ދުނިޔެ

އިޒުރޭލަށް ޣައްޒާއަށް އަރައިގަނެވުނީ ހަމާސްއާ ހެދި: އައްބާސް

މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި ހަމާސްގެ އަސްކަރީ ގޮފިން އިޒުރޭލުގެ އާބާދީތަކަށް އަރައިގަނެ ޔަހޫދީންގެ ބަޔަކު އަސީރުކުރި އެވެ.

ފަލަސްތީންގެ ޣައްޒާގައި އިޒުރޭލުގެ އަސްކަރިއްޔާއިން މިހާރު ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ފެށެން މެދުވެރިވި ސަބަބަކީ މިއީ އެވެ.

ފަލަސްތީން އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވި ގޮތުގައި އިޒުރޭލުގެ އަސްކަރިއްޔާއިން ޣައްޒާގައި އަދި މިހާރު ރަފާހްގައި ހިންގަމުން ގެންދާ ޖަރީމާތަކަކީ ހަމާސްއިން ކުރުވި ކަމެކެވެ.

އިޒުރޭލު އަބަދުވެސް އޮންނަނީ ފަލަސްތީންގެ ބިންތަކަށް ފެންބޮވައިގެފައި ކަމަށް އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަލަސްތީންގެ ހާލަތު މިފަދަ މަރުހަލާއެއްގައި އޮއްވައި، އިޒުރޭލަށް ގޯނާކުރުން ވާނީ ކުޅަނދުރުހަތާއަކަށް ގާއުކުން ކަހަލަ ކަމަކަށް ކަމަށެވެ.

އައްބާސް ވިދާޅުވި ގޮތުގައި ޒަޔަނިސްޓުންގެ އަތްދަށުގައި ހުރި އަރަބިންގެ ބިންތައް މިނިވަން ނުކުރެވިގެން އުޅެނިކޮށް ހަމާސްގެ ސަބަބުން އިތުރު ބިންތައް ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ބަހްރައިންގެ ވެރިރަށް މަނާމާގައި މިހާރު ކުރިއަށްދާ އަރަބި ލީގުގެ 33 ވަނަ ސަމިޓްގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ މުޅި ފަލަސްތީނަށް ބިރު އޮތް ކަމެއްގައި ހަމާސްއަށް އެކަނި އެއްވެސް ކަމެއް އިޚުތިޔާރުކުރެވިގެން ނުވާނެ ކަމަށެވެ.

އައްބާސް އަދި ވިދާޅުވީ ފަލަސްތީނަށް ލިބެން ހުރި އެހީތައްވެސް ހަމާސްއާ ހެދި ހުރީ ހުއްޓިފައި ކަމަށެވެ. އެހީ ލިބިގެން ނޫން ގޮތަކަށް ފަލަސްތީންގެ ރައްޔިތުންނަށް ޖެހިފައި ހުރި ހާޖަތުތައް ނުފުއްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ފަލަސްތީނަށް މިހާރު ޖެހިފައި އޮތް ހާލަތުން މިންޖު ވެވޭނެ ޒަމާނެއްވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ބައިނަލްއަގްވާމީ އިދާރާތަކުން މީގެ ކުރިން ލިބެމުން އައި ފައިސާގެ އެއް ޕަސެންޓަށް ވުރެ އިތުރަށް މި އަހަރު ލިބިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.