ހަބަރު

ވާދޫ ކައުންސިލް އިދާރާގައި ބޭނުންކުރަން އަވިން ކަރަންޓު އުފައްދަނީ

ރ. ވާދޫ ކައުންސިލް އިދާރާގައި ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓު އިރުގެ އަވިން ލިބޭ ހަކަތައިން އުފައްދަން ފަށައިފި އެވެ.

ވާދޫ ކައުންސިލްގެ އިންފޮމޭޝަން އޮފިސާ ޔާމިން ފައިސަލް ވިދާޅުވީ ޔޫއެންޑީޕީގެ ހިލޭ އެހީގެ ދަށުން ވާދޫ އެސޯސިއޭޝަން ފޯ ފިއުޗާ ޑިވެލޮޕްމަންޓް (ވަފްދު) ޖަމިއްޔާ އާއި ވާދޫ ކައުންސިލް ގުޅިގެން ވާދޫ ކައުންސިލް އިދާރާގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމަށް ފެށި ޕްރޮޖެކްޓްގެ ދަށުން މިމަހުގެ ތިން ވަނަ ދުވަހު ވާދޫ ކައުންސިލްގެ އިދާރާގެ ފުރާޅުގައި ހަރުކުރި 42 ސޯލާ ޕެނަލް އިން ޖުމްލަ 10.5 ކިލޯ ވޯޓުގެ ކަރަންޓް އުފައްދާ ކަމަށެވެ.

"މިހާރު ވާދޫ ކައުންސިލް އިދާރާގެ ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓު އިރުގެ އަވިން އުފައްދާ ކަރަންޓަށް މިވަނީ ބަދަލުކޮށްފަ. އަދި މިކައުންސިލްގެ އިދާރާއަށް ބޭނުންވާ ކަރަންޓުގެ އިތުރަށް އުފައްދާ ކަރަންޓް ވަނީ ފެނަކަ ކޯޕަރޭޝަންގެ ގްރިޑާ ގުޅާލާފަ. މި ޕްރޮޖެކްޓަކީ 700،000 އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް" ޔާމިން ވިދާޅުވި އެވެ.

ޔާމިން ވިދާޅުވީ ކޮންމެ 20 ދުވަހަކުން އެއް ފީފާގެ ޑީސަލް ފެނަކައަށް ސަލާމަތްކުރެވޭ ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން އިއާދަކުރަނިވި ހަކަތަ އާއި ހަރަދު ކުޑަކޮށް ކަރަންޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު، ވާދޫގެ ރައްޔިތުންނާއި ވާދޫ ސްކޫލްގެ ދަރިވަރުންނަށް ދީފައިވާނެ ކަމަށާއި އަދި މިފަދަ ޕްރޮޖެކްޓް ހިންގާ މެނޭޖްކުރާނެ ގޮތާއި، އިންސްޓޯލްކޮށް، މަރާމާތުކޮށް ބަލަހައްޓާނެ ގޮތުގެ މައުލޫމާތުވެސް މިކަމުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތަކަށް ދީފައިވާނެ ކަމަށް ޔާމިން ވިދާޅުވި އެވެ.

"މިޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ރާއްޖެއިން ބޭރުން ގެނައުމުން ފެށިގެން އިންސްޓޯލްކުރުމުގެ މަސައްކަތާއި ހަމައަށް ކޮށްފައިވަނީ ސީދާ ވަފްދު ޖަމުއިއްޔާއާއި ކައުންސިލްގެ އިދާރާ ގުޅިގެން. މީގެސަބަބުން، މިކަމަށް ޔޫއެންޑީޕީއިން ދެއްވާފައިވާ ބަޖެޓުން އިއާދަކުރަނިވި ހަކަތަ އުފެއްދޭނެ އެންމެ މަތީ މިންވަރަށް އުފެއްދުމަށް ބޭނުންވާ ތަކެތި ކުޑަ ހަރަދަކުން ހޯދާ އިންސްޓޯލް ކުރެވިފައިވޭ." ޔާމިން ވިދާޅުވި އެވެ.

ޔާމިން ވިދާޅުވީ ޕްރޮޖެކްޓްގެ ކޮންސަލްޓަންޓްގެ ފަރާތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިއީ ރާއްޖޭގައި ޔޫއެންޑީޕީގެ، ޖީއީއެފް ފަންޑްގެ ދަށުން ހިންގުނު އިއާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ގިނައިން ކަރަންޓް އުފެއްދޭ ފުރަތަމަ ޕްރޮޖެކްޓްކަން ފާހަގަކުރައްވާފައިވުމީ، މިޕްރޮޖެކްޓް ކާމިޔާބު ކަމާއިއެކު ނިންމާލެވިފައިވާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

މި ފްރޮޖެކްޓުގެ މައުލޫމާތާއި، ކަރަންޓް ހަރަދު ކުޑަކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ވަނީ ވާދޫގެ އަވައްޓެރި ތިންރަށް ކަމުގައިވާ ރ. އަލިފުށި، ރ. ރަސްގެތީމް އަދި ރ. އަނގޮޅިތީމުގެ ހިމެނިގެން ކޮންމެ ރަށަކުން ޖުމްލަ 10 ބޭފުޅުން ވާދޫއަށް ގެނެސް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގާފަ އެވެ. އެގޮތުން އިއްޔެ ހިންގުނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެ ތިން ރަށުން 30 ބައިވެރިން ވަނީ ވާދޫއަށް ޒިޔާރަތް ކޮށްފަ އެވެ.