓާ، އެކަކު އަނެކަކަށް އަޅާލާ އޯގާތެެރި، އެހީތެރި، ކުލުނުވެރި އަދި އެންމެން ގުޅިގެން އުޅޭ އާއިލާތަކަކަށް ވާންޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އާއިލާގެ ހަމަޖެހުމާއި އުފާވެރިކަމަކީ މުުޖުތަމައުގެ ކުރިއެރުން އަދި ގައުމުގެ ތަރައްގީގެ އަސްލު ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ. މިއަދަކީ އަދި ހަމަ ކޮންމެ ދުވަހަކީވެސް ކޮންމެ މީހަކުވެސް އެމީހެއްގެ އާއިލާއަށް އެންމެ ބޮޑު އިސްކަމެއް ދޭ ދުވަހަކަށް ހެދުމަށްވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ. ކޮންމެ މީހަކީވެސް ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް "ފުރަތަމަ އާއިލާ" އިސްކުރާ ސިޔާސަތު ގެންގުޅޭ މީހަކަށް ވާންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކީވެސް މައިންބަފައިންނަށް އަޅާލާ ބަޔަކަށްވުމެވެ. ބޮޑުބޭބެއިންނާއި ބޮޑުދައިތައިން، އެއްބަނޑު އެއްބަފާ ބޭބެއިންނާއި ދައްތައިން އަދި ކޮއްކޮއިންގެ ހާލުބަލާލާ ބަޔަކަށްވުމެވެ. ދަރިންނާއި އަނބިން އަދި ފިރިންނަށް ވަގުތުދޭ، އެމީހުންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް އިސްކަންދޭ ބަޔަަކަށްވުމެވެ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު ވަނީ އެކި ސަބަބުތަކާ ހުރެ އާއިލާ ރޫޅި، ދެމަފިރިން ވަކިވާން ޖެހޭ ހާލަތު ދިމާވެފައިވާ އާއިލާތަކުންވެސް އެ އާއިލާތަކުގެ ކުދިންނާއި އެކުދިންގެ މައިންބަފައިންނާ މެދު އޮންނަ ގުޅުން ބަދަހިކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ކޮންމެ އާއިލާއަކީވެސް އެކުގައި އުޅުނަސް ނުވަތަ ދުރުގައި އުޅެންޖެހިފައިވީ ނަމަވެސް އާއިލީ ގުޅުން ދަމަހައްޓާ، އިހްތިރާމާއި ލޯތްބާއެކު އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަށްވެސް މިނިސްޓަރު އެދިވަޑައިގެންފައިވެ އެވެ.