ޑރ. މުހައްމަދު މުއިއްޒު

21 މުވައްޒަފުން މަގުމަތިވިޔަ ނުދިނުމަށް މުއިއްޒު ގޮވާލައްވައިފި

Dec 2, 2021
1

ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ކުޑަކުދިންގެ ހިޔާގެ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ މުވައްޒަފުން މަގުމަތިވިޔަ ނުދެއްވުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރާ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނޯޓިސް ދިނީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން ގިނަ މުވައްޒަފުންތަކެއް މިވަގުތަށް ބޭނުންނުވާތީ ކަމަށެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ވަޒީފާއިން ވަކިކުރަން ނޯޓިސް ދިން 21 މުވައްޒަފުންނަކީ ސިވިލް ސާވިސް ކޮމިޝަންގެ ނިންމުމެއްގެ ދަށުން ނޯޓިސް ދިން މުވައްޒަފުން ކަމަށެވެ.

ވަޒީފާ އިން ވަކިކުރަން ނޯޓިސް ދިން މުވައްޒަފުން ވަނީ މޭޔަރު މުއިއްޒުއާ ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައް މުއިއްޒުއާ ހިއްސާކޮށްފަ އެވެ. އެ ބައްދަލުވުމަށްފަހު މުއިއްޒު ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ސިޔާސަތަށް އައި ބަދަލެއްގެ ސަބަބުން ހިޔާގައި މަސައްކަތް ކުރަމުންދާ 21 މުވައްޒަފަކު މަގުމަތިވާނޭ ގޮތަށް ކަންތައްތައް ކޮށްފައިވުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އެ މުވައްޒަފުން މަގުމަތިވިޔަ ނުދީ އެހެން އޮފީސްތަކަށް ބަދަލުކުރުމަކީ އެންމެ އިންސާފުވެރި ގޮތް ކަމުގައިވެސް މޭޔަރު ވިދާޅުވި އެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ގިނަ އަދަދެއްގެ ކުޑަކުދިން ބައިތިއްބާފައި ތިބޭ ކުޑަކުދިންގެ ހިޔާގައި މި އަހަރުގެ ތެރޭ އަލިފާނުގެ ތިން ހާދިސާއެއް ހިނގާފައިވެ އެވެ. އަދި އެތަނުން ކުދިން ފިލައިގެންދިޔަ މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ.

މީގެ އިތުރުން ޖެންޑާއިން ކުދިން ބަހައްޓަން ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި ވެސް ވަނީ ބޮއްސުންލާފަ އެވެ. އެތަނުގެ ތެރޭގައި އަލިފާން ރޯކޮށްލުމާއި ކުދިން ފުރާޅުމައްޗަށް އަރައި އަޑުގަދަ ކުރުމުގެ މައްސަލަތަކެއް ވަރަށް ފަހުން ވަނީ ހިނގާފަ އެވެ. އެފަދަ ބޮޑެތި މައްސަލަތައް ފެންމަތިވަމުންދާއިރުވެސް އެ މައްސަލަތައް ހައްލުކުރުމަށް ޖެންޑާއަށް އެކަށީގެންވާ ވަރަށް ފިޔަވަޅު އެޅިފައެއް ނުހުރެ އެވެ.