ޖަރުމަނުގެ ޓުއާ އޮޕަރޭޓަރު އެފްޓީއައި ގްރޫޕަށް އެ ކުންފުނީގެ ދަރަނި ނުދެއްކިގެން، ބަނގުރޫޓު ވެފައިވާ ކަމަށް ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ޔޫރަޕްގައި ތިންވަނައަށް އެންމެ ބޮޑު ޓުއާ އޮޕަރޭޓަރު އެފްޓީއައި ގްރޫޕުން ބޭންކްރަޕްސީ ފައިލް ކުރުމުން ޖަރުމަނުގެ މިއުނިކް ކޯޓުން ވަނީ އިންސޮލްވެންސީ ޕްރޮސީޑިން ފަށައިފަ އެވެ.
އެފްޓީއައިގައި 11،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރާ އިރު ކުންފުނި ބަނގުރޫޓުވެ، އޮޕަރޭޝަން ހުއްޓާލަން ޖެހުނުކަން ކުންފުނީގެ މުވައްޒަފުންނަށްވެސް މިހާރު ވަނީ އަންގާފަ އެވެ.
ޖަރުމަނުގެ ނޫހެއް ކަމަށްވާ ބީއައިއެލްޑީގައިވާ ގޮތުން މިދިޔަ ހަފްތާ ބަންދުގައި އެ ކުންފުނިން ވަނީ އެ ގައުމުގެ އިގްތިސާދީ އަދި ފައިނޭންސް މިނިސްޓްރީއާ އެކު މިކަމުގައި މަޝްވަރާތައްވެސް ކޮށްފަ އެވެ.
އެފްޓީއައި އިން ވަނީ ކުންފުނީގެ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ގާތްގަނޑަކަށް 11 މިލިއަން ޑޮލަރުގެ ފަންޑިންއެއް ހޯދަން އެދިފަ އެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ އެ ހުށަހެޅުން ގަބޫލުކުރުމަށް ދެކޮޅު ހަދާފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ ކުންފުނީގެ ޖުމްލަ ދަރަނި އެއް ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރަ އެވެ.
ކޮވިޑާ ގުޅިގެން އެފްޓީއައިއަށް ކުރިމަތިވި މާލީ ދަތިތަކާ ގުޅިގެން ކުންފުނިން ވަނީ ސަރުކާރުގެ އިކޮނޮމިކް ސްޓެބިލައިޒޭޝަން ފަންޑު މެދުވެރިކޮށް 650 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފަ އެވެ. އަދި ސަރުކާރުން ގެރެންޓީ ދީގެން ޔޫރަޕްގެ ކޮމާޝަލް ބޭންކް، ޔުނިކްރެޑިޓުން 315 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ނަގާފައިވެ އެވެ. އޭގެ އިތުރުން އަމިއްލަ ބައެއް ވިޔަފާރިވެރިން އަތުން ވެސް ދަރަނިތައް ނަގާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެފްޓީއައި މެދުވެރިކޮށް ދަތުރުތައް ދާން ބުކިން ހަދާފައިވާ މީހުންގެ ތެރެއިން މި ވަގުތު ދަތުރުތަކުގައި އުޅޭ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ދަތުރުގެ ކަންކަން ހަމަޖައްސައިދިނުމަށް މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައި ކުރަން ހުރި ދަތުރުތައް ދެން ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މިކަމުގެ ސަބަބުން ޔޫރަޕުގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އަންނާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެ އެވެ. މިކަމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ވަކިން ހާއްސަކޮށް ޖަރުމަނުވިލާތުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށަށް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.
ޖަރުމަނުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮޑު އިންސަތައެއް ރާއްޖެއަށް އަންނަނީ އެފްޓީއައި މެދުވެރިވެގެން ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ޔޫރަޕުގެ އެހެން ގައުމުތަކުގެ މީހުންވެސް މި ކުންފުނި މެދުވެރިކޮށް ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސަ އެވެ.