ވިޔަފާރި

ރާއްޖެ އިޝްތިހާރު ކުރަން ޖަރުމަނުގެ ނޫސްވެރިން އަތުވެއްޖެ

Dec 9, 2019

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ބޭނުންވާ މައުލޫމާތު އެއް ކުރުމަށް، ޖަރުމަނުގެ ނޫސްވެރިންގެ ޓީމެއް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ގެނެސްފި އެވެ.

އެމްއެމްޕީއާރުސީ އިން ބުނި ގޮތުގައި ޖަރުމަނު ވިލާތުން ގެނައި ތިންވަނަ ނޫސްވެރިންގެ ޓީމުގައި އޮސްޓްރިއާ އާއި ސްވިޒަލޭންޑް އަދި ޖަރުމަނުގެ ނޫސްތަކަށް ނިސްބަތްވާ ނޫސްވެރިން ހިމެނޭ ކަމަށެވެ.

މި ދަތުރުގެ ތީމްއަކަށް ހަމަޖެއްސާފައިވަނީ "ޑިސްކަވާ އަ ބްރޭންޑް ނިއު އެކްސްޕީރިއަންސް" އެވެ. މި ޓީމުން ތިބެން ހަމަޖެހިފައިވަނީ މި އަހަރު އަލަށް ހުޅުވި ރިސޯޓުތައް ކަމަށްވާ ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސް އާއި ރެސިޑެންސް މޯލްޑިވްސް ދިގުރަށް އަދި ފުލްމަން މާމުޓާގަ އެވެ.

އެމްއެމްޕީއާރުސީން އިން ބުނީ މި ޓީމުގެ ބައިވެރިންނަށް ހާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގާނެ އެވެ. މީގެ ތެރޭގައި މި ރެސްޓޯރެންޓުގެ ރަހަތައް ތަޖުރިބާ ކުރުމާއި ޑޮލްފިން ކްރޫޒް އަދި ހާއްސަ ސްޕާ ޓްރީޓްމަންޓްތައް ތަޖުރިބާ ކުރަން ފުރުސަތު ދިނުން ހިމެނެ އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އެއް މާކެޓު ކަމަށްވާ ޖަރުމަނު ވިލާތުގައި ރާއްޖެ އިޝްތިހާރު ކުރަން ގިނަ ފެއާތަކެއްގައި ބައިވެރިވެ އެވެ. މީގެތެއިން އެންމެ މަޝްހޫރު ފެއާއަކީ ބާލިންގައި އޮންނަ އައިޓީބީ ފެއާ އެވެ. މީގެ އިތުުރުން ހިމެނެނީ ޑުސިލްޑޯފްގައި އޮންނަ ބޫޓް ފެއާ އާއި ޒިއުރިކްގައި އޮންނަ ފެސްޕޯ އެވެ. އެ ގައުމުން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 151،414 މީހުން އައިސްފައިވެ އެވެ.