ޖަރުމަނުގެ ބާލިންގައި ބާއްވާ އައިޓީބީ ފެއާގައި ބައިވެރިވުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ޖަރުމަނަށް ފުރާ ވަޑައިގެންފި އެވެ.
އައިޓީބީ ފެއާއަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ޝާމިލްވާ ފަރާތްތަކުން އެއްތަނަކަށް ޖަމާވެ ފަތުރުވެރިކަން މާކެޓްކޮށް އިސްތިހާރު ކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ފެއާއެވެ. މިފެއާގައި ރާއްޖޭ ތަމްސީލު ކުރާ އެންމެ އިސް ފަރާތެއްގެ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ޖަރުމަނަށް ވަޑައިގެންފައެވެ.
ރާއްޖެއިން ކޮންމެ އަހަރުކުވެސް އައިޓީބީ ފެއާގައި ބައިވެރިވާއިރު، ފެއާގެ ބައިވެރިންގެ ހާއްސަ ސަމާލުކަމެއް ކޮންމެ އަހަރުކުވެސް ރާއްޖޭގެ ސްޓޯލްތަކައް ލިބެ އެވެ. އައިޓީބީ ފެއާގައި ދޭ ބައެއް މަތީ އެވޯޑްތައް ވެސް ވަނީ ރާއްޖެއަށް ލިބިފަ އެވެ.
އައިޓީބީއަކީ ރާއްޖޭން ބައިވެރިވާ ޓޫރިޒަމް ފެއާތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބައިވެރިވާ އެއް ފެއާ އެވެ. ޒަމާނުއްސުރެ މި ފެއާ ކަވަރު ކުރަން ރާއްޖޭގެ މިޑިއާގެ ގިނަ ފަރާތްތަކަކަށް ޖާގަ ދެއެވެ. މި އަހަރު އާ ސަރުކާރުން ޓޫރިޒަމް އިޝްތިހާރުގެ ބަޖެޓް ބޮޑު ކުރުމަށް ފަހު ފެއާގައި ބައިވެރި ކުރަނީ ވީޓިވީ އާއި ރާއްޖެ ޓީވީ އެކަންޏެވެ. ދައުލަތުގެ ހުރިހާ ހަރަކާތެއް އާކައިވް ކުރަންޖެހޭ ޕީއެސްއެމް ވެސް މި ފެއާގައި ބައިވެރި އެއް ނުކުރެ އެވެ.