ދުނިޔެ

އިޒްރޭލާއި ލުބްނާން ހަނގުރާމަކަށް ދިއުމަށް ތާއީދެއް ނުކުރަން: އެމެރިކާ

އިޒުރޭލާ ލުބްނާނާ ދެމެދު ހަނގުރާމައެއް ފަށައިފިނަމަ އިޒުރޭލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ފެންނަ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން މެޓް މިލާ ވިދާޅުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލުބްނާންގެ ރޮކެޓް ހަމަލާތައް ކެނޑިނޭޅި އިޒުރޭލަށް އޮހެމުން ދާއިރު އިޒުރޭލުގެ އަވަށްތަކަށް އެކިވަރުގެ ގެއްލުން ދަނީ ލިބެމުންނެވެ.

ހަނގުރާމައިގެ ރަނގަބީލުތަކާއި އަލިފާން ނިވާ ލޮރީތައް މަގުތަކުގައި އަވަދިނެތި ދަތުރުކުރާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ބުއްދިވެރި ގޮތަކީ ހަމަލާތައް މެދުކަނޑާލުމެވެ. އަދި ޑިޕްލޮމެޓިކް މަޝްވަރާތަކަށް އަވަސްވެގަތުމެވެ.

އިޒުރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް ވިދާޅުވި ގޮތުގައި ލުބްނާންއާ ގުޅިފައި އޮތް އުތުރު ބޯޑަރުގެ ހާލަތު މިހާރު އޮތް ގޮތުން އަސްކަރީ އޮޕަރޭޝަނެއް ފަށަން ޖެހިދާނެ އެވެ. ޑިޕްލޮމެޓިކް މަޝްވަރާތަކަކަށް ފުރުސަތު އޮތް ކަމަށްވެސް ވިދާޅުވި އެވެ.

އިޒުރޭލުގެ އަސްކަރިއްޔާ ބުނާ ގޮތުން ލުބްނާނުން އަތުވެދާނެ ކޮންމެ ހަމަލާއަަކަށް ތައްޔާރުވުމަށް ޔުނިޓްތަކަށް މިހާރު ވާނީ އަންގާފަ އެވެ. އަދި ހާލަތު ހަނގުރާމައަށް ބަދަލުވެދާނެ ކަމަށް ބަލައި ބޮންއަޅާ ބޯޓުތައް ތައްޔާރުކުރުމަށް ވެސް އޮންނާނީ އަމުރުކޮށްފަ އެވެ.

ލުބްނާނާ އިޒްރޭލާ ދެމެދު މިހާރު އުފެދިފައި އޮތް ހަމަނުޖެހުންތަކަކީ، އޮކްޓޯބަރު ހަތެއްގައި އިޒުރޭލުން ފަލަސްތީންގެ ޣައްޒާއަށް ދޭން ފެށި ހަމަލާތަކުން ފެޅި ކުރި އެކެވެ.

ޣައްޒާގައި ހަރަކާތްތެރިވާ ހަމާސްގެ ހަނގުރާމަވެރިންނާ އެކު ތިބިކަން ހާމަކުރުމަށް ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲވެސް -- އިޒުރޭލަށް ހަމަލާދޭން ފެށީ އެވެ.

ޣައްޒާ ހަނގުރާމައިގައި މުޅި ސަރަހައްދުގެ އުމްރާނީ ތަރައްގީި ވަނީ ސުންނާފަތި ކޮށްފަ އެވެ. އިޒުރޭލުގެ ގޮތްކުޑަ އަމަލުތަކުގެ ސަބަބުން، ޣައްޒާގައި މަރުވި މީހުންގެ އަދަދު 37،400 ވަނީ ފަހަނައަޅާފަ އެވެ.

ޣައްޒާގައި އިޒުރޭލުގެ އުދުވާނީ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެެވެ. ރަފާހްގައި ރެފިއުޖީ ކޭމްޕްތަަކަށް ބޮންއެޅުމާއި ވަކިވަކި ފަރުދުންނަށް ދޭ ހަމަލާތައް، އެގޮތުގައި އަދިވެސް ދަނީ ކުރިއަށެވެ.