މެންބަރު ހުސައިން މުހައްމަދު ލަތީފް

ނައިބް ރައީސް ސްވިޒަލޭންޑަށް ވަޑައިގެންފި

އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް 75 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް މިރޭ ޖެނީވާއަށް ވަޑައިގެންފި އެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ހިއުމަން ރައިޓްސް 75"ގެ ނަމުގައި މިމަހުގެ 11 އަދި 12 ވަނަ ދުވަހު އެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅުގައި އދގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަލޭންޑްގެ ސަރުކާރާ ގުޅިގެން އިންތިޒާމުކުރާ ހިއުމަން ރައިޓްސް 75ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "އިންސާނީ ހައްގުތަކުގެ މުސްތަގުބަލު، ތިމާވެށި އަދި މޫސުން" މި މައުލޫތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށާއި، ބޭރު ގައުމުތަކުގެ އިއްޒަތްތެރިންނާއި އދގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

ނައިބް ރައީސް ޖެނީވާއަށް ވަޑައިގަތީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް މިމަހުގެ ހަތަރުވަނަ ދުވަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި ލެއްވުމަށްފަހު ސީދާ ޗައިނާ އިންނެވެ.