ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ބައެއް ކައުންސިލަރުން އެ އިންތިހާބުގައި ކާމިޔާބު ހޯއްދަވާ މެންބަރު ކަމުގެ ހުވާ ކުރެއްވުމާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އެ ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވާނެ ތާރީހުތައް އިއުލާންކޮށްފި އެވެ.
ކައުންސިލަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މަޖިލިސް މެންބަރުކަން ކާމިޔާބު ކުރެއްވީ ޅ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ޔާސީން އަބްދުﷲއާއި، ފ. ބިލެތްދޫ ކައުންސިލްގެ ކުރީގެ ރައީސް އަހްމަދު އަސްލަމާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު ދާއޫދާއި، މާލެ ސިޓީގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު އައިފާނާއި، މައްޗަންގޮޅި މެދު ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު ޒަމީރުގެ އިތުރުން ހުޅުމާލެ ދާއިރާގެ ކުރީގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އެވެ.
ވެރިކަން ކުރަޕީއެންސީއަށް ނިސްބަތްވާ މި ހުރިހާ ކައުންސިލަރުންގެ ތެރެއިން ޔާސިން އަކީ ނައިފަރު ދާއިރާގެ މެންބަރެވެ. ބިލެތްދޫ ދާއިރާގެ މެންބަރު ކަމުގެ ހުވާ އަސްލަމް ކުރައްވާފައިވާއިރު މުހައްމަދު ދާއޫދަކީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރެވެ. ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަން އައިފާން ކުރައްވަމުން ގެންދަވާއިރު ޒަމީރު ހުންނެވީ މައްޗަށްގޮޅި މެދު ދާއިރާގެ މެންބަރު ކަމުގައެވެ. އަދި ޝުޖާއު އަކީ ބާރަށު ދާއިރާގެ މެންބަރެވެ.
މާލޭގެ ދާއިރާތަކާއި އަތޮޅު ތެރެއިން ހުސްވި ގޮނޑިތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ މީހުންނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލަފަ އެވެ. އިންތިހާބުގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖުލައި 20 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00ގެ ނިޔަލަށެވެ.
މިއިންތިހާބު ތަކުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖުލައި 22 ވަނަ ދުވަހު އެވެ.