ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

އިލްމާއި ފަންނުގެ ބޭނުންކޮށްގެން ގައުމަށް ހިދުމަތްކުރުމަށް އެދިވަޑައިގެންފި

ލިބިފައިވާ އިލްމާއި ފަންނީ ހުނަރު ބޭނުންކޮށްގެން ގައުމަށް ކޮންމެވެސް ހިދުމަތެއް ކުރުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ގައުމީ ވާޖިބެއް ކަމުގައި ދެކެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް އިލްތިމާސް ކުރައްވައިފި އެވެ.

މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)ގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި އެ ޔުނިވަސިޓީގެ ދަސްވެނިވުމުގެ ހަފްލާގައި ނައިބް ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތައުލީމުގެ ކަންކަމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.

"ސަރުކާރުގެ އެއް އަމާޒަކީ މަތީ ތައުލީމު އުނގެނުމުގައި ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ދެނެގަނެ، ދަރިވަރުންނަށް ލުއިފަސޭހަތަކެއް ހޯދައިދެވޭނެ މަގުތައް ފަހިކޮށްދިނުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ދަރިވަރުން ދަސްވެނިވުމަށްފަހު ކޮންމެ މައިދާނެއްގައި މަސައްކަތް ކުރި ކަމުގައިވި ނަމަވެސް ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށާއި، މުޖުތަމައުގެ ހަމަޖެހުމަށް މަސައްކަތް ކުރުމަކީ އެންމެ އިސް ވާޖިބެއް ކަމުގައި ދެކުމަށްވެސް އެދިވަޑައިގެންނެވި އެވެ.

"ހަމަ އެހެންމެ އިލްމީ ދިރާސާތައް ކުރުން ހުއްޓާ ނުލައި ކުރިއަށް ގެންދިއުންވެސް ވަރަށް މުހިއްމު،" ނައިބް ރައީސް ވިދާޅުވި އެވެ.

ދަސްވެނިވި ބައެއް ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވައި ހާއްސަ އެވޯޑުތައް މި ހަފްލާގައި ހަވާލުކޮށްދެއްވެވީވެސް ނައިބް ރައީސް އެވެ.