ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕޭނާއި ކްރޮއޭޝިއާ މިރޭ ބައްދަކުރި މެޗު 3-0ގެ ބޮޑު ތަފާތަކުން ސްޕޭން އިން ކާމިޔާބުކޮށްފި އެވެ.
ސްޕޭން ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެ ކްރޮއޭޝިއާ ގޯލަށް ނުރައްކާކޮށް ވަރަށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.
ސްޕޭން ޓީމުން މެޗުގެ 29 ވަނަ މިނެޓުގައި ފުރަތަަމަ ގޯލް ޖެހީ އެ ޓީމުގެ ޖާޒީ ނަންބަރު 7 މޮރާޓާ އެވެ. އަދި މެޗުގެ 32 ވަނަ މިނެޓުގައި ސްޕޭން އަށް އެޓީމުގެ ރުއިޒް އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްދިނެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމެންދަނިކޮށް ސްޕޭން ޓީމަށް ލީޑު އިތުރަށް ފުޅާކޮށްދިނީ އެޓީމުގެ ފަހަތަށް ކުޅެމުންދާ ކަވަހާލް އެވެ. އޭނާގެ ގޯލާ އެކުގައި 3-0 އަކުން ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު ކްރޮއޭޝިއާ ޓީމަށް އެކަށީގެންވާ ފަދަ ކުޅުމެއް ނުދެއްކުނެވެ. އިނދިކޮޅު ގޯލަށް ނުރައްކާކޮށް މާގިނަ ހަމަލާއެއްވެސް އެ ޓީމަށް އުފެއްދިފައެއް ނުވެ އެވެ.
ދެވަނަ ހާފުގައި ކްރޮއޭޝިއާ އިން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ސްޕޭންގެ ގޯލަށް އަމާޒުކޮށް ބައެއް ހަމަލާތައް ފޮނުވާލާފައިވެ އެވެ. އެހެންނަމަވެސް އެޓީމަށް ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ. އެޓީމަށް ލިބުނު ޕެނަލްޓީއެއް ސްޕޭން ކީޕަރު އުނައި ސައިމަން ވަނީ ސަލާމަތްވެސް ކޮށްފަ އެވެ. މި މެޗުގައި އުނައި ސައިމަން ވަނީ ރަނގަޅު ސޭވްތަކެއްވެސް ކޮށްފަ އެވެ.
ދެވަނަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ.
މިގްރޫޕްގައި ހިމެނޭ އިޓަލީ އާއި އަލްބޭނިއާ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު ބައްދަލުކުރާނެ އެވެ.