އިސްމާއީލް ރަފީގް

އެލްޖީއޭގެ ބޯޑަށް މޭޔަރު އިއްސެ އިންތިހާބުވެއްޖެ

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑު މެންބަރު ކަމަށް ސިޓީ ތަކުގެ ކައުންސިލަރުންގެ ފަރާތުން ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު އިންތިހާބު ކޮށްފި އެވެ.

އިސްމާއީލް މިއިންތިހާބު ކާމިޔާބު ކުރެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ވާދަ ކުރައްވައިގެނެވެ.

މިއަދު ބޭއްވި އެލްޖީއޭގެ ބޯޑުގެ އިންތިހާބު އިސްމާއީލް ކާމިޔާބު ކުރެއްވީ 24 ވޯޓުންނެވެ. މުއިއްޒަށް ލިބިވަޑައިގަތީ 21 ވޯޓެވެ.

އައްޑޫގައި ބެހެއްޓި ދެ ފޮށިން އިސްމާއީލް އަށް ލިބުނީ ހަ ވޯޓެވެ. މުއިއްޒަށް ލިބުނީ ހަތް ވޯޓެވެ. ފުވައްމުލަކުގައި ބެހެއްޓި ފޮށިން އިސްމާއީލް އަށް ފަސް ވޯޓު ލިބުނުއިރު މުއިއްޒު އަށް ލިބުނީ އެއް ވޯޓެވެ. މިފޮށީގެ އެއް ވޯޓް ވަނީ ބާތިލްވެފަ އެވެ. ކުޅުދުއްފުށީގައި ބެހެއްޓި ފޮށިން ހުރިހާ ވޯޓެއް ވެސް ލިބުނީ އިސްމާއީލް އަށެވެ. މާލޭގައި ބެހެއްޓި ފޮށިން އިސްމާއީލް އަށް ހަ ވޯޓު ލިބުނުއިރު މުއިއްޒު އަށް 13 ވޯޓު ލިބުނެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ރަށު ކައުންސިލްތަކުގެ ފަރާތުން ހޮވޭ ބޭފުޅަކު ވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އިއުލާން ކުރާނެ އެވެ. މި ގޮނޑިއަށް އެންމެ ބޮޑަށް ވާދަކުރައްވަނީ ޕީޕީއެމަށް ނިސްބަތްވާ ކ. ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދާއި، އއ. ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް އެވެ. މި ދެ ބޭފުޅުންގެ އިތުރުން ހަތް ބޭފުޅަކު މި މަގާމަށް ވާދަކުރައްވަ އެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް އަތޮޅު ކައުންސިލްތަކުގެ ފަރާތުން ވާދަކުރައްވަން ބޭނުންވާ ކައުންސިލަރުންނަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ޕީޕީއެމްގެ ފަރާތުން ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލްއާއި އެމްޑީޕީގެ ފަރާތުން ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އެވެ. ނަމަވެސް ބަޝީރު ފޯމް ހުށަހެޅުއްވީ ގަޑި ޖެހުނު ފަހުން ކަމަށްވާތީ ނިމާލް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ބަޝީރު ވަނީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހައިކޯޓަށް މައްސަލަ ހުށަހަޅުއްވާފަ އެވެ.

ފަސް އަހަރަށް ހޮވާ އެލްޖީއޭގެ ބޯޑުގެ މިދައުރުގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެތަނުގެ ސީއީއޯގެ މަގާމަށް ފާތިމަތު އަފްޝަން ލަތީފް އައްޔަންކުރައްވާފަ އެވެ.

އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމާ ގުޅޭ އިންތިހާބުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ އިލެކްޝަންސް ކޮމިޝަނުންނެވެ. މިއިންތިހާބު ކުރިއަށް ދިޔައީ މިއަދު ހެނދުނު 10:00 އިން 11:00 އަށެވެ.