ރެޑްވޭވް

ރެޑްވޭވް މޯލުން ސެންޓު ފުޅިއެއް ވަގަށް ނެގި މީހަކަށް ޖަލު ހުކުމެއް

ރެޑްވޭވް މޯލްއިން ސެންޓު ފުޅިއެއް ވަގަށް ނެގި މީހަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.

ރެޑްވޭވް މޯލުން، ޕެންޑޯރާ ބްރޭންޑްގެ ފްލޯސަމް ސެންޓު ފުޅިއެއް ވަގަށް ނަގައިގެން ޖަލަށްލާން ހުކުމް ކުރީ، ޏ. ފުވައްމުލަކު ހޯދަޑު، ދުންނިކަގޭ މުހައްމަދު ހަނީޝް ހަފީޒް އެވެ.

އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވީ އިއްޔެ އެވެ.

މީގެ ދެ އަހަރު ކުރިނ 2022 ވަނަ އަހަރުގެ ކުރީކޮޅު ހިނގި މި ހާދިސާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ހަނީޝް، ސެންޓު ފުޅިއެއް ވަގަށް ނެގީ އެ ސެންޓު ފުޅި ވިއްކާލައިގެން ފައިސާ ހޯދުމުގެ ބޭނުމުގައެވެ.

ސެންޓު ފުޅީގެ އަގަކީ ގާތްގަނޑަށް 200 އެއްހާ ރުފިޔާ އެވެ.

ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ހަނީޝް ވަނީ އޭނާ ސެންޓު ފުޅި ވަގަށް ނެގި ކަމަށް ޝަރީއަތުގައި އިންކާރުކޮށްފަ އެވެ. އެހެންނަމަވެސް ތަހުގީގު މަރުހަލާގައި ދިން ބަޔާނާއި، މައްސަލައާއި ގުޅިގެން ދައުލަތުން ކޯޓަށް ހުށަހެޅި ހެކިތަކުގެ އަލީގައި މައްސަލަ ސާބިތުވި އެވެ.

ހާދިސާ ހިނގި ދުވަހު ރެޑްވޭވް މޯލުން ގުޅައިގެން ފުލުހުން ހާދިސާ ހިނގި ތަނަށް ދިއުމުން، ހަނީޝް އޭނާގެ ބޮކްސާ ތެރެއަށް ލާފައިވާ ސެންޓު ފުޅި ފުލުހުންގެ ހާޒިރުގައި ނަގައި ފިހާރައާއި ހަވާލު ކުރިކަން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައިގައި އިސްގާޒީ އާދަމް މުހައްމަދު ހުކުމް ކުރީ، ހަނީޝް ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށެވެ.

ހަނީޝް، މި މައްސަލައާއި ގުޅިގެން ތަހުގީގު މަރުހަލާގައި ހައްޔަރުކޮށްފައިވާ މުއްދަތު އުނިކުރުމުން، ދެން އޭނާ ބާކީ ތަންފީޒު ކުރަން ޖެހެނީ އެއް މަހާއި ހަތް ދުވަހުގެ ޖަލު ހުކުމެކެވެ.