ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަނު (އީސީ) ގެ ރައީސް ކަމުގެ މަގާމަށް ދަފްތަރު. ނަންބަރު ރސ 1548، މުހައްމަދު ޒާހިދު އަދި އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަޤާމަށް، ކ.ހުރާ، ރޯޒް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ޒާހިދު އާއި ސަލާހަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
އީސީގެ ރައީސް ކަމަށް ޒާހިދު އައްޔަންކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާގުންނެވެ. އަދި އެ ކޮމިޝަންގެ ނައިބުރައީސް ކަމަށް ސަލާހް އައްޔަންކުރަން ފާސްވީ 69 މެންބަރުންގެ ވޯޓުންނެވެ.
އީސީގެ މެންބަރު ކަމަށް ޒާހިދު އާއި ސަލާހް ރަޝީދު އައްޔަންކުރީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.