ރައްޔިތުންގެ މަޖިލިސް

ވަޒީރުންނަށް ރުހުން ދިނުމަށްފަހު މެންބަރުން އީދު ޗުއްޓީއަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނޭ ތިން ވަޒީރުންނަށް ރުހުން ދިނުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އީދު ބަންދު ނިމެންދެން ކުރިއަށް ނުގެންދާ ގޮތަށް ނިންމައިފި އެވެ.

ތިން ވަޒީރުންނަށް ރުހުން ދިނުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިއްޔެ ނިންމާލީ، ދެން ޖަލްސާ އޮންނާނީ މި މަހުގެ 24 ވާ ހޯމަ ދުވަހު ކަމަށް އިއުލާން ކުރުމަށްފަހު އެވެ. އެއީ ބޮޑު އީދު ބަންދު ފަހެވެ.

މި ހަފްތާ ބަންދާއެކު ބޮޑު އީދު ބަންދު ފެށޭއިރު، ބަންދު ހަފްތާ ނިމޭނީ 20 ވާ ބުރާސްފަތި ދުވަހަށެވެ. އަދި އޭގެ ފަހުން އަނެއްކާވެސް ހަފްތާ ބަންދު ދެ ދުވަސް އޮންނާނެ އެވެ.

އާންމު އުސޫލުން ކޮންމެ ހަފްތާއަކު، ހޯމަ، އަންގާރަ އަދި ބުދަ ދުވަހު މަޖިލީހުގެ ޖަލްސާތައް އޮންނަ ނަމަވެސް މި ހަފްތާގެ އަންގާރަ އަދި ބުދަ ދުވަހުވެސް ޖަލްސާއެއް ނޯންނާނެ އެވެ.

އާ މަޖިލީހުން ތިން ވަޒީރުންނަށް ރުހުން ދިނުމަށް ފަހު ކުރު ޗުއްޓީއަކަށް ދިޔައިރު، ހުވައި ކުރުމަށާއި މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އިންތިހާބު ކުރުމަށް ބޭއްވި ޖަލްސާއަށް ފަހު 20 ވަނަ މަޖިލީހުން މިހާތަނަށް ތިން ޖަލްސާއެއް ބާއްވާފައިވެ އެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

އާ މަޖިލީހުން ބޭއްވި ތިން ޖަލްސާގައި ކުރައްވާފައިވާ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ތިން ވަޒީރުންނަށް ރުހުން ދިނުމުގެ އިތުރުން، މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކު ކަނޑައެޅުމާއި، ކްލެމެންސީ ބޯޑަށް މަޖިލީހުން މެންބަރަކު ކަނޑައެޅުން ހިމެނެ އެވެ.

މީގެ އިތުރުން ކުރީ މަޖިލީހުން މި މަޖިލީހަށް ވާރުތަވެފައިވާ މައްސަލަތަކުގެ ތެރެއިން ބިމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ބޭރުކޮށްލުމާއި ތިން ގާނޫނަކަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ.

މަޖިލީހުގައި ހިނގަމުންދާ ތިން ގާނޫނެއްގެ މަޝްވަރާތަކަކީ، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތާއި، ސޮވްރިން ޑިވެލޮޕްމެންޓް ފަންޑްގެ ބިލުގެ މަސައްކަތާއި، އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތެވެ.

ސޮވްރިން ޑިވެލޮޕްމެންޓް ފަންޑްގެ ބިލު އަދި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ގެންނަ އިސްލާހުތަކާ ގުޅޭ ބިލް އޮތީ މިހާރު ފުރަތަމަ ކިޔުން އިއްވައި، ތަޅުމަށް ހުށަހެޅުމުގެ މަރުހަލާ ގައެވެ. އިމިގްރޭޝަން ގާނޫނަށް ހުށަހެޅުނު އިސްލާހުގެ މަސައްކަތް މިހާރު އޮތީ 241 ކޮމިޓީ ގައެވެ. އެއީ އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާ ގުޅޭ އިސްލާހެވެ.

މަޖިލީސް ކުރު ޗުއްޓީއަކަށް ދިޔައިރު މި ދައުރުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުންވެސް ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މިހާރު މެންބަރުން ކަނޑައަޅައި ކޮމިޓީތަކުގެ މަސައްކަތްވެސް ވަނީ ފަށާފަ އެވެ.