މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންނަށް ލުއިހޯދައިދޭން ފަސޭހަވާނެ

Sep 1, 2024

ހާލުބެލުން ޕްރޮގްރާމުގެ ތެރެއިން ލިބުނު މައުލޫމާތުގެ އަލީގައި ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ފަސޭހަތަކެއް ލިބޭނެ ކަމުގައި ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފި އެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މިނިސްޓްރީން ކުރިއަށް ގެންދާ ހާލު ބެލުމުގެ ޕްރޮގްރާމަކީ ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންގެ މައުލޫމާތު ހޯދައި އެމީހުންނަށް އެހީތެރިވުމަށް ކުރިއަށް ގެންދާ ކާމިޔާބު ޕްރޮގްރާމެއް ކަމަށެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް މިޕްރޮގްރާމު ކުރިއަށް ގެންދެ އެވެ.

އޮފިޝަލް ވިދާޅުވީ މި ޕްރޮގްރާމުގައި މިހާތަނަށް 4،000 އަށް ވުރެ ގިނަ ގެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށާއި އަތޮޅުތެރެއިންވެސް ހާއްސަ އެހީތެރި ކަމަށް ބޭނުންވާ ގިނަ އާއިލާތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އާއިލާތަތަކުގެ ކަންބޮޑުވުމާއި ބޭނުންތައް ގާތުން އަޑުއަހާލުމާކީ އެފަދަ މައްސަލަތައް ހައްލުކުރުމަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ.

"ސީދާ އަޅުގަނޑުމެންގެ މުވައްޒަފުންނަށް މިމައްސަލަ ފެންނާނެ. މީހުންގެ އިހްސާސްތައް އެނގޭނެ. ޝަކުވާތައް އަޑުއެހޭނެ. އެހެންވީމާ ހައްލު ހޯދަންވެސް އަވަސްވާނެ،" އޭނާ ވިދާޅުވި އެވެ.

ހާލުބެލުން ޕްރޮގްރާމުގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނާވެސް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ މުވައްޒަފުން ދަނީ ބައްދަލުކުރަމުންނެވެ.

މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ހިނގަމުންދާތީ އެ މަސައްކަތް ނިމުމުން ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބި އެފަދަ މީހުންގެ މައުލޫމާތުވެސް މިނިސްޓްރީއަށް ސާފުވާނެ ކަމަށެވެ. އެގޮތުން ފެނުމާއި، އަޑުއިވުމާއި އަދި ޖިސްމާނީ، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން އެނގުމުން އެމީހުންނަށް ބޭނުންވާ ކަންކަންވެސް ހައްލުކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"މިފަދަ ކުދިންނަށް ދަތުރުފަތުރުކުރުމާއި، އެކަނި ބޭރަށް ނިކުމެ އުޅެން ދިމާވާ އުދަނގޫތަކެއް އެބަހުރޭ. އަދި ބައެއް އިދާރާތަކުންނާއި އޮފީސްތަކުން ހިދުމަތް ހޯދުމަށްވެސް ދަތިވާ ކަމަށް މިފަދަ ކުދިން ބުނޭ. މި ޕްރޮގްރާމުގެ ތެރެއިން އެ ޝަކުވާތައް ބަލާ ހައްލުތަކެއް ހޯދައިދެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.