އުރީދޫ

އުރީދޫގެ ފުރަތަމަ ޑިޖިޓަލް ރަށް ނ. ލަންދޫއަށް ހަނދާނީ ފިލާ ދީފި

އުރީދޫ މޯލްޑިވްސް އިން ޑިޖިޓަލް އައިލަންޑްގެ ލަގަބު ދިން ފުރަތަމަ ރަށް ނ. ލަންދޫއަށް ހަނދާނީ ފިލާ އަރުވައިފި އެވެ.

އެ ރަށުގައި ބޭއްވި ހަރަކާތެއްގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން މި ފިލާ ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒަށް އެރުވީ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އެވެ. މީގެ އިތުރުން ނިޔާޒު ވަނީ ލަންދޫގެ ރަސްމީ ވެބްސައިޓް އިފްތިތާހުކޮށްދެއްވާފަ އެވެ.

މި ހާއްސަ ލަގަބު އެންމެ ފުރަތަމަ ލަންދޫއަށް އެރުވީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް، ޕަވާޑް ބައި އޭއައި ކެމްޕެއިންގެ ދަށުންނެވެ.

ޑިޖިޓަލް އިންކްލޫޝަން އަދި އެމްޕަވާމަންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއެރުވުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް މި ޕްރޮޖެކްޓްގައި އަލިއަޅުވާލާފައިވެ އެވެ.

އުރީދޫން ވަނީ ލަންދޫ ކައުންސިލާއި ގުޅިގެން އެ ކުންފުނިން އިސްނަގައިގެން ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ.

ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ހާއްސަކޮށް ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުމެވެ.

އުރީދޫ މޯލްޑިވްސްގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އީޖާދީ ހިދުމަތްތަކުގެ ބޭނުން ހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެކަން ކަށަވަރުކޮށް، ޑިޖިޓަލް މި ޒަމާނުގައި އެންމެ ފަހުގެ ކުރިއެރުންތައް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކޮށްދޭ ކަމަށް އުރީދޫން ބުނެ އެވެ.