ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

"ހުރިހާ ގައުމެއްގެ ވެއްޓަށް ފެތޭ ސިޔާސަތެއް މުހިއްމު"

ދުނިޔެ ހޫނުވާ މިންވަރު ކުޑަކޮށް، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށްޓަކައި ހުރިހާ ގައުމުތަކުގެ ވެއްޓަށް ފެތޭ، ބަދަލުވެވޭނެ އިންސާފުވެރި މޫސުމީ ސިޔާސަތެއް މުހިއްމު ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ތިންވަނަ ބައްދަލުވުން އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ "ކަނޑުގެ ދަރީން"ގެ ގޮތުގައި ދިވެހިންގެ ޝަޚްސު ބިނާކުރުމުގައްޔާއި، ދިވެހިންގެ އިގްތިސާދު ބައްޓަންކުރުމުގައި ކަނޑުގެ ދިރުންތައް އަދާކުރާ ދައުރު ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ.

އެގޮތުން ނައިބް ރައީސް ވިދާޅުވީ ފަތުރުވެރިކަމާއި މަސްވެރިކަމަކީ ރާއްޖޭގެ އާމްދަނީގައި އަސާސީ ހިއްސާދާރުން ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަމުން ދިވެހި މަސްކަނޑުތަކުގެ ސްޓޮކް ނުރައްކަލަށް ހުށަހެޅި، ދިވެހި މަސްވެރިންގެ އާމްދަނީ ހިރާސްވެ، ކާބޯތަކެތީގެ ރައްކާތެރިކަމަށް އަސަރު ކުރާ ކަމަށްވެސް ވިދާޅުވި އެވެ.

"ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމުގެ ސަބަބުން، ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްދޭ. މިއީ ދެމެހެއްޓެނިވި މަސްވެރިކަމަށްޓަކައި ގާނޫނުގައި މަޖުބޫރުކުރާވެސް ކަމެއް،" ނައިބް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ނާއިންސާފު މިންވަރަކަށް ތަހައްމަލު ކުރަންޖެހޭކަން ނައިބް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް އަހުލުވެރިވެ ހޭނުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދަނީ މަދު ވަސީލަތްތަކެއް ބޭނުންކޮށްގެން ކަމަށއވެސް ވިދާޅުވެފަ އެވެ. ބްލޫ އިކޮނޮމީގެ އެހީގައި ދެމެހެއްޓެނިވި ތަރައްގީއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހައްމިއްޔަތުވެސް ނައިބް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ނައިބް ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ގުޅުން ފާހަގަކުރައްވައި، ބަރޯސާވެވޭ ބައިވެރިއެއްގެ ގޮތުގައި ޗައިނާއިން އަދާކުރާ ދައުރަށްޓަކައި ޝުކުރު އަދާކުރައްވަމުންނެވެ.