ދުނިޔެ

ޓައިވާނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ޗައިނާއާ އެކުގައި އޮތުން

ޓައިވާންގެ އާ ރައީސް ލައި ޗިން ޓޭ މަގާމާ ހަވާލުވަޑައިގެން މާދަމާ ހުވައިކުރައްވާނެ އެވެ. ޓައިވާންގެ ރައިސްކަމަށް އާ ބޭފުޅަކު ވަޑައިގަންވާއިރު، ޓައިވާނަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ ޗައިނާ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާ އާއެކު ގުޅުން ހަރުދަނާކޮށް ދެމެހެއްޓުމަށް ލައި ޗިން ޓޭ އާ ޗާޓެއް ކުރައްސަވާނެ އެވެ. އޭނާ ގައުމާ މުޚާތަބުކުރައްވައި މާދަމާ ދެއްވާ ޚިތާބުގައި މި ވާހަކަތަކަށް އަލިއަޅުއްވާ ލައްވާނެ ކަމަށް ސަރުކާރުގެ އޮފިޝަލުން ވިދާޅުވެ އެވެ.

ޓައިވާންގެ ރައީސްކަމާ މި ފަހަރު ހަވާލުވެ ވަޑައިގަންނަވާ ލައި ޗިން ޓޭ އަކީ ވެސް – ރައީސްގެ މަގާމުގައި މިހާރު ހުންނެވި ސައި އިންވެންގްއާ އެއް މިޒާޖެއްގެ ބޭފުޅެކެވެ.

ލައި ޗިންޓޭ އާއި ސައި އިންވެން ވެސް ގެންގުޅުއްވަނީ ޗައިނާއާ ދުރު އަދި ހުޅަނގާ އޮޅު ވިސްނުމެކެވެ. މި ވިސްނުމުގައި އޮތް ސަރުކާރަކުން ޓައިވާންއާ ހަވާލުވެ، ދާޚިލީ އަދި ޚާރިޖީ ގުޅުންތައް ދެމެހެއްޓުން ބުރަކަމަށް ވާނެ އެވެ.

ސިޔާސީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ޗައިނާއާ ދުރު ވިސްނުމެއްގައި ޓައިވާނަށް އޮބިއޮންނަ ވަރެއް ނުވާނެ އެވެ. ދުނިޔެއަށް ހުޅުވި ދެމެހެއްޓެނިވި ގޮތުގައި ދެމިއޮތުމަށް ޗައިނާގެ ބައިވެރިވުން ޓައިވާނަށް ވަރަށް މުހިންމުވާނެ އެވެ.

ޓައިވާން ހިންގަން ތިބި ބަޔަކަށް ބަލައިނުގަނެވިގެން އުޅޭ ކަމަކީ، ޓައިވާން އަކީ މިނިވަން ގައުމެއް ނޫން ކަމެވެ. ޓައިވާން އަކީ މިނިވަން ގައުމެއްގެ ގޮތުގައި އދއިން އަދި ޔޫރަޕިއަން ޔޫނިއަނުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އަދި މިއީ ދުވަހަކު ވެސް ވާނެ ކަމެއް ކަމަކަށް ވެސް ނުބެލެވެ އެވެ.

އެމެރިކާއިން ދޭ ހިތްވަރަށް ޓައިވާނުން ކުޅެނީ، ޔުކްރޭނުން އަދާކުރާ ދައުރެވެ.

ރަޝިއާއާ އެހާ ގާތުގައި އޮވެގެން އެމެރިކާގެ ނުފުޒުގައި ނޭޓޯ ޖަމާއަތުން ބުނާހާ ކަމެއް ކުރަން ހަދައިގެން ޔުކްރޭނަށް ޖެހިފައި އޮތް ހާލު މިހާދު ދުނިޔެ އެ ފެންނަނީ އެވެ.

އެމެރިކާއިން ޓައިވާނަށް ދެމުން ގެންދާ އަސްކަރީ އެހިތައް ޖަމާކޮށް ޗައިނާއާ ކުރިމަތިލުމަކީ ޓައިވާންގެ ވިސްނުމަށް ވަނީ ހަދާފަ އެވެ.

ޗައިނާއާ އަޅާ ބަލާއިރު ޓައިވާން އަކި ވަރަށް ކުޑަކުޑަ ޖަޒީރާ އެކެވެ. ޗައިނާއިން އަސްކަރީ ހަމަލާތަކެއް ދިފި ނަމަ ޔުކްރޭނަށް ވުރެ ދެރަ ހާލު ޓައިވާނަށް ޖެހޭނެ އެވެ.

މިހެން ކަން އޮތުމުން ޓައިވާނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ޗައިނާއާ ފުށުއަރާ ހުރިހާ ކަމެއް ދޫކޮށްލުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާ ރައިސްގެ ޒައާމަތުގައި، ޗައިނާ އާއެކު މިހާރު އޮތް ގުޅުން ކޮންމެވެސް ވަރަށް ބަދަލުވެގެން ދާނެ އެވެ.