މެންބަރު ހުސައިން މުހައްމަދު ލަތީފް

ނައިބް ރައީސްގެ ފުރަތަމަ ދަތުރަށް ތިން މިލިއަން ރުފިޔާ ހަރަދުކޮށްފި

ނައިބް ރައީސް ހުސައިން މުހައްމަދު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމަށް ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

ނައިބް ރައީސް ހުސައިންގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ޗައިނާ އަށެވެ. އޭގެފަހުން ޗައިނާ މަގުން އެމަނިކުފާނު ވަޑައިގަތީ ސްވިޒަލޭންޑްގެ ޖެނީވާ އަށެވެ. މި ދެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކުރިއަށް ގެންދެވީ މިމަހުގެ ހަތަރުން 14 އަށެވެ.

ޗައިނާ ދަތުރުފުޅުގައި ނައިބް ރައީސް ވަނީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފަ އެވެ. ޖެނީވާ ދަތުރުފުޅުގައި ނައިބް ރައީސ ްވަނީ "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ނައިބް ރައީސްގެ ޗައިނާ-ސްވިޒަލޭންޑްގެ ދަތުރުފުޅަށް ޖުމްލަ 3،189،544.58 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. މި ދެ ދަތުރުފުޅުގެ ޓިކެޓްގެ ޖުމްލަ ހަރަދަކީ 2،413،029.54 ރުފިޔާ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ބިޒްނަސް ކްލާހަށް ވުރެ މަތިން ދަތުރުފުޅު ނުކުރައްވާނެ އެވެ. އެކަމަކު ރާއްޖެ އިން ޗައިނާ އަށް އަދި ޗައިނާ އިން ސްވިޒަލޭންޑަށް އަދި އެ ގައުމުން ރާއްޖެއަށް ނައިބް ރައީސް ދަތުުރުކުރެއްވީ ފަސްޓް ކްލާހުގައެވެ. ނައިބް ރައީސް ފަސްޓް ކްލާހުގައި ދަތުރުކުރެއްވީ ބިޒްނަސް ކްލާހުން ޖާގަ ލިބިވަޑައިނުގަތުމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ނައިބް ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ހަރަދަކީ 180،735.90 ރުފިޔާ އެވެ. ޗައިނާ ދަތުރުފުޅުގައި ވަފުދުގެ ބޭފުޅުންނަށް ހުރުމާއި، ފަރިއްކޮޅާއި، އެތެރޭގެ ދަތުރުފަތުރުގެ ހަރަދުތައް ހަމަޖައްސައިދިނީ ޗައިނާ ސަރުކާރުންނެވެ. ނައިބް ރައީސް ސްވިޒަލޭންޑަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ހަރަދަކީ 595،779.14 ރުފިޔާ އެވެ.

ނައިބް ރައީސް ދެ ގައުމަކަށް ކުރެއްވި ދަތުރުފުޅަށް ކުރެއްވި ހަރަދުތަކުގެ ތަފްސީލް ހާމަކޮށްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ގައުމުން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ހަރަދުތައް އެދަތުރެއް ނިންމަވައި ރާއްޖެ ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެކަން ތަންފީޒުކުރުމުގެ ގޮތުންނެވެ.