ވިޔަފާރި

އައިޓީބީ ފެއާގެ ރާއްޖޭގެ ސްޓޯލް ފަރުމާ ކުރާނެ ބަޔަކު ހޯދަނީ

ޖަރުމަނުގައި އޮންނަ އައިޓީބީ ފެއާގެ ރާއްޖޭގެ ސްޓޯލް ފަރުމާކޮށް އެތަން އަޅައި ދޭނެ ބަޔަކު ހޯދަން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހުޅުވާލައިިފި އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ އަންނަ އަހަރު އޮންނަ އައިޓީބީ ފެއާ އާއި 2021 އަދި 2022 ގައި އޮންނަ ފެއާގެ ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އަޅައި ދޭން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެމްއެމްޕީއާރްސީން ވަނީ އެ ފުރުސަތު މިހާރު ހުޅުވާލާފަ އެވެ. މި މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން، ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 24 ވަނަ ދުވަހެވެ.

އައިޓީބީ ފެއާއަކީ ޓޫރިޒަމް ސިނާއަތުގައި ބާއްވާ އެންމެ ބޮޑު ފެއާއެވެ. ރާއްޖޭން މިހާތަނަށް އައިޓީބީ ފެއާގައި އެންމެ ފުޅާކޮށް ބައިވެރިވެފައިވަނީ 2016 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖެއަކީ އައިޓީބީ ފެއާގެ އޮފިޝަލް ޕާޓްނަރެވެ. މިދިޔަ އަހަރު މެއި މަހު ޖަރުމަނުގައި ބޭއްވި އައިޓީބީ ފެއާގައި ވެސް ރާއްޖޭން ބައިވެރިވި އެވެ. މިދިޔަ އަހަރު 105 ކުންފުންޏަކުން 270 ފަރާތުން ބައިވެރިވެފައިވެ އެވެ.

އައިޓީބީ ފެއާ ފަދަ ބޮޑެތި ފެއާތަކަށް ކުރިން ރާއްޖޭގެ ނޫސްވެރިން ގެންދެ އެވެ. ނަމަވެސް މިހާރު އެ ފުރުސަތު ދެނީ އެމްއެމްޕީއާރްސީން ބޭނުންވާ ވަކި ބަޔަކަށެވެ.