އެލްޖީއޭ

އެލްޖީއޭގެ ބޯޑަށް އިއްސެއާއި މުއިއްޒު ވާދަކުރައްވަނީ

May 27, 2021
2

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މޭޔަރުންގެ ގޮނޑިއަށް ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރިމަތިލައްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޕީޕީއެމްގެ ފަރާތުން މުއިއްޒުއާއި އެމްޑީޕީގެ ފަރާތުން އިސްމާއީލް ވާދަކުރެއްވުމާ ގުޅިގެން ސިޓީ ތަކުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.

މި ދޭ ބޭފުޅުންގެ ތެރެއިން ބޭފުޅަކު އެލްޖީއޭގެ ބޯޑަށް ހޮވުމަށް ވޯޓުލާނީ ސިޓީ ކައުންސިލްތަކަށް ނިސްބަތްވާ ކައުންސިލަރުންނެވެ.

މާލެ ސިޓީގެ ސާފު މެޖޯރިޓީ ޕީޕީއެމްއަށް ލިބިފައިވާއިރު ކުޅުދުއްފުއްޓާއި، ފުވައްމުލަކާއި އައްޑޫ ސިޓީގެ މެޖޯރިޓީ އޮތީ އެމްޑީޕީ އަށެވެ. އެކަމަކު އެ ތިން ސިޓީގައި ވެސް ޕީޕީއެމްގެ ކައުންސިލަރުން މަސައްކަތް ކުރައްވަ އެވެ. އެހެންކަމުން އިއްސެ އާއި މުއިއްޒުގެ ވާދަވެރިކަން ވަރަށް ބޮޑުވެގެންދާނެ ކަމަށް ބެެލެވެ އެވެ.

އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވާނީ ކުރިއަށް އޮތް ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ. މި އިންތިހާބުގެ ހުރިހާ ކަމެއް ބަލަހައްޓާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

އެލްޖީއޭގެ ބޯޑަށް އަތޮޅު ކައުންސިލަރުންގެ ތެރެއިން ހޮވަންޖެހޭ ކައުންސިލަރަކަށް ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް ވަނީ އިންތިހާބު ވެފަ އެވެ. ޕީޕީއެމްގެ ނިމާލްއާ ވާދަކުރަން އެމްޑީޕީގެ ފަރާތުން ނަން ހުށަހެޅުއްވީ ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އެވެ.

ބަޝީރުގެ ފޯމް ލިބުނީ ކުރިމަތިލުމަށް ހުޅުވާލި ވަގުތު ހަމަވި ފަހުން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބަޝީރުގެ ފޯމް ބަލައިނުގަތުމަށް ނިންމާފަ އެވެ. ނަމަވެސް ގަޑި ޖެހުމުގެ ކުރިން ފޯމް ހުށަހެޅުއްވި ކަމަށް ވިދާޅުވެ ބަޝީރު ވަނީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހައިކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމަވާފަ އެވެ.

އެލްޖީއޭގެ ބޯޑުގައި ރަށްތަކުގެ ކައުންސިލަރުން ތަމްސީލް ކުރާ ބޭފުޅަކު ވެސް އިންނަވަން ޖެހެ އެވެ. އެ މަގާމަށް ހަތް ކައުންސިލަރަކު ވަނީ ކުރިމަތިލައްވާފަ އެވެ. އެއީ އެމްޑީޕީގެ ފަސް ކައުންސިލަރުންނާއި ޕީޕީއެމް އާއި އަމިއްލަ ގޮތުން އިންތިހާބުވި ކައުންސިލަރެކެވެ.