އިލެކްޝަންސް ކޮމިޝަން

އީސީގެ މެންބަރު ކަމަށް ޒާހިދާއި އަބްދުއްރަހްމާން އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް ދެ ބޭފުޅަކު މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް މުއިއްޒު އީސީގެ މެންބަރު ކަމަށް ޢައްޔަނުކުރެއްވި ދެ ބޭފުޅުންނަކީ، މުހައްމަދު ޒާހިދު، ދަފުތަރު ނަންބަރު ރސ 1548 އަދި އަބްދުއްރަޙްމާން ސަލާހް ރަޝީދު، ކ.ހުރާ، ރޯޒް އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދައިފައިވާ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، މި ދެ ބޭފުޅުން ޢައްޔަނުކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫން ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.

އީސީގެ މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، މި ދެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މެންބަރުކަމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ކުރިފުޅުމަތީގައި، މުހައްމަދު ޒާހިދާއި އަބްދުއްރަހްމާން ސަލާހް ރަޝީދު، ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިޤުރާރުގައި ސޮއި ކުރައްވައިފަ އެވެ.

އީސީގެ މެންބަރު ކަމަށް މުހައްމަދު ޒާހިދު އާއި އަބްދުއްރަހްމާން ސަލާހް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހުގެ 16 ވަނަ ދުވަހު ދައުރުން ބޭރުގައި ބޭއްވި ޖަލްސާގަ އެވެ.

އީސީގެ މެންބަރު ކަމަށް އެ ދެ ބޭފުޅުން އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

ޒާހިދު ވަނީ މީގެ ކުރިން އެޗްއާރްސީއެމްގެ ނައިބު ރައީސްކަން ކުރައްވާފަ އެވެ. އަދި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފަ އެވެ.

އަބްދުއްރަހްމާން ވަނީ އީސީގެ ސެކެރެޓްރީ ޖެނެރަލްގެ މަގާމާއި ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓްރީގެ މަގާމު އަދާކުރައްވާފަ އެވެ.