ރައީސް އޮފީސް

ސްޓޭޓް މިނިސްޓަރުންގެ ލިސްޓުން ޝަމްނާޒް ގެއްލިއްޖެ

އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމުގެ ނަމާއި ފޮޓޯ ރައީސް އޮފީހުގެ ވެބްސައިޓުން ގެއްލިއްޖެ އެވެ.

ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ނަމާއި ފޮޓޯ ރައީސް އޮފީހުގެ ވެބްސައިޓްގައި އަބަދުވެސް ހިމަނަމުން ދެއެވެ. އެގޮތުން ޝަމްނާޒްގެ ނަމާއި ފޮޓޯވެސް ރައީސް އޮފީހުގެ ވެބްސައިޓްގައި ސްޓޭޓް މިނިސްޓަރުންގެ ބައިގައި މީގެކުރިން ހިމަނާފައިވެ އެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "ގާތް" ބޭފުޅަކަށް ވުމަށް ޝަމްނާޒް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމާ އެކު އޭނާގެ ނަމާއި ފޮޓޯ ރައީސް އޮފީހުގެ ވެބްސައިޓްގައިވާ ސްޓޭޓް މިނިސްޓަރުންގެ ލިސްޓަކުން މިހާރު ނުފެނެ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައިވާ ސްޓޭޓް މިނިސްޓަރުންގެ ލިސްޓުން ޝަމްނާޒްގެ ނަން ނުފެންނާތީ އޭނާ މަގާމުން ވަކިކުރެއްވީތޯ އެހުމުން މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ހަލީލް އަދި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު، އަވަސްގެ ސުވާލަށް ޖަވާބެެއް ނުދެއްވަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ޝަމްނާޒް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދިރިއުޅުއްވާ މުލިއާގޭގެ އިސް މަގާމަކަށެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ޝަމްނާޒް ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވާފަ އެވެ.

ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި މިމަހުގެ 23 ވަނަ ދުވަހު ޝަމްނާޒްއާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން އިއްޔެ ޔަގީންކޮށްދިން ނަމަވެސް ތަހުގީގު ކުރާ މައްސަލައާއި ގުޅޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ޝަމްނާޒާއި އޭނާގެ ކުރީގެ ފިރިކަލުން އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒަކީ މާލޭގެ މޭޔަރެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު މާލޭ ސިޓީ ކައުންސިލްގައި ރައީސް މުއިއްޒުގެ އެންމެ އަރިސް ދެ ކައުންސިލަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. ނަމަވެސް ރަމީޒުވެސް މިހާރު ހުންނެވީ ރައީސްއާ ކައިރި ނުވެވޭ ގޮތަށް ދުރުކޮށްފަ އެވެ. އެހެންވެ ރައީސްއާ އެކު ރަމީޒު ނުފެންނަތާ ދުވަސްކޮޅެއްވެސް ވެއްޖެ އެވެ.