ހަބަރު

ތިން ރަށަކުން ޑްރަގު، ފަސް މީހަކު ހައްޔަރަށް

ފުލުހުންގެ އޮޕަރޭޝަނެއްގައި ށ.ފުނަދު އާއި ތ. ކިނބިދޫ އަދި ފުވައްމުލަކު ސިޓީން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

މި މީހުން ހައްޔަރު ކުރީ، ޑްރަގާއެކު ފުލުހުންގެ އޮޕަރޭޝަނުގެ ތެރެއިންނެވެ. ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާތީ ފުނަދޫ އިން 31 އަހަރުގެ މީހަކާއި 63 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. އެމީހުން ހައްޔަރު ކުރީ ބަނދަރު ސަރަހައްދުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 34 ސެލޯފިންކޮޅާއެކު އެވެ.

ކިނބިދޫގައި ހިންގި އޮޕަރޭޝަނުގައި 24 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މީގެއިތުރުން، ފުވައްމުލަކުގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ އުޅުނު ގެ ބަލާ ފާސް ކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުވައްމުލަކުން ހައްޔަރު ކުރި މީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.