ދުނިޔެ

ޔުކްރޭނަށް އެހީވުމަކީ އާންމުން ކަންބޮޑުވާކަމެއް: ޗާންސެލަރު

ޖަރުމަނުން ޔުކްރޭނަށް އެހީވުމަކީ އާންމުން ކަންބޮޑުވާ ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށް އެ ގައުމުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވިދާޅުވެއްޖެ އެވެ.

ރަޝިއާއާއި ހަނގުރާމަ ކުރުމަށް ޔޫރަޕްގެ އެހެން ގައުމުތަކާ އިއްތިހާދު ހަދައިގެން، ހަތިޔާރާއި އަސްކަރީ އެހެނިހެން ތަކެތި ޔުކްރޭނަށް ފޮނުވާ މައްސަލާގައި ޖަރުމަނުގެ އާންމުން މަގުތަކަށް ނުކުމެ ވަނީ މުޒާހަރާވެސް ކޮށްފަ އެވެ.

ވެރިކަން ކުރާ ޕާޓީއަށް ކުރިން މިކަން ނޭނގޭ ކަމަށް ހަދައިގެން ތިބި ނަމަވެސް އޯލަފް ޝޯލްޒް މިހެން މިވިދާޅުވީ ސިޔާސީ ގޮތުން ކުރިމަތިވެވަޑައިގަންނަވާ ދަތިތަކާ ހެދި ކަމަށް ހަބަރުތައް ބުނެ އެވެ.

ޔޫރަޕްގެ ޕާލަމަންޓަށް މެމްބަރުން ހޮވުމަށް މިދާކަށް ދުވަހު ބޭއްވި އިންތިހާބުގައިވެސް އޯލަފް ޝޯލްޒްގެ ޕާޓީއަށް އުއްމީދުކުރި ވަރުގެ ކާމިޔާބެއް ނުލިބުނެވެ. އޭގެ ބަދަލުގައި ހުރިހާ މޮޅެއް ހޯދީ އިދިކޮޅުންނެވެ.

އިންތިހާބުން ލިބިވަޑައިގެންނެވި ނަތީޖާއަށް އިޝާރާތްކުރައްވައި ޗާންސެލަރު ވިދާޅުވީ ކޮންމެވެސް ކަމެއް ސަރުކާރަށް ގޯސްކޮށް ކުރެވޭ ކަމަށެވެ.

އޯލަފް ޝޯލްގެ ސަރުކާރުން ރަޝިއާއަށް ދަތިކުރުމަކީވެސް ޖަރުމަނުގެ އާންމުން ނުގަބޫލު ކަމެކެވެ. ނަމަވެސް އެމެރިކާއާ ޔޫރަޕްގެ ބައިވެރިން ގުޅިގެން، އިގްތިސާދީ ގޮތުން ބޮޑެތި ދަތިތައް ވަނީ ރަޝިއާއަށް ކުރިމަތިކޮށްފަ އެވެ. މީގެތެރޭގައި ރަޝިއާއިން ތެޔޮ ނުގަތުމާއި ރަޝިއާގައި އުފައްދާ ތަކެތި ނުގަތުންވެސް ހިމެނެ އެވެ.

ވެެރިކަން ކުރާ ޕާޓީއަށް އާންމުންގެ މަގުބޫލުކަން ކުޑަވުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށްވެސް ޗާންސެލަރު ވިދާޅުވި އެވެ.

ޖަރުމަނުގައި ކުރިއަށް ހުރި އިންތިހާބުތަކުގައި ކާމިޔާބު ހޯދުމަށްޓަކައި ސަރުކާރުގެ ސިޔާސަތަށް ބަދަލުގެންނަވާނެ ކަމަށް ޗާންސެލަރު ވިދާޅެއް ނުވެ އެވެ. ނަމަވެސް ސިޔާސީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ޖަރުމަނުގެ ވިސްނުމަށް ބަދަލުތަކެއް އަންނާނެ އެވެ.

އެމެރިކާގެ ބުނުމަށް ޖަރުމަނުން ވަނީ ޔުކްރޭނަށް ޓޭންކަރުވެސް ފޮނުވާފަ އެވެ. ދިގު ރާސްތާ މިސައިލް ފޮނުވުމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް ޔުކްރޭނަށް މިސައިލް ފޮނުވުމުގައި ޖަރުމަނުގެ އެހީތެރިކަން ކޮންމެވެސް ގޮތަކަށް ދީފާނެ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.