މެންބަރު ހުސައިން މުހައްމަދު ލަތީފް

ނައިބް ރައީސް ރާއްޖެ ވަޑައިގެންފި

ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް، ޗައިނާ އަދި ސްވިޒަލެންޑްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ބޭއްވި މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އެގޮތުން މި ދަތުރުފުޅުގެ ތެރެއިން ނައިބް ރައީސް ވަނީ ސްވިޒަލެންޑްގެ ޖެނީވާގައި ކުރިއަށްދިޔަހަރަކާތްތަކުގެ ޕެނަލް ޑިސްކަޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

މި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވަނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާއިންނާއި ހުރިހާ ފަރުދުންގެ ކަރާމާތަށްޓަކައި އެންމެ ބޮޑަށް ބާރުއަޅާ ކަމަކީ ހަމަހަމަކަން ކަމަށާ ބައިބައިވުމަށް ފުރުސަތެއް ނެތްކަމުގައި ވިދާޅުވެފަ އެވެ.

ނައިބް ރައީސް ވަނީ ސްވިޒަލެންޑްގެ ޖެނީވާގައި ކުރިއަށްދިޔަ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ފިއުޗަ އޮފް ހިއުމަންރައިޓްސް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އޮފް ދަ ހިއުމަންރައިޓް 75" ވަށްމޭޒު ބައްދަލުވުމުގައިވެސް ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ދުނިޔޭގެ އެކި ސަރަހައްދުތަކުން ހުރިހާ އެންމެންނަށްވެސް ކުރިމަތިލާންޖެހިފައިވާ ތިމާވެށްޓާ ގުޅޭ މައްސަލަތަކަށް ފިޔަވަޅު އެޅުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބައިވަންތަ ކަމަށް ނުހަނު ބޭނުންޖެހިފައިވާ ކަމަށް މިބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިބައްދަލުވުމުގެ ތެރެއިން ނައިބް ރައީސް ވަނީ އެހެން ގައުމުތަކުގެ އިއްޒަތްތެރިންނާއި އދގެ އިދާރާތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފަ އެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސްވިޒަލެންޑްގެ ޖެނީވާއަށް ވަޑައިގެންނެވުމުގެ ކުރިން ޗައިނާއަށް ވަޑައިގެން، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.