މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ކުރިއަށް އޮތީ މޫސުމުގެ ބާރުގަދަ ފަސް ދުވަސް: މެޓް އޮފީސް

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް މޫސުމުގެ ބާރުގަދަވާނެ ކަމަށް މޫސުމާ ގައުމީ އިދާރާ -- މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭތީ މާދަމާ ރެއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު މުޅި ރާއްޖެއަށް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ގަދަވެ އަދި ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ މިމުއްދަތުގައި އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުނިމަށް ވައިގަދަވާނެ ކަމަށެވެ.

ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށިގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.

މެޓް އޮފީހުން ވަނީ ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެދިފަ އެވެ.

"ވީމާ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.