ފުވައްމުލައް

ފުވައްމުލަކު ޑްރަގު އޮޕަރޭޝަންގައި 14 މީހުން ހައްޔަރުކޮށްފި

ފުވައްމުލަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ އޮަޕަރޭޝަންގައި މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މި އޮޕަރޭޝަން ފުވައްމުލަކުގައި ފެށީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ އެ ސިޓީގައި މަސްތުވާތަކެތި ގެންގުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކުރާށެވެ.

މިއޮޕަރޭޝަން ފުވައްމުލަކު ދޫޑިގަން އަވަށުގައި ފެށުމާ އެކު އެރޭ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަދި ހަމެޖެހުން ނަގާލުމުގެ ކުށުގައި އެރޭ ހަތަރު މީހަކު ފުވައްމުލަކުން ހައްޔަރުކުރި އެވެ.

ފުލުހުން ބުނީ "ވެށި ރައްކަލް"ގެ ނަމުގައި ފުވައްމުލަކުގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރި ކުރަމުންދާ ކަމަށް ބެލެވޭ މީހުންނާއި ތަންތަން ބަލައި ފާސްކުރަމުންދާ ކަމަށެވެ. އެގޮތުން މިއޮޕަރޭޝަންގައި މިހާތަނަށް 14 މީހުން ހައްޔަރުކުރި ނަމަވެސް މިވަގުތު ބަންދުގައި ތިބީ ފަސް މީހުން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ފުވައްމުލަކުގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި 760.45 ގްރާމުގެ މަސްތުވާތަކެތި މިހާތަނަށް ވަނީ އަތުލައިގެންފަ އެވެ.

ފުލުހުން އިތުރަށް ބުނީ މަސްތުވާތަކެތީގެ ވަބާއިން މި ގައުމު ސަލާމަތް ކުރަން ކުރަންޖެހުނު ހުރިހާ މަސައްކަތެއް ސާބިތުކަމާ އެކު ކުރާނެ ކަމަށެވެ.