ދުނިޔެ

ލުބްނާނުން ދިން ހަމަލާއެއްގައި އިޒުރޭލުގެ ބައެއް ތަންތަން އަނދަނީ

ލުބްނާނުން އިޒުރޭލަށް ދިން ރޮކެޓް ހަމަލާއެއްގައި ރޯވި ހުޅުގަނޑު، އަލިފާން ނިއްވާ މީހުންނަށް އަދިވެސް ނިއްވައި ނުލެވޭ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

އަލިފާން ނިއްވުމުގައި އެހީތެރިވާން ދިޔަ އަސްކަރިއްޔާގެ ދެތިން މީހަކަށް އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް ބުންޏެވެ. ސިފައިންގެ އިތުރުން ފަޔާ ފައިޓަރުންނަށް ވެސް ދުމުގެ އަސަރުކުރި ކަމަށްވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުގެ އަޔަން ޑޯމް ހަލާކުކޮށްލަން ލުބްނާނުން ފޮނުވި ޑްރޯންތަކުން ދިން ހަމަލާގައި، އުތުރު އިޒުރޭލުގެ ބައެއް ހިސާބުތަކުގައި ވަނީ އަލިފާން ރޯވެފަ އެވެ.

ފަޔާ އެންޑް ރެސްކިޔޫ ސާވިސަސްއާ ހަވާލާދީ ޓައިމްސް އޮފް އިޒުރޭލު ނޫހުން ބުނާ ގޮތުން، އަލިފާންގަނޑު ކޮންމެވެސް ވަރަކަށް ކޮންޓްރޯލްކުރެވުނު ނަމަވެސް އަދިވެސް މުޅިން ނިއްވާލެވޭ ގޮތެއް ނުވެ އެވެ.

އަލިފާންގަނޑު ފެތުރިދާނެ ގޮތަކަށް ބިރުން އިޒުރޭލުގެ އިތުރު ބައެއް މަގުތައް ބަންދުކުރަން ޖެހުނު ކަމަށްވެސް ހަބަަރުތައް ބުނެ އެވެ.

ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ބުނި ގޮތުން އިޒުރޭލުގައި ރޯވި ކަމަށް އެ ބުނާ ހުޅުގަނޑަކީ އަސްކަރީ އެއްވުމަކަށް އެ ޖަމާއަތުން ދިން ހަމަލާއެއްގެ ނަތީޖާ އެވެ.

ހިޒުބުﷲގެ އަސްކަރީ މަރުކަޒުތަކަށް އިޒުރޭލުން ހަމަލާދިނުން ހުއްްޓާލަންދެން، ރޮކެޓާއި އަސްކަރީ ޑްރޯނުން ހަމަލާދޭނެ ކަމަށްވެސް އެ ޖަމާއަތުން ބުންޏެވެ.

ހިޒުބުﷲ އިން ބުނީ އެ ޖަމާއަތުން ބުނާ ގޮތުން އެ މީހުންނަށް މިހާރު ވަނީ އާ ހަތިޔާރު ލިބިފަ އެވެ. ޒަމާނީ ރޮކެޓާއި ޑްރޯން އޭގެ ތެރޭގައި ހިމެނެ އެވެ.

އިޒުރޭލުގެ ހަމަލާތައް ހުއްޓާނުލައިފިނަމަ އިޒުރޭލުގެ ފުނަށް އިތުރު ހަމަލާތައް ދޭނެ ކަމަށްވެސް އެ ޖަމާއަތުން ބުންޏެވެ.

އިޒުރޭލުން ލުބްނާނަށް ހަމަލާދޭ ސަބަބެއް ކަމަށް ބުނަނީ، އެ މީހުން އެއްވެސް ކަމެއް ނުކޮށް ތިއްބައި ހިޒްބުﷲ އިން ހަމަލާދިނުމެވެ.

ފަލަސްތީންގެ ޣައްޒާއަށް އިޒުރޭލު ސިފައިން ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ހިޒްބުﷲއިން ވަނީ އިޒުރޭލަށް ހަމަލާދީފަ އެވެ.