ޓޫރިޒަމް

ފަތުރުވެރިންގެ އަދަދު 879،000 އަށް

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 879،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 879،885 ފަތުރުވެރިން އައިސްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 794،061 ފަތުރުވެރިންނަށް ވުރެ 85،824 ފަތުރުވެރިން -- 10.8 ޕަސެންޓް އިތުރުވުމެކެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ.

އެ ގައުމުން 98،908 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. މިއީ މި އަހަރު ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 11.2 ޕަސެންޓެވެ.

ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައިގައި އޮތް ރަޝިއާއިން 88،585 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. ޖުމްލަ ފަތުރުވެރިންގެ 10.1 ޕަސެންޓަކީ ރަޝިއާ ފަތުރުވެރިންނެވެ.

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ 9.5 ޕަސެންޓް ފަތުރުވެރިންނަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. އެ ގައުމުން 83،871 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ފަތުރުވެރިން ދެން އެންމެ ގިނައިން ޒިޔާރަތްކުރާ އިޓަލީން 74،805 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ޖަރުމަނުން 71،473 ފަތުރުވެރިން އަދި އިންޑިއާއިން 51،945 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.