މެންބަރު ހުސައިން މުހައްމަދު ލަތީފް

"ގައުމިއްޔަތު އުގަންނައިދިނުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރަންޖެހޭ"

ގައުމުގެ މުސްތަގުބަލަށްޓަކައި ދަރީންނަށް ގައުމިއްޔަތު އުގަންނައިދީ އަހުލުވެރި ކުރުވުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ޖެހޭ ކަމުގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ރަސްމީ ޖަލްސާގައި ނައިބް ރައީސް ވިދާޅުވީ ދިވެހި ދަރިންނަށް ދިވެއްސަކަށް ވީތީ ފަޚުރުވެރިވާން ދަސްކޮށްދޭން ޖެހޭ ކަމަށެވެ.

"ދިވެހި ބަހުން ރީތިކޮށް ވާހަކަދައްކައި ލިޔެކިޔުމަކީ ކިހާ އުފާވެރި ފަޚުރުވެރިކަމެއްކަން ވިސްނައިދޭންޖެހޭ. ހަމައެއާއެކު ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުން އިބުރަތް ހާސިލްކޮށް އެގޮތުގައި ކުރިއަށްދިއުމަށް ބާރުއަޅަންޖެހޭ،" ނައިބް ރައީސް ވިދާޅުވި އެވެ.

މި ޖަލްސާގައި ނައިބް ރައީސް ވަނީ މި ސަރުކާރުން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދިވެހީންނަށް އެންމެ އިސްކަން ދިނުމުގެ ސިޔާސަތު ނުވަތަ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ދެމެހެއްޓުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްތައްވެސް ހިއްސާކުރައްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ގައުމީ އެޖެންޑާގެ އަމާޒަކީ، ޑްރަގުގެ ވަބާއިން ގައުމު ސަލާމަތްކުރުން ކަމަށާއި، ގޭންގް ކުށްތަކާއި ގާނޫނު މުގުރުމަށް އެއްވެސް ފުރުސަތެއް ނުދެއްވުން ކަމުގައިވެސް ވިދާޅުވި އެވެ.

ނައިބް ރައިސް ވިދާޅުވީ ގައުމުގައި އަމާންކަމާއި ސުލްހަމަސަލަސްކަން ޔަގީންކޮށް، ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު ގިނަ ސިނާއަތްތައް ތައާރަފްކޮށް އަމިއްލަ ފައިމައްޗަށް ތެދުވެތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ދައުލަތެއް ބިނާކުރުމަކީވެސް ރައީސްގެ އަމާޒެއް ކަމަށެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ ބޮޑުތަކުރުފާނު ގައުމަށްޓަކައި ކޮށްދެއްވި އަގުހުރި މަސައްކަތްތައްވެސް ހިއްސާކުރައްވާފަ އެވެ.

"ބޮޑުތަކުރުފާނުގެ މުޅި އުމުރުފުޅު ހޭދަކުރެއްވީ ގައުމީ ހިދުމަތުގައި. ޖިހާދުކުރެއްވުމުގައި. ދިވެހީންގެ އަމިއްލަވަންތަކަން ކަށަވަރުކުރެއްވުމުގައި. ދިވެހި ގައުމުގެ މުސްތަގިއްލުކަން ވަރުގަދަކޮށް އެތައްހާސް އަހަރަކަށް ދެމިއޮންނާނެ ބިންގާތައް މި ގައުމުގައި އެޅުއްވުމުގައި. މިއީ ގައުމީ ދުވަހު އަޅުގަނޑުމެން އެންމެން ފުންކޮށް ވިސްނާ އަމަލުކުރަންވީ ގޮތް،" ނައިބް ރައީސް ވިދާޅުވި އެވެ.

މި ޖަލްސާގައި ނައިބް ރައީސް ވަނީ ށ. އަތޮޅުގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން އެންމެ ހިންގުންތެރި ކޮމިޓީތަކަށްދޭ "މާރެސް" އެވޯޑްވެސް ހަވާލުކޮށްދެއްވާފަ އެވެ.