ފުވައްމުލައް

ފުވައްމުލަކުގައި ޑައިވް ނިންމާލި ތަނާ ފަތުރުވެރިޔަކު މަރުވެއްޖެ

ފުވައްމުލަކުގައި ޑައިވްކޮށް ނިންމާލިތަނާ ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.

މިހާދިސާގައި މަރުވީ ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިޔެކެވެ.

އަވަސްއަށް މައުލޫމާތު ދިން މީހަކު ބުނީ މި މީހާ ޑައިވިންއަށް ދިޔައީ އެރަށުގައި ހިންގާ ޑައިވް ސެންޓަރަކާ ގުޅިގެން ކަމަށެވެ.

މި މީހާ މަރުވީ ޑައިވްކޮށް ނިންމުމަށްފަހު ދޯންޏަށް އެރިތަނާ ކަމަށްވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

"އޭނާ ދޯންޏަށް އެރި ތަނާ މޫދަށް ކުއްލިއަކަށް ވެއްޓުނީ. ނެގިއިރުވެސް ހެއެއް ނެތް،" އެ މީހާ ބުންޏެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ގެނބިގެން އަދި ޑައިވްކުރުމުގެ ތެރޭގައި މަރުވާ އަދަދު އިތުރެވެ. އަދި މިގޮތަށް މަރުވާ މީހުންގެ ތެރޭގައި ޗައިނާގެ ފަތުރުވެރިން ގިނަ އެވެ.